ކޮލަމް
2026 ވަނަ އަހަރުގެ ރަމަޟާން މަހު އެންމެ ދިގު އަދި އެންމެ ކުރު ރޯދަ ހިފަނީ ކޮން ޤައުމެއްގެ މުސްލިމުންނެއްކަން އިނގޭތަ؟
މަސްޖިދުލް އަޤްޞާ ސަރަހައްދުގައި ރޯދަވިއްލުން ކުރިއަށްދަނީ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެއް ބިލިއަނަށްވުރެ ގިނަ މުސްލިމުން 2026 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް އިންތިޒާރު ކުރަމުންދާއިރު، ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ރޯދަ ވަގުތުތައް މިދިޔަ އަހަރަށްވުރެ ކުރުވާނެއެވެ.
އިސްލާމީ ހިޖުރީ ކަލަންޑަރަކީ ހަނދުގެ ހިނގުމަށް ބިނާވެފައިވާ ކަލަންޑަރަކަށް ވުމުން، ކޮންމެ އަހަރަކުވެސް ރަމަޟާން މަސް 10 ނުވަތަ 12 ދުވަސް ކުރިއަށް ޖެހެއެވެ. މި ބަދަލުގެ ސަބަބުން ދުވާލުގެ ދިގުމިނަށާއި ރޯދަ ހިފަންޖެހޭ ވަގުތަށް ބަދަލުތަކެއް އާދެއެވެ.
ފަލަކީ ހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ރަމަޟާން މަސް ފެށޭނެ ކަމަށް ލަފާކުރެވެނީ ފެބްރުއަރީ 19 ގައެވެ. ނަމަވެސް ފެބްރުއަރީ 18 ވަނަ ދުވަހު ހަނދު ފެނިއްޖެނަމަ، އޭގެ އެއް ދުވަސް ކުރިން މަސް ފެށުމަކީ އެކަށީގެންވާ ކަމެކެވެ. ރޯދަ ހިފަންޖެހޭ ވަގުތު އެއް ޤައުމުން އަނެއް ޤައުމަށް ތަފާތުވަނީ އެ ޤައުމެއް އޮންނަ ސަރަހައްދާއި "ޢަރުޟުލް ބަލަދް"ގެ ސަބަބުންނެވެ. އާންމު ގޮތެއްގައި އުތުރުގެ ޤައުމުތަކުގައި ދުވާލު ދިގުވުމުން ރޯދަ ވަގުތު ދިގުވާނެއެވެ.
ދުނިޔޭގެ އެންމެ އުތުރުގައި އޮންނަ ޤައުމުތައް ކަމަށްވާ ގްރީންލޭންޑް، އައިސްލޭންޑް، ނޯވޭ، ސްވިޑަން އަދި ފިންލޭންޑް ފަދަ ގައުމުތަކުގައި ރޯދަ ވަގުތު 16 ގަޑިއިރަށްވުރެ ދިގުވާނެއެވެ. އަދި ބައެއް ސަރަހައްދުތަކުގައި ދުވާލުގެ ވަގުތު އިންތިހާއަށް ދިގުވުމުގެ ސަބަބުން ރޯދަ ވަގުތު 20 ގަޑިއިރަށް އެރުމަކީވެސް އެކަށީގެންވާ ކަމެކެވެ.
މީގެ އިދިކޮޅަށް، ދުނިޔޭގެ ދެކުނު ބިތުގެ ޤައުމުތަކާއި އީކުއޭޓަރާ ކައިރި ގައުމުތަކުގައި ރޯދަ ވަގުތު ކުރުވާނެއެވެ. އެގޮތުން ބްރެޒިލް، އާޖެންޓީނާ، އުރުގުއޭ، ދެކުނު އެފްރިކާ، ޗިލީ އަދި ނިއުޒީލެންޑް ފަދަ ޤައުމުތަކުގައި ރޯދަ ވަގުތަކީ ގާތްގަނޑަކަށް 11 ގަޑިއިރާއި 13 ގަޑިއިރާ ދެމެދުގެ ވަގުތެކެވެ. އީކުއޭޓަރާ ކައިރި ޤައުމުތައް ކަމަށްވާ އިންޑޮނޭޝިއާ، މެލޭޝިއާ އަދި ކެންޔާ ފަދަ ޤައުމުތަކުގައި ރޯދަ ހިފާ ވަގުތު ދެމިގެންދާނީ 12 ގަޑިއިރާއި 14 ގަޑިއިރާ ދެމެދުގައެވެ.
ދުވާލުގެ ވަގުތު އިންތިހާއަށް ދިގު ސަރަހައްދުތަކުގައި ނުވަތަ އިރު ނުއޮއްސޭ ސަރަހައްދުތަކުގައި ދިރިއުޅޭ މުސްލިމުންނަށް ދީނީ ޢިލްމުވެރިން ވަނީ ލުއި ގޮތްތަކެއް ދައްކަވާފައެވެ. އެގޮތުން އެފަދަ ސަރަހައްދުތަކުގައި އުޅޭ މީހުންނަށް މައްކާގެ ގަޑިއަށް ޢަމަލުކުރުން ނުވަތަ އެންމެ ކައިރީގައި އޮންނަ، ދުވާލުގެ ވަގުތު މެދު މިންވަރަކަށް ހުންނަ ސިޓީއެއްގެ ވަގުތަށް ޢަމަލުކުރުމުގެ އިޚްތިޔާރު ވަނީ ދީފައެވެ.