ކުޅިވަރު
ގޯލްޑަން ފުޓްސަލް ޗެލެންޖު: މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކުއާޓާއިން ކަޓައިފި
ކުއާޓާ ފައިނަލް މެޗުގައި ދެއްވަދޫ އާއި ތިމަރަފުށި ބައްދަލުކުރި މެޗުގެ ތެރެއިން / ފޮޓޯ: ވަން ސްޕޯޓްސް
މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ތިމަރަފުށި، މި އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުން ކަޓައިފިއެވެ. ތިމަރަފުއްޓަކީ މި މުބާރާތް ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވާ ޓީމެކެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ގްރަންޑުގައި ކުރިޔަށްދާ މި މުބާރާތުން ތިމަރަފުށި ކެޓީ، ކުއާޓާ ފައިނަލުގައި ދެއްވަދޫ އަތުން ޕެނަލްޓީ ޖަހައިގެން ބަލިވުމުންނެވެ.
ފޯރިގަދަކޮށް ކުރިޔަށް ދިޔަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 3-3އިން އެއްވަރުވެފައެވެ. ޕެނަލްޓީގައި ދެއްވަދޫން ކުރި ހޯދީ 5-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ފުރަތަމަ ލީޑު ނެގީ ތިމަރަފުށިންނެވެ. އެ ޓީމަށް ލީޑު ނަގައިދިނީ 3ވަނަ މިނެޓުގައި އަބްދުالله ޒިޔާންއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މުޙައްމަދު އިމްރާން ގެ ދެ ގޯލާއެކު ދެއްވަދޫއިން ލީޑު ނެގިއެވެ.
މެޗުގެ ފަހު ހާފުގައި އަނެއްކާ ވެސް ތިމަރަފުށިން ލީޑު ނެގިއެވެ. އެއީ އިބްރާޙިމް ސިނާޙުގެ ގޯލަކުންނާއި އަޙުމަދު އަފްލާޒް ކާމިޔާބުކުރި ދުރު ޕެނަލްޓީއަކުންނެވެ.
އަދި މެޗު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް ދެއްވަދޫއަށް ނަތީޖާ ހަމަހަމަކޮށްދިނީ އަލީ ހައިސަމްއެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި ތިމަރަފުށި ބަލިވީ ސިނާޙް ޖެހި ޕެނަލްޓީ ކާމިޔާބު ނުކުރެވުުންނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކުއާޓާ ފައިނަލްގެ ހުރިހާ މެޗެއް ރޭ ކުޅުނުއިރު، މުބާރާތުގެ ފައިނަލަށް ދެއްވަދޫގެ އިތުރުން ދެން ދަތުރުކުރީ ނައިވާދޫ، އޭދަފުށި އަދި ވިލިމާލެއެވެ.
މިބާރާތުގެ ސެމީފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11ވަނަ ދުވަހުގެ ރެއެވެ.