ޚަބަރު
އިންތިޚާބާއި ނުލާ މިހާތަނަށް 7 އިންސައްތަ ގޮނޑި ކާމިޔާބު ކުރެވުމުން ދައްކުވައިދެނީ ރައީސް މުޢިއްޒަށް އޮތް ތާއީދު: އެމްޕީ ފަލާޙް
ކައުންސިލް އިންތިހާބުގެ ކެމްޕެއިން އައްޑޫ ސިޓީގައި ފެށުމަށް ބޭއްވި ޚާއްސަ ޖަލްސާ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، ވޯޓަކާ ނުލައި މިހާރު ވެސް ޕީއެންސީއަށް ހަތް އިންސައްތަ ގޮނޑި ކާމިޔާބުކުރެވިފައިވާ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ ކައުންސިލް އިންތިހާބުގެ ކެމްޕެއިން އައްޑޫ ސިޓީގައި ފެށުމަށް ބޭއްވި ޚާއްސަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ފަލާހު ވިދާޅުވީ އިންތިހާބުގެ ކުރިން ވެސް ޕީއެންސީއަށް ބޮޑު ކާމިޔާބީއެއް ލިބިފައިވާ ކަމަށާއި، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުންގެ މެދުގައި އޮތް ތާއީދު ހާމަވާ ކަމެއް ކަމަށެވެ. "ގާތްގަނޑަކަށް މިހާރު ވެސް ހަތް ޕަސެންޓު ގޮނޑި ކާމިޔާބު ކުރެވިއްޖެ އިންތިހާބަކާ ނުލައި. އެހެންވީމާ، ދިވެހި ރައްޔިތުންގެ ތާއީދު މި ޕީއެންސީއަށް، އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ އަށް އޮތް މިންވަރު މި އެނގުނީ،" ފަލާހު ވިދާޅުވިއެވެ.
ކެންޑިޑޭޓުން ނަން ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ދީފައިވާ މުއްދަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާއިރު، އެ މުއްދަތު ހަމަވާއިރު އިންތިހާބަކާ ނުލައި ޕީއެންސީއަށް 10 އިންސައްތަ ގޮނޑި ކާމިޔާބު ކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އިދިކޮޅު އެމްޑީޕީގެ ތެރޭގައި އޮތް ސިޔާސީ ކޯޅުންތަކުގެ ސަބަބުން އެ ޕާޓީގެ ކެންޑިޑޭޓުން އެމްޑީޕީއާއެކު ކުރިއަށްދާން ބޭނުންނުވާ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ތަރައްގީއަށް އަލިއަޅުވާލައްވަމުން ފަލާހު ވިދާޅުވީ، ވޭތުވެދިޔަ 15 އަހަރު ތެރޭގައި އައްޑޫއަށް ޕީއެންސީ ފިކުރުގެ މޭޔަރަކު އިންތިހާބު ކުރެވިފައި ނުވާ ކަމަށާއި، އޭގެ ސަބަބުން އައްޑޫގެ ތަރައްގީއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެހެންކަމުން، ސަރުކާރުގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށްޓަކައި ހުރިހާ ސިޓީތަކަކާއި ރަށްތަކަކުން ޕީއެންސީގެ ކެންޑިޑޭޓުން ހޮވައިދިނުމަށް އޭނާ އެދިވަޑައިގަތެވެ.
ފަލާހުގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ޕީއެންސީން އެދޭ ފަދަ ބޮޑު އަޣުލަބިއްޔަތަކުން ކައުންސިލްތައް ކާމިޔާބު ކުރެވިއްޖެނަމަ، މި ފަސް އަހަރުގެ ތެރޭގައި ރާއްޖެއިން ދުވަހަކުވެސް ނުދެކޭ ފަދަ ބޮޑު ތަރައްގީއެއް ރައްޔިތުންނަށް ފެނިގެންދާނެ ކަމަށެވެ.