Ads by PNC

ޚަބަރު

ސީޕީ ނަވީން ރިޓަޔަރ ކުރައްވަނީ

ސީޕީ ނަވީން ރިޓަޔަރ ކުރައްވަނީ

ސީޕީ އިސްމާއިލް ނަވީން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ފެބްރުއަރީ 2026، 07:59

15 ފެބްރުއަރީ 2026، 07:59

ފުލުހުންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން އެ މަގާމުން ރިޓަޔާކުރަން ނިންމަވައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނަވީން ވަނީ ރިޓަޔާ ކުރައްވަން ނިންމަވައި، އެކަން ރަސްމީކޮށް އަންގައި މިއަދުގެ ވަގުތެއްގައި ފުލުހުންގެ އިދާރާއަށް ސިޓީ ފޮނުއްވާފައެވެ.

ނަވީން ރިޓަޔާ ކުރައްވަން ނިންމެވި ނަމަވެސް، އެ ނިންމުން ނިންމެވި ސަބަބެއް މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އަދި މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލުންގެ ފަރާތުން ވެސް މިހާތަނަށް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ނަވީން ކޮމިޝަނަރުގެ މަގާމަށް އައްޔަން ކުރެވުނީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. ޝުޖާއު ރިޓަޔާ ކުރެއްވީ މިދިޔަ އަހަރުގެ އޭޕްރިލް މަހު މާލޭގެ އިމާރާތަކުން ޒުވާން އަންހެނަކު ވެއްޓުނު ހާދިސާއާ ގުޅިގެން އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

2006 ވަނަ އަހަރުން ފެށިގެން ފުލުހުންގެ ހިދުމަތުގައި އުޅުއްވާ ނަވީން ރިޓަޔާ ކުރައްވަން ނިންމެވިއިރު، ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެން އޭނާ ހިމެނޭހެން ފުލުހުންގެ އިސް 7 އޮފިސަރަކު ސަސްޕެންޑް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ދާދި ފަހުން ނިންމާފައެވެ.

މާލިއްޔަތު ކޮމިޓީން އެގޮތަށް ނިންމި ނަމަވެސް، އެ މައްސަލައިގައި މަޖިލީހުގެ ތަޅުމުން މިހާތަނަށް ވަކި ގޮތެއް ފާސްކޮށްފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ނަވީންގެ މި ނިންމެވުމާއެކު ފުލުހުންގެ މުއައްސަސާގެ އިސް މަގާމުތަކަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450