ވިޔަފާރި

ރަށު ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ޚާއްޞަ ދެ ލޯނެއް ތަޢާރަފްކޮށްފި

ރަށު ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ޚާއްޞަ ދެ ލޯނެއް ތަޢާރަފްކޮށްފި

ރާއްޖޭގެ ރަށެއްގައި އިމާރާތްކޮށްފައިވާ ގެސްޓްހައުސްއެއް / ފޮޓޯ: ވިޒިޓް މޯލްޑިވްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 ފެބްރުއަރީ 2026، 12:28

11 ފެބްރުއަރީ 2026، 12:28

ރަށު ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ޚާއްޞަ އައު ދެ ލޯނެއް އެސްއެމްއީ ޑިޖިޓަލްއިން ތަޢާރަފްކޮށްފިއެވެ. 

މިއީ ރާއްޖޭގެ ރަށު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށާއި، އަލަށް މި ދާއިރާއަށް ނުކުންނަ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް "ގެސްޓްހައުސް ފައިނޭންސިންގ" އަދި "ގެސްޓްރޫމް ފައިނޭންސިންގ" ގެ ނަމުގައި ތަޢާރަފްކުރި ދެ ޕްރޮޑަކްޓެވެ. 

އެސްއެމްއީ ޑިޖިޓަލްއިން ހާމަކޮށްފައިވާ ގޮތުގައި މިއީ އިސްލާމީ ފައިނޭންސިންގެ އުސޫލުތަކާ އެއްގޮތަށް ތަޢާރަފްކޮށްފައިވާ ދެ ލޯނެވެ.

މި ފައިނޭންސިންގެ މަޤްޞަދަކީ ރަށު ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހުރި މާލީ ހުރަސްތައް ނައްތާލައި ލުއި ގޮތަކަށް މާލީ ހައްލެއް ހޯދައިދިނުމެވެ. މިއީ ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިތައް އަލަށް ފެށުމަށާއި، ތަރައްގީކުރުމަށާއި އަދި ޒަމާނީ ކުރުމަށް ފަރުމާކޮށްފައިވާ ފެސިލިޓީތަކެއްކަމަށް އެސްއެމްއީ ޑިޖިޓަލްއިން ފާހަގަކުރެއެވެ.

މި ފެސިލިޓީތަކާގުޅޭގޮތުން ވާހަކަދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، މިއީ އަތޮޅުތެރޭގައި ރަށު ފަތުރުވެރިކަން ތަރައްގީކޮށް އަތޮޅުތެރޭގެ އިޤުތިޞާދު ކުރިއެރުވުމަށް ފަހިކޮށްދޭ ފުރުސަތެއް ކަމަށެވެ. މި ފައިނޭންސިންގެ ސަބަބުން ރާއްޖޭގެ ކުރިއަރަމުން އަންނަ ރަށު ފަތުރުވެރިކަމުގެ ސިނާއަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވަން އެހީތެރިވެދޭނެކަމަށް ބަދުރުއްދީން ވިދާޅުވިއެވެ.

ގެސްޓްހައުސް ފައިނޭންސިންގ އަކީ މަދުވެގެން 6 ކޮޓަރީގެ ގެސްޓްހައުސް އަލަށް އިމާރާތްކުރުމަށާއި، މިހާރުވެސް ހިނގަމުންދާ ގެސްޓްހައުސް ތަރައްޤީކުރުމަށާއި، ކޮޓަރި އިތުރުކުރުމަށާއި، އިތުރު ސަޕޯޓް ސަރވިސްތައް ޤާއިމުކުރުމަށް އަދި ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފްކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފެސިލިޓީއެކެވެ.

މި ފެސިލިޓީގެ ދަށުން އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކަސްޓަމަރުންނަށް މިހާތަނަށް ދޫކުރަމުން ގެންދިޔަ ފައިނޭންސިންގ ލިމިޓް 10،000،000 ރުފިޔާއަށް އިތުރުކޮށް ފައިނޭންސިންގ ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައިއެވެ. މި ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ޖުމްލަ ހަރަދުގެ ތެރެއިން މަދުވެގެން %20 އަމިއްލަ އަތުން ހަމަޖައްސަންޖެހޭނެއެވެ. އަދި ފެސިލިޓީ އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މީގެ ތެރޭގައި 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއްވެސް ހިމެނެއެވެ.

ގެސްޓް ރޫމް ފައިނޭންސިންގ އަކީ ގިނަވެގެން 5 ކޮޓަރިއަށް ވުރެ އިތުރުނުވާ ގޮތަށް، ޓުއަރިސްޓުންނަށް އަމާޒުކޮށްގެން ހިންގާ ހޯމްސްޓޭ ވިޔަފާރިތަކަށާއި، ދިވެހިންނަށް އަމާޒުކޮށްގެން މިހާރުވެސް ހިންގާ ލޯކަލް ގެސްޓްހައުސް ހިދުމަތް ދޭ ފަރާތްތަކުން އެ ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރާ ފެސިލިޓީއެކެވެ. މި ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް އަދި އަމިއްލަ ފަރުދުންނަށް 1،500،000 ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރާނެއެވެ.

މި ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ޖުމްލަ ހަރަދުގެ ތެރެއިން މަދުވެގެން %20 އަމިއްލަ އަތުން ހަރަދުކުރަންޖެހޭނެއެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މީގެ ތެރޭގައި 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެކަމަށް އެސްއެމްއީ ޑިޖިޓަލްއިން މައުލޫމާތުދެއެވެ.

މި ފެސިލިޓީ ދޫކުރުމުގައި ރިއާޔަތްކުރާނީ، އެދިފައިވާ ފަރާތަށް ލިބޭ މުސާރަ، ކުލި ނުވަތަ ވިޔަފާރީގެ އާމްދަނީއަށް ބަލައި، ފައިސާ އަނބުރާ ދެއްކުމުގެ މާލީ ތަނަވަސްކަން ހުރި މިންވަރެއްގެ މައްޗަށްކަމަށް އެސްއެމްއީ ޑިޖިޓަލްއިން މައުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450