ރިޕޯޓް
ރައްކާތެރިކަމުގެ ފަޔަވަޅުތަކާއި އެކު ކެންސަރުގެ 40 އިންސައްތަ ހުއްޓުވިދާނެ!
ދުނިޔޭގެ ކެންސަރު ބަލީގެ ދުވަސް 2026
ކޮންމެ އަހަރެއްގެ ފެބުރުވަރީ މަހުގެ 4 ވަނަ ދުވަހަކީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގެ ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެކެވެ. މިއީ މި ނުރައްކާތެރި ބައްޔާމެދު އާންމުން ހޭލުންތެރިކުރުވައި، ތަޢުލީމީ ގޮތުން މުޖުތަމަޢު ބާރުވެރިކޮށް، ބަލިން ރައްކާތެރިވުމަށް އެންމެން ގުޅިގެން އަމަލީ މަސައްކަތްތަކެއް ކުރުމަށް ބާރުއަޅާ ދުވަހެކެވެ. ކެންސަރު ބައްޔަކީ ހަމައެކަނި ބަލިމީހާގެ ހަށިގަނޑަށް ކުރިމަތިވާ ފިޒިކަލް ނުވަތަ ޖިސްމާނީ ގޮންޖެހުމެއް ނޫނެވެ. މިއީ ބަލިމީހާގެ އިތުރުން އާއިލާތަކާއި، ރަހުމަތްތެރިންނާއި، މުޅި މުޖުތަމަޢުގެ ނަފްސާނީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް ބޮޑު އަސަރެއް ފޯރުވާ ދިގުމުއްދަތުގެ ބައްޔެކެވެ.
ރައްކާތެރިކަމުގެ ފަޔަވަޅުތަކާއި އެކު ކެންސަރުގެ 40 އިންސައްތަ ހުއްޓުވިދާނެ!
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ ޑަބްލިއުއެޗްއޯ އާއި އިންޓަރނޭޝަނަލް އެޖެންސީ ފޯ ރިސާޗް އޮން ކެންސަރު އިން ދާދިފަހުން ކުރި ދިރާސާއަކުން ހާމަވާ ގޮތުގައި، ދުނިޔޭގައި ކެންސަރު ޖެހޭ ކޮންމެ 10 މީހަކުން 4 މީހުންނަކީ ބަލި ޖެހުމުގެ ކުރިން ދުރާލާ އަޅާ ފިޔަވަޅުތަކުން އެ ބަލިން ރައްކާތެރިކުރެވިދާނެ މީހުންނެވެ. މި ދިރާސާގައި ކެންސަރު ޖެހުމަށް މެދުވެރިވާ 30 ސަބަބެއް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުމާއި، ބަނގުރާ ބުއިމާއި، ހަށިގަނޑުގެ ބަރުދަން އިތުރުވުމާއި، ކަސްރަތު ނުކުރުމާއި، ވައިގެ ނުސާފުކަމުގެ އިތުރުން ކެންސަރަށް މަގުފަހިކުރާ 9 ބާވަތެއްގެ އިންފެކްޝަން ހިމެނެއެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު އަލަށް ކެންސަރު ޖެހުނު 7.1 މިލިއަން ކޭސްއަކީ ސީދާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުނުނަމަ ހުއްޓުވޭނެ ކޭސްތަކެވެ. މީގެ ތެރެއިންވެސް ދުންފަތަކީ މުޅި ދުނިޔޭގައިވެސް ކެންސަރު ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބެވެ.
ދިވެހިރާއްޖޭގެ ފަރުވާގެ ނިޒާމު: އަތޮޅުތަކަށް އުއްމީދީ އިންގިލާބެއް
ރާއްޖޭގެ ހާލަތަށް ބަލާއިރު، އާސަންދައިގެ ދަށުން އެންމެ ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ފަރުވާއަށްދާ ބައްޔަކީ ކެންސަރެވެ. 2017 ވަނަ އަހަރު ކެންސަރުގެ ފަރުވާ ރަސްމީކޮށް ރާއްޖޭގައި ފެށުނު ފަހުން، މިހާތަނަށް 1900 އަށްވުރެ ގިނަ މީހުން ވަނީ ޤައުމީ ކެންސަރު ދަފްތަރުގައި ރަޖިސްޓްރީވެފައެވެ. މިއީ އަހަރަކު އެވްރެޖްކޮށް 230 އަށްވުރެ ގިނަ އާ ކޭސްއެވެ.
ކެންސަރު ބަލީގެ ފަރުވާގައި ރާއްޖެއަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ، ފަރުވާގެ ޚިދުމަތްތައް އަތޮޅުތަކަށް ފުޅާވެގެން ދިއުމެވެ. ޒަމާންތަކެއް ވަންދެން ހަމައެކަނި މާލެއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި، ދާދިފަހުން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ޚިދުމަތް ފެށުމަކީ ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ. މިއީ މާލޭގެ ބޭރުން ކީމޯތެރަޕީ ދޭން ފެށި 4 ވަނަ ހޮސްޕިޓަލެވެ. މީގެ ސަބަބުން އަތޮޅުތަކުގެ ރައްޔިތުންނަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.
ހަމަހަމަ ފަރުވާއާއި ކުރިމަގުގެ ޕްލޭން
އޮންކޮލޮޖިސްޓް ޑރ. މުޙައްމަދު އަމްރު އަޙްމަދު ފާހަގަކުރައްވާ ގޮތުގައި، ރާއްޖޭގެ ފަރުވާގެ ނިޒާމަކީ ކުރިއަރާފައިވާ ބައެއް ޤައުމުތަކާ އަޅާބަލާއިރުވެސް ތަފާތު ނިޒާމެކެވެ. އެއްވެސް މީހެއްގެ ފެންވަރަށް ބެލުމެއް ނެތި، ޤައުމީ ހެލްތު އިންޝުއަރެންސްގެ ދަށުން އެންމެންނަށް ހަމަހަމަ ފަރުވާ ފޯރުކޮށްދިނުމަކީ ދިވެހިންނަށް ލިބިފައިވާ ބޮޑު "ޕްރިވިލެޖް" އެކެވެ.
ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ، ކެންސަރު ކޮންޓްރޯލް ކުރުމަށްޓަކައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ސަރުކާރުގެ އެންމެ މަތީ ފަންތިން މިއަދު އިސްކަންދޭ ކަމަށެވެ. އަދި ބަލީގެ ތަފާސްހިސާބުތައް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމާއި، އެޗް.ޕީ.އޭ އާއި އެންސްޕާ ގުޅިގެން ކެންސަރުގެ ގަވަރނެންސް ހަރުދަނާކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދުރާލާ ރައްކާތެރިވުމުގެ މުހިންމުކަން
ބަލިތަކަށް ފަރުވާ ހޯދުމަށްވުރެ ބޮޑަށް އިސްކަންދޭންޖެހެނީ ބަލިން ރައްކާތެރިވުމަށެވެ. މިގޮތުން ރާއްޖޭގައި މިހާރުވެސް ޢުމުރުން 9 އަހަރާއި 14 އަހަރާ ދެމެދުގެ އަންހެން ކުދިންނަށް ސަވައިކަލް ކެންސަރުން ރައްކާތެރިވުމަށް އެޗް.ޕީ.ވީ ވެކްސިން ދެވެމުންދެއެވެ. އަދި ހުރިހާ ރީޖަނަލް ހޮސްޕިޓަލެއްގައި ކެންސަރު ދެނެގަތުމަށް ހަދާ މެމޮގްރާމް ފަދަ ސްކްރީނިންގ ޚިދުމަތްތައް ދަނީ ފުޅާކުރަމުންނެވެ.
ހަށިގަނޑުން އެއްވެސް ތަފާތު ކަމެއް، މިސާލަކަށް ގޮށްލުމެއް، އާދަޔާ ޚިލާފަށް ބަނޑުގައި ރިހުމެއް ނުވަތަ ކެއްސުމެއް ފާހަގަވާނަމަ، ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ބަލި ކުރީކޮޅު ދެނެގަނެ ފަރުވާ ކާމިޔާބު ކުރުމަށް އޮތް އެންމެ ބޮޑު ފުރުޞަތެވެ.
ކެންސަރަކީ ހަމައެކަނި ބަލިމަޑުކަމެއް ނޫނެވެ. މިއީ ޤައުމުގެ އުފެއްދުންތެރިކަމަށް އޮތް ގޮންޖެހުމެކެވެ. އެހެންކަމުން، ދުޅަހެޔޮ ދިރިއުޅުމުގެ ވައްޓަފާޅިއެއް ޚިޔާރުކޮށް، ދުންފަތާ ދުރުހެލުވެ، ހެލިފެލިވެ އުޅުމުގެ އާދަ އަށަގަންނުވަން ޖެހެއެވެ. ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް މުޖުތަމަޢުގެ ފަރާތުން ބޭނުންވަނީ އަޅާލުމާއި، ލޯތްބާއި، އުއްމީދެވެ. އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، ކެންސަރުގެ ބުރަ މުޖުތަމަޢުން ކުޑަކުރެވިދާނެއެވެ.