ކުޅިވަރު
ޑައިމަންޑް ޖުބުލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް މުބާރާތް ފަށައިފި
ވިލާއިން މެޗުގެ ފަހު ގޯލު ކާމިޔާބު ކުރުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: ޕީއެސްއެމް
ދިވެހި ފުޓުބޯޅައަށް 75 އަހަރުފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޑައިމަންޑް ޖުބުލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް މުބާރާތް ހޮނިހިރު ދުވަހު ފަށައިފިއެވެ.
ހަތަރު ޓީމަކުން ވާދަކުރާ މި މުބާރާތުގައި ހޮނިހިރު ދުވަހު ވަނީ ދެ މެޗު ކުޅެފައެވެ.
އެގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރީ އަހުމަދިއްޔާ އިންޓަނޭޝަނަލް ހައި ސްކޫލް އާއި ސީއެޗްއެސްއީ ހުޅުމާލެއެވެ. އެ މެޗު 6-0އިން ކާމިޔާބުކުރި އަހުމަދިއްޔާއެވެ.
ގަލޮޅު ދަނޑުގައި ހޮނިހިރު ދުވަހު ހަވީރު ކުޅުނު މި މެޗުގައި އަހުމަދިއްޔާއިން ވަނީ ފުރަތަމަ ހާފުގައި 5 ގޯލުގެ ލީޑެއް ނަގާފައެވެ. އެ ޓީމުގެ ގޯލުތައް ކާމިޔާބުކުރީ ޙުސެއިން އާއިޝް އަބްދުލް ވާޙިދު އާއި މުޙައްމަދު ޒޯރޯން އަޔާޒް އާއި އައްފާން ބިން އަޙުމަދު އަދި އަޙުމަދު އަކްމަލް ރަޝީދުއެވެ. މީގެތެރެއިން އަކްމަލް ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ.
އަހުމަދިއްޔާގެ ފަހު ގޯލަކީ އިދިކޮޅު ޓީމުގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.
މިބާރާތުގެ ދެވަނަ މެޗުގައި ހޮނިހިރު ދުވަހުގެރޭ ބައްދަލުކުރީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އާއި ސީއެޗްއެސްއީ މާލެއެވެ.
މި މެޗުގައި ސީއެޗްއެސްއީ ލީޑު ނެގީ 18 ވަނަ މިނިޓުގައި އެޓީމުގެ ކެޕްޓަން އަހުމަދު މިކްއާލް މުއީން އޭރިއާތެރެއަށް ނެގި ބޯޅައެއް ވިލާގެ ޔޫސުފް ނަމިކް އަލީ ނަސީރު ދިފާއުކުރަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވަތް ގޯލުންނެވެ.
ވިލާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 35 މިނިޓުގައި ކުލަބު އީގަލްސް އަށް ކުޅެމުން އަންނަ އަޙުމަދު ލައިތު އައްބާސް ކާމިޔާބުކުރި ގޯލުންނެވެ.
އަދި ސީއެޗްއެސްއީ މޮޅުވީ އެންމެ ފަހު މިނިޓުގައި އޭރިއާ ތެރެއަށް ވަދެ ދެ ކުޅުންތެރިން ކައިރިން ނައްޓާލާ މުޙައްމަދު ސައިމް އިބްރާޙިމް ގޯލުގެ ދުރުކަނަށް އަމާޒުކޮއްލި ބޯޅައިންނެވެ.
މި މޮޅާއެކު ސީއެޗްސީ މާލެ އާއި އަހުމަދިއްޔާ އިންޓަރނޭޝަނަލް ސުކޫލުން ވަނީ ތިން ޕޮއިންޓް ހޯދާފައެވެ. މުބާރާތުގެ ކުޅުން ދެން އޮންނާނީ ހޯމަދުވަހުއެވެ.