Ads by Stelco

ޚަބަރު

މާލޭގައި އިމާރާތްކުރަމުންދާ ކްރިއޭޓަރ ހަބް މިއަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުޅުވަނީީ

މާލޭގައި އިމާރާތްކުރަމުންދާ ކްރިއޭޓަރ ހަބް މިއަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުޅުވަނީީ

ކްރިއޭޓަރ ހަބްގެ ޑިޒައިން އިފްތިތާޙުކުރުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 ފެބްރުއަރީ 2026، 03:08

07 ފެބްރުއަރީ 2026، 03:08

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން މާލޭގައި އިމާރާތްކުރަމުންދާ ކްރިއޭޓަރ ހަބް މި އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ހުޅުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ، މި އިމާރާތަކީ ދިވެހިރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ވަކިން ޚާއްޞަކޮށް، ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ތަރައްޤީކުރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އެގޮތުން، މި އިމާރާތުގައި ދިވެހި ފަންނުވެރިންނަށާއި އުފެއްދުންތެރިންނަށް ޚާއްޞަ މަސައްކަތް ކުރުމުގެ ޖާގަތަކެއް ޤާއިމުކުރެވިގެންދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި އިމާރާތުގެ 8 ވަނަ ފަންގިފިލާގެ ޝީޓު އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާއިރު، އިރާދަކުރެއްވިއްޔާ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި، މި އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ހުޅުވާނަން.

ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކުދި ވިޔަފާރިތަކަށް ދޭ އެންމެހައި ޚިދުމަތްތައް، އެއް ފުރާޅެއްގެ ދަށުން ދެވޭ ޚާއްޞަ މަރުކަޒަކަށް މިތަން ވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެހެންމެ، މި އިމާރާތުގައި ދިވެހި ހުރިހާ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް ބީ.ސީ.ސީ.އިން ދެމުންދާ ކޮންސަލްޓަންސީގެ ޚިދުމަތްތަކާއި، ވިޔަފާރީގެ މަސައްކަތުގެ ޖާގަތަކާއި، އަދި އޮތެންޓިކް މޯލްޑިވްސްގެ މާލެ ފިހާރަވެސް ޤާއިމުކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކްރިއޭޓަރ ހަބް ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަސައްކަތް ފެޑޯ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާއިރު، މި ހަބް އިމާރާތްކުރަނީ ޗާންދަނީ މަގު ޕްލޮޓް ނަންބަރު 23 ގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450