ވިޔަފާރި
ގްރޭޓާ ބޭ އެއާރލައިނުން ހޮންގް ކޮންގް އާއި ރާއްޖެއާ ދެމެދު ޗާޓަރ ދަތުރުތަކެއް ފަށައިފި
ގްރޭޓާ ބޭ އެއާރލައިނަށް މަރުހަބާ ކިއުން / ފޮޓޯ: އެމްއޭސީއެލް
ފަރުދުން
09 ފެބްރުއަރީ 2026، 11:01
09 ފެބްރުއަރީ 2026، 11:01
ގްރޭޓާ ބޭ އެއާރލައިނުން ޗައިނާގެ ހޮންގް ކޮންގް އާއި ދިވެހިރާއްޖެއާ ދެމެދު ޗާޓަރ ދަތުރުތަކެއް ފަށައިފިއެވެ.
މި ދަތުރުތައް ފަށާފައިވަނީ ޗައިނާގެ އައު އަހަރާ ދިމާކޮށެވެ.
އެގޮތުން މި ދަތުރުތައް މި މަހުގެ 25ގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާއިރު، ކޮންމެ ދުވަހަކު އެއް ދަތުރު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
ޗައިނާގެ އައު އަހަރާ ދިމާކޮށް އެ ޤައުމުން ގިނަ އަދަދެއްގެ ފަތުރުވެރިން އާންމު ގޮތެއްގައި ރާއްޖެއަށް އާދެއެވެ. އެހެންކަމުން މި ދުވަސްވަރާ ދިމާކޮށް ގްރޭޓާ ބޭ އެއާރލައިނުން ފެށި ދަތުރުތަކަށް ބޭނުންކުރަން ހަމަޖެހިފައި ވަނީ ބޮއިންގ 800-737 މަރުކައިގެ މަތިންދާ ބޯޓެކެވެ. މިއީ 189 ނުވަ ފަސިންޖަރުންގެ މަތިންދާބޯޓެކެވެ.

ޗައިނާއަކީ ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ. އެގޮތުން އަހަރުގެ މިހާތަނަށް އެޤައުމުން ރާއްޖެއަށް 35،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޖުމްލަ ފަތުރުވެރިންގެ %12 ހިއްސާކުރަނީ އެޤައުމުގެ ފަތުރުވެރިންނެވެ.
މި ނިމުނު 2025 ވަަނަ އަހަރު އެޤައުމުން ރާއްޖެއަށް ވަނީ ރެކޯޑު އަދަދަކަށް ފަތުރުވެރިން އައިސްފައެވެ. އެގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމުގެ ގޮތުގައި 2025 އަހަރު ނިންމާލީ ޗައިނާގެ 329,286 ފަތުރުވެރިންނާއެކުއެވެ.