ވިޔަފާރި

ކާބޯތަކެތި އިމްޕޯޓްކުރުމަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށްފި

ކާބޯތަކެތި އިމްޕޯޓްކުރުމަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށްފި

އެމްއެމްއޭ---

farudhun logo

ފަރުދުން

18 ފެބްރުއަރީ 2026، 09:31

18 ފެބްރުއަރީ 2026، 09:31

ރަމަޟާން މަހާ ދިމާކޮށް، ކާބޯތަކެތި އިމްޕޯޓްކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމަށް ނިންމައިފިއެވެ.

މިއީ ވިޔަފާރިވެރިންނަށް ބާޒާރުގައި ކާބޯތަކެތި ފަސޭހައިން ލިބޭނެގޮތް ހޯދައިދިނުމުގެ މަޤުސަދުގައި އެމްއެމްއޭއިން ނިންމިނިންމުމެކެވެ. އަދި މިއީ ރަމަޟާން މަހުގެ ތެރޭގައި އަސާސީ ކާބޯތަކެތި އެތެރެކުރުމަށް ބޭންކުތަކުން ބޭރު ފައިސާ ހޯދުމަށް ކުރާ ޑިމާންޑް ބޮޑުވާތީ، އެކަމަށް ލުޔެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެއްކަމަށް އެމްއެމްއޭއިން ހާމަކުރެއެވެ.

17 ފެބްރުއަރީ 2026 އިން ފެށިގެން ތިން ހަފުތާގެ މުއްދަތަށް އަމަލުކުރާ މި ޚާއްޞަ އުސޫލުގެ ދަށުން، މަރުކަޒީ ބޭންކުން ބޭންކުތަކަށް އާންމު އުސޫލުގެ ދަށުން ވިއްކާ ބޭރު ފައިސާގެ މިންވަރަށްވުރެ 32 އިންސައްތަ އިތުރުކުރާނެއެވެ. 

އެމްއެމްއޭ އިން ހާމަކުރާ ގޮތުގައި، ބޭރު ފައިސާ އިތުރަށް ދޫކުރުމުގެ ސަބަބުން މުދާ އެތެރެކުރާ ފަރާތްތަކަށް ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި އާންމުކޮށް ކާބޯތަކެތި ބޭނުންކުރާ މިންވަރު އިތުރުވާ މި ދަނޑިވަޅުގައި، މުދާ އެތެރެކުރުމުގެ ނިޒާމަށް ކުރިމަތިވާ ތާށިކަން ކުޑަވެ، ރާއްޖޭގެ ބާޒާރުގައި އަސާސީ މުދާ މެދުނުކެނޑި ލިބެން ހުރުމަށް މިކަމުން މަގުފަހިވާނެއެވެ.

މި ފިޔަވަޅަކީ ބޭރު ފައިސާގެ ބާޒާރު ހަރުދަނާކުރުމަށާއި ބޭންކިންގ ނިޒާމަށް އެހީތެރިވުމަށް މަރުކަޒީ ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ. އެމް.އެމް.އޭއިން ހާމަކުރާގޮތުގައި، މިފަދަ ފިޔަވަޅުތަކަކީ ރަމަޟާން މަހާއި ދިމާކޮށް ބޭރު ފައިސާއަށް އަންނަ މޫސުމީ ޑިމާންޑް މެނޭޖްކުރުމަށް އެ އޮތޯރިޓީން ގެންގުޅޭ ޚާއްސަ ސިޔާސަތެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450