ޚަބަރު
އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަ "ފަށާ މަދަދު" ލޯނު ސްކީމްގެ ދަށުން މިހާތަނަށް 92 ފަރާތަކަށް ލޯނު ހަމަޖައްސައިދީފި
އަންހެން ވިޔަފާރިވެރިއެއް/ފޮޓޯ: އެޗްޑީސީ
އަންހެން ވިޔަފާރިވެރިންނަށް ޚާއްޞަ "ފަށާ މަދަދު" ލޯނު ސްކީމު ތަޢާރަފުކޮށް، މިހާތަނަށް 92 ފަރާތަކަށް ލޯނު ހަމަޖައްސައި ދީފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައި ވަނީ، މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައެވެ. އެގޮތުން، ޤައުމު ބިނާކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުކޮށް، އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްދިނުމަކީ މި ސަރުކާރުގެ މުހިންމު އެއް ސިޔާސަތުކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ފަށާ މަދަދު ލޯނު ސްކީމަކީ، ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ޚާއްޞަ ލޯނު ސްކީމެއް ތަޢާރަފްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާއި އެއްގޮތަށް އެސްޑީއެފްސީ އާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ގުޅިގެން ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ ލޯން ސްކީމެކެވެ.
މި ލޯނު އަމާޒު ކުރެވިފައިވަނީ އަލަށް ފަށާ ވިޔަފާރިތަކަށާއި، ހިނގަމުންދާ ވިޔަފާރިތަކުގެ ތެރެއިން އަހަރީ އާމްދަނީ 1 މިލިއަން ރުފިޔާއަށްވުރެ އިތުރު ނުވާ ވިޔަފާރިތަކަށެވެ.