ޚަބަރު
ޤާނޫނު އަސާސީއަށް އިޞްލާޙް ގެނައުމާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީިއިން ދައްކާ ވާހަކަ ދެކޮޅެއް ނުޖެހޭ: އެމްޕީ ފަލާޙް
އެމްޕީ ފަލާޙް މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ. ފޮޓޯ: މަޖިލިސް
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއަށް ރައްޔިތުންގެ މަޖިލީހުން އިޞްލާޙު ގެނައުމާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީން ދައްކަމުންދަނީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.
ފަލާޙް މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ބިލުގެ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުންނެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، ޤާނޫނު އަސާސީއާ ނުވަތަ އޭގެ ރޫޙާ ޚިލާފުނުވާ ކޮންމެ ކަމެއްގައި ޤާނޫނު އަސާސީއަށް އިޞްލާޙު ގެނެވޭނެ ކަމަށެވެ. އަދި މިކަމާ ގުޅިގެން އެމްޑީޕީގެ މެންބަރުން ދައްކަވަނީ ކުފޫ ހަމަނުވާ ވާހަކަތަކެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. "އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ހަގީގަތުގައި އެމްޑީޕީން މި ދައްކާ ވާހަކައަކީ ވަރަށް ދެކޮޅު ނުޖެހޭ ވާހަކައެއް ޤާނޫނު އަސާސީއަށް އިޞްލާޙު ގެނައުމުގެ މަރުހަލާ، މިކަމާ ގުޅޭގޮތުން،" ފަލާޙް ވިދާޅުވިއެވެ.
ފަލާޙް އިތުރަށް ވިދާޅުވީ ޤާނޫނު އަސާސީގައި އިޞްލާޙު ގެނެވޭނެ ޙާލަތްތަކާއި އަމަލުކުރަންޖެހޭ އުޞޫލުތައް ވަރަށް ތަފްޞީލުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެމްޑީޕީގެ މެންބަރުން ޤާނޫނު އަސާސީ ނުބައްލަވާ ކަމަށް ތުހުމަތު ކުރައްވަމުން އޭނާ ވިދާޅުވީ، ޤާނޫނުތަކަށް އިޞްލާޙު ގެނައުމުގެ މަސައްކަތް ކުރިއަށްދަނީ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހުރިހާ މަރުޙަލާތަކެއް ކަނޑައްތު ކުރުމަށްފަހު ކަމަށެވެ.
މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުންނަށް އިޞްލާޙެއް ގެންނަން ނުފެންނަނަމަ އެ އިޞްލާޙެއް ފާސްނުވާނެކަން ފާހަގަކުރައްވައި، ފަލާޙް ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އޮތީ ވަރަށް ނިކަމެތި ޙާލަތެއްގައި ކަމަށެވެ. އަދި އާ ޗެއާމަނާއެކު އެމްޑީޕީ ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓި، ހަލާކުވަމުންދާ މަންޒަރު ފެންނާތީ ހިތާމަކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ވާހަކަ ނިންމަވާލައްވަމުން ފަލާޙް ވަނީ އެމްޑީޕީގެ މެންބަރުން ޤާނޫނު އަސާސީ ރަނގަޅަށް ބައްލަވައި، ކަންކަން އޮޅުންފިލުވައިގެން ވާހަކަދެއްކެވުމަށް ގޮވާލައްވާފައެވެ. އިޙްތިޖާޖުތައް ކުރިއަށް ގެންދާއިރުވެސް ޤާނޫނީ އިމުގެ ތެރެއިން ކަންކަން އޮޅުންފިލައިގެން ތިބެ އެކަން ކުރުމަށް އޭނާ އިރުޝާދު ދެއްވިއެވެ. އެހެންނޫންނަމަ ރައްޔިތުންނަށް ދެއްކެނީ ނުބައި ނަމޫނާއެއް ކަމަށް ފަލާޙް ވިދާޅުވިއެވެ.
އިއްބެ
10/02/2026 13:33
ފިރުޢައުނުކައިރީގައި މޫސާގެފާނުދެއްކެވިވާހަކަފުޅު ދެކޮޅެއްނުޖެހޭ