ކުޅިވަރު
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ 16ގެ މެޗުތައް ބުރާސްފަތީގައި ފަށަނީ
ޒޯން ބުރުގެ ފައިނަލުގައި ވިލިމާލެ އާއި މައްޗަންގޮޅި ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: އިމޭޖަސް.އެމްވީ
ރާއްޖޭގައި އެންމެ ގިނަ ބަޔަކު ޝާމިލުވާގޮތަށް ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގަދަ 16ގެ މެޗުތައް ބުރާސްފަތި ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މި މުބާރާތުގެ 8 ޒޯންގެ ފައިނަލް މެޗުތައް އާދީއްތަ އަދި ހޯމަ ދުވަހުގެރޭ ކުޅެ ނިމިފައިވާއިރު، ގަދަ 16ގެ ގުރުއަތު ނެގުން ބޭއްވީ ހޯމަ ދުވަހުގެރޭ ކުޅުނު މެޗުތަކަށްފަހުއެވެ.
އެގޮތުން ޒޯން ބުރުގެ ޗެމްޕިއަނުން ސީޑުކުރީ ފުރަތަމަ ޕޮޓަށެވެ. އަދި ކޮންމެ ޒޯނެއްގެ ދެވަނައަށް ދިޔަ ޓީމުތައް ދެވަނަ ޕޮޓަށް ސީޑުކުރިއިރު، ގުރުއަތުނެގުން ބާއްވާފައި ވަނީ، އެއް ޒޯނަކުން އައި ދެ ޓީމެއް ފައިނަލްގެ ކުރިން ދެން ބައްދަލުކުރަން ނުޖެހޭ ގޮތަށެވެ. އެއީ ޒޯން 1އިން 4ގެ ޗެމްޕިއަނުންނާއި ޒޯން 5އިން 8ގެ ރަނަރަޕް ޓީމުތައް ބައްދަލުކުރަން ޖެހޭގޮތަށެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖު 2026ގެ ގަދަ 16ގެ މެޗުތައް ތާވަލުކޮށްފައިވާ ގޮތް:
މެޗު 1: ދުވާފަރު – ހިތަދޫ
މެޗު 2: އޭދަފުށި – މައްޗަންގޮޅި
މެޗު 3: ނައިވާދޫ – ދިއްގަރު
މެޗު 4: މަތިވެރި – އިސްދޫ
މެޗު 5: ތިމަރަފުށި – މާރަންދޫ
މެޗު 6: ދެއްވަދޫ – ކެޔޮދޫ
މެޗު 7: ކުޑަހުވަދޫ – ކަނޑިތީމު
މެޗު 8: ވިލިމާލެ - ގާފަރު
ހުޅުމާލެ ރެހެންދި ފުޓްސަލް ގްރައުންޑުގައި ކުޅޭ މި މުބާރާތުގެ ގަދަ 16ގެ ހުރިހާ މެޗެއް ކުޅޭނީ މި މަހުގެ 5ވަނަ ދުވަހުއެވެ. އެގޮތުން ފުރަތަމަ ދެ މެޗު 16:00ގައި ފެށުމަށް ހަމަޖެހިފައިވާއިރު، މެޗު 3 އަދި 4 ކުޅޭނީ ރޭގަނޑު 20:00 ގައެވެ. އަދި މެޗު 5 އަދި 6 21:30ގައި ފަށާއިރު، ފަހު ދެ މެޗު ފަށާނީ 22:30ގައެވެ.
މިއީ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން މި މުބާރާތް ބާއްވާ 10ވަނަ ފަހަރެވެ. މި ފަހަރުގެ މުބާރާތުގައި 119 ޓީމެއް ވަނީ ބައިވެރިވެފައެވެ.