ކުޅިވަރު
އޭޝިއަން ޗެމްޕިއަންޝިޕްގައި ޖަޕާނު ބަލިކޮށް ރާއްޖެއިން ލޯ މެޑަލް ހޯދައިފި
އޭޝިއަން ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ ޓީމު---
ހޮންގް ކޮންގައި ބޭއްވި އޭޝިއަން މެންސް ނެޓްބޯލް ޗެމްޕިއަންޝިޕް 2026ގައި ޖަޕާން ބަލިކޮށް، ރާއްޖެއިން ލޯ މެޑަލް ހޯދައިފިއެވެ.
މިއީ ރާއްޖޭގެ ނެޓްބޯޅަ ޓީމުން ބައިނަލްއަޤުވާމީ މުބާރާތެއްގައި ވާދަކުރި ފުރަތަމަ ފަހަރެވެ.
މި މުބާރާތުގައި ވާދަކޮށްފައި ވަނީ މުބާރާތް އިންތިޒާމުކުރާ ހޮން ކޮންގް އާއި ޖަޕާނާއި ރާއްޖޭގެ އިތުރުން މެލޭޝިއާއެވެ. މިއީ މި ބައްރުގައި ފިރިހެން ޑިވިޝަނަށް އަމާޒުކޮށް ނެޓްބޯޅަ މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރު ވެސް މެއެވެ.
މި މުބާރާތުގައި ރާއްޖެއިން ފުރަތަމަ ބައްދަލުކުރީ މެލޭޝިއާއާއެވެ. އެ މެޗުން ރާއްޖެ ބަލިވީ 62-11 ޕޮއިންޓުންނެވެ. އަދި ދެވަނަ މެޗުގައި ހޮންގް ކޮންގް އަތުން 74-16 އިން ބަލިވިއިރު، ފަހު މެޗު ޖަޕާންއާ ދެކޮޅަށް ކުޅެ ރާއްޖެއިން ކާމިޔާބުކުރީ 28-21 އިންނެވެ.
ރާއްޖެއިން ލޯ މެޑަލް ހޯދިއިރު، ދިިވެހި ޓީމް މުބާރާތަށް ދިއުމަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ފަރިތަކުރުންތައް ކުރިޔަށްގެންދިޔައީ އައުޓްޑޯ ކޯޓެއްގައެވެ. ނަމަވެސް މުބާރާތުގެ އެއް މެޗު ފިޔަވާ ބާކީ މެޗުތައްކުޅެފައިވަނީ އިންޑޯ ކޯޓެއްގައިކަން ފާހަގަކޮށްލެވެއެވެ.