ކުޅިވަރު
ޔުނައިޓެޑުން ސްޕާސް ބަލިކޮށް ޖެހިޖެހިގެން ހަތަރުވަނަ މޮޅު ހޯދައިފި
ޔުނައިޓެޑުގެ ފުރަތަމަ ގޯލު ކާމިޔާބުކުރުމަށްފަހު ކުޅުންތެރިން އުފާފާޅުކުރަނީ / ފޮޓޯ: އޭއެފްޕީ
އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުން ޓޮޓެންހަމް ހޮޓްސްޕާރ ބަލިކޮށް، މައިކަލް ކެރިކް އެ ޓީމާ ހަވާލުވި ފަހުން ޖެހިޖެހިގެން ހަތަރުވަނަ މޮޅު ހޯދައިފިއެވެ.
ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކުރީ 2-0އިންނެވެ.
މި މެޗުގައި ސްޕާސްއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ އެ ޓީމުގެ ކެޕްޓަން ކްރިސްޓަން ރޮމޭރޯއަށް މެޗުގެ ކުރީކޮޅު ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލުމެވެ. މެޗުގެ 29ވަނަ މިނެޓުގައި ރޮމޭރޯއަށް ދެއްކި މި ރަތް ކާޑަކީ ޔުނައިޓެޑުގެ މެދުތެރެއަށް ކުޅެމުން އަންނަ ކަސަމީރޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޭނާއަށް ދެއްކި ކާޑެކެވެ.
މެޗު ފަށައިގެން މޮޅަށް ގުޅެ ގިނަ ހަމަލާތަކެއް އުފައްދަމުންދިޔަ ޔުނައިޓެޑަށް ލީޑު ނަގައިދިނީ އެ ޓީމަށް ލިބުނު ކޯނަރަކުން ހޯދި ފުރުސަތެއްގައި ބްރްޔަން އެމްބޫމޯއެވެ.
ޔުނައިޓެޑުގެ ދެވަނަ ގޯލަކީ މެޗު ނިމެން 9 މިނެޓަށްވެފައި ވަނިކޮށް ބްރޫނޯ ފެނާންޑޭސް ކާމިޔާބުކުރި ގޯލެކެވެ. މިއީ އޭނާ މިހާތަނަށް ޔުނައިޓެޑަށް ކުޅުނު 314 މެޗުން، ގޯލު ޖަހައިގެންނާއި ގޯލު ޖެހުމުގައި ބައިވެރިވެގެން ހަމަކުރި 200ވަނަ ގޯލެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، ޔުނައިޓެޑުގައި ވޭން ރޫނީއަށް ފަހު އެންމެ އަވަހަށް 200 ގޯލު ކާމިޔާބު ކުރުމުގައި ޝާމިލްވެފައި މިވަނީ ފެނާންޑޭޒްއެވެ. މިއީ ޔުނައިޓެގެ އެހެން ގިނަ ލެޖެންޑުންނަށް ވުރެ ބޮޑު ކުރިއެރުމެކެވެ. މި އަދަދު ކްރިސްޓިއާނޯ ރޮނާލްޑޯއަށް ހަމަކުރެވުނީ 339 މެޗުންނެވެ. އަދި ޑޭވިޑް ބެކަމްއަށް 393 މެޗުން މި އަދަދު ހަމަކުރެވުނުއިރު، ރަޔަން ގިގްސް 200 ގޯލުގައި ބައިވެރިވުމަށް 424 މެޗު ހޭދަވިއެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑު އޮތީ ލީގުގެ ހަތަރުވަނައިގައެވެ. އަދި އެ ޓީމާއި ތިންވަނައިގައި އޮތް އެސްޓަން ވިލާއާ ދެމެދު އޮތީ 3 ޕޮއިންޓުގެ ފަރަގެކެވެ.