ކުޅިވަރު

ޗެލްސީ ބަލިކޮށް އާސެނަލް ލީގު ކަޕްގެ ފައިނަލަށް

ޗެލްސީ ބަލިކޮށް އާސެނަލް ލީގު ކަޕްގެ ފައިނަލަށް

އާސެނަލްގެ ގޯލު ކާމިޔާބުކުރުމަށްފަހު ކައި ހަވަޓްސް އުފާފާޅުކުރަނީ / ފޮޓޯ: އޭޕީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

04 ފެބްރުއަރީ 2026، 09:03

04 ފެބްރުއަރީ 2026، 09:03

ޗެލްސީ ބަލިކުރުމަށްފަހު އިނގިރޭސި ލީގުގައި މި ސީޒަންގައި އެންމެ ވަރުގަދަކޮށް ފެންނަ އާސެނަލްއިން، އިނގިރޭސި ލީގުކަޕްގެ ފައިނަލުން ޖާގަހޯދައިފިއެވެ.

އާސެނަލް އެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ، ސެމީ ފައިނަލްގެ ދެ ލެގުގައި ވެސް ޗެލްސީ ބަލިކޮށްގެންނެވެ. އެގޮތުން އަންގާރަދުވަހުގެރޭ ކުޅުނު މެޗު 1-0އިން ކާމިޔާބުކުރިއިރު، ފުރަތަމަ ލެގު އާސެނަލް ކާމިޔާބުކުރީ 3-2އިންނެވެ.

ސެމީފައިނަލްގެ ދެވަނަ ލެގު ލަންޑަންގައި ހުންނަ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނުއިރު، މި މެޗަށް ޗެލްސީއިން ނިކުތީ އެޓޭކިން ގޭމަކަށް ތައްޔާރުވެގެންނެވެ. އެގޮތުން އެ ޓީމުން ކުޅުނީ 3-5-2 ފޯމޭޝަންގައި، ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައި ވެއެވެ.

މީގެ އިތުރުން ޗެލްސީއިން ކުޅުނީ، އާސެނަލްއަކީ ސެޓްޕީސްތަކަށް ރަނގަޅު ޓީމެއް ކަމުން، އެކަމަށް ސަމާލުވެގެންކަން ފާހަގަ ކުރެވުނެވެ. 

އާސެނަލް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައި ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ކައި ހަވަޓްޒްއެވެ.

މި މުބާރާތުގެ ފައިނަލުގައި އާސެނަލްއާ ދެކޮޅަށް ކުޅޭނެ ޓީމެއް އެނގޭނީ ނިއުކާސަލް ޔުނައިޓެޑް އާއި މެންޗެސްޓަރ ސިޓީ މިރޭ ކުޅޭ މެޗަށްފަހުއެވެ.
އާސެނަލް އެންމެ ފަހުން ލީގު ކަޕްގެ ފައިނަލުގައި ކުޅެފައިވަނީ 2018 ވަނަ އަހަރުއެވެ. އަދި އެ ޓީމަށް އެންމެ ފަހުން ބޮޑު މުބާރާތެއް ކާމިޔާބު ކުރެވިފައިވަނީ 2020 ވަނަ އަހަރުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450