ކުޅިވަރު
ވޫލްވްސް މެޗުން އެއްވަރުވެ، ލީގު ތަށި މި ފަހަރުވެސް އާސެނަލް ގެއްލިދާނެކަމުގެ ހާސްކަން ބޮޑުވެއްޖެ
އާަސެނަލްއަށް މިވަނީ ފަހު ދެ މެޗުން 4 ޕޮއިންޓު ގެއްލިފައި---
އިންގްލިޝް ޕްރިމިއަރ ލީގުގެ އެއްވަނައިގައި އޮތް އާސެނަލް އާއި އެންމެ ފުލުގައި އޮތް ވޫލްވްސް ބައްދަލުކުރި މެޗު 2-2އިން އެއްވަރުވެ، މި ސީޒަންގައި ވެސް އާސެނަލްއަށް ލީގު ތަށި ގެއްލިދާނެކަމުގެ ހާސްކަން އިތުރުވެއްޖެއެވެ.
ވޫލްވްސްގެ މޮލިނެކްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވީ، އިތުރު ވަގުތުގައި އެ ޓީމުން ކާމިޔާބު ކުރި ގޯލަކުންނެވެ. އެހެންކަމުން، މި މެޗަށް ނިކުތްއިރު، ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އާއި ދެމެދު އޮތް ފަރަގު 7 ޕޮއިންޓަށް އިތުރުކުރުމަށް އާސެނަލްއަށް އޮތް ފުރުސަތު މިވަނީ ގެއްލިފައެވެ.
ލީގުގައި އެންމެ ފަހުން ބްރެންޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް އާސެނަލް ވަނީ އެއްވަރުވެފައެވެ. އެ ނަތީޖާއާ ގުޅިގެން، އެ ޓީމަށް މިހާރު މިވަނީ ފަހު ދެ މެޗުން 4 ޕޮއިންޓު ގެއްލިފައެވެ.
ރޭގެ މެޗުގައި ބުކާޔޯ ސަކާ ކާމިޔާބުކުރި ގޯލަކުން އާސެނަލް ލީޑު ނެގީ މެޗުގެ 5ވަނަ މިނެޓުގައެވެ. އެއީ ވޫލްވްސްގެ ގޯލު އޭރިއާ ތެރެއަށް ޑެކްލަން ރައިސް ނަގައިދިން ބޯޅައަކުން ސަކާ ބޮލުން ކާމިޔާބުކުރި ގޯލެކެވެ.
އަދި ދެވަނަ ހާފުގެ 11ވަނަ މިނެޓުގައި އާސެނަލްއަށް ލީޑު ފުޅާކޮށްދެނީ އެ ޓީމުގެ ފުލްބެކަށް ކުޅޭ ޕިއެރޯ ހިންކެޕިއޭއެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ގޯލެވެ. އޭނާ އާސެނަލްއާ ގުޅުނީ މިދިޔަ އަހަރު، ބެޔާ ލެވަކޫސެންއިން ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ.
ވޫލްވްސްއިން އެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ މެޗުގެ 61ވަނަ މިނެޓުގައި ހޫގޯ ބުއޭނޯ ޕެނަލްޓީ އޭރިއާ ބޭރުން ދުރުކަނަށް ފޮނިވާލައިގެންނެވެ. އަދި އެ ޓީމުން އެއްވަރުކުރި ގޯލުގައި އާސެނަލްގެ ފަހަތުން ގޯސްތަކެއް ވެސް ވަނީ ހަދާފައެވެ. އެގޮތުން ވޫލްސްއިން އާސެނަލްގެ ގޯލު އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ހޯދުމަށް އާސެނަލްގެ ރާޔާ އާއި ޑިފެންޑަރ ގެންރިއެލް އެއްކޮށް މަސައްކަތް ކުރުމުން، އެ ބޯޅަ ލިބުނީ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރި ވޫލްވްސްގެ ކުޅުންތެރިއަކަށެވެ. އަދި އޭނާ ގޯލަށް ފޮނުވާލި ބޯޅަ، ގޯލުގެ ރޮނގުމަތީގައި ހުރި ރިކާޑޯ ކެލިފިއޯރީގެ ފައިގައި ޖެހިފައި ގޮސް ގޯލުގެ ކަނާތްފަރާތު ދަނޑީގައި ޖެހިފައި ގޯލަށް ވަނީ އަނެއްކާވެސް ކެލިފިއޯރީގެ ގައިގަ ޖެހުމަށްފަހުއެވެ.
މި ނަތީޖާއާއެކު އާސެނަލްއަށް 27 މެޗުން 58 ޕޮއިންޓު ހޯދާފައިވާއިރު، ދެވަނައިގައި އޮތް ސިޓީއަށް 26 މެޗުން ލިބިފައި ވަނީ 53 ޕޮއިންޓެވެ.