ކުޅިވަރު

ޗެމްޕިއަންސް ލީގުގައި ނިއުކާސްލްއިން އެ ޓީމުގެ ގިނަ ރެކޯޑުތަކެއް އާކޮށްފި

ޗެމްޕިއަންސް ލީގުގައި ނިއުކާސްލްއިން އެ ޓީމުގެ ގިނަ ރެކޯޑުތަކެއް އާކޮށްފި

އެންތޮނީ ގޯޑަން ގަރަބަކް އެފްކޭ ކޮޅަށް ކާމިޔާބުކުރި ގޯލުތަކާއެކު އޭނާ ވަނީ ނިއުކާސްލްގެ ތާރީޙުން ޖާގަ ހޯދާފައި / ފޮޓޯ: ނިއުކާސްލް ޔުނައިޓެޑް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

19 ފެބްރުއަރީ 2026، 12:18

19 ފެބްރުއަރީ 2026، 12:18

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ ފުރަތަމަ ލެގުގައި ނިއުކާސްލް ޔުނައިޓެޑާއި ގަރަބަގް އެފްކޭ ބައްދަލުކުރި މެޗު 6-1އިން ކާމިޔާބުކޮށް، ކްލަބް ރެކޯޑުތަކެއް ނިއުކާސްލްއިން އައުކުރިއިރު، އެ މެޗުގައި 4 ގޯލު ކާމިޔާބުކޮށް ކްލަބުގެ ރަން ތާރީޙުން އެންތޮނީ ގޯޑަން ޖާގަ ހޯދައިފިއެވެ.

އަޒަރުބައިޖާންގެ ޓޮފިކް ބަޚްރަމޯވް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި ނިއުކާސްލްއިން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފައެވެ. އެއީ 3ވަނަ މިނެޓުގައި ގޯޑަން ކާމިޔާބުކުރި ގޯލަކުންނާއި، 8ވަނަ މިނެޓުގައި މަލިކް ތިއާއޯ ކާމިޔާބުކުރި ގޯލަކުންނެވެ.

ފުރަތަމަ ހާފުގައި ގޯޑަން ކާމިޔާބުކުރި އިތުރު 3 ގޯލާއެކު އެ ހާފު ނިމުނީ 5-0އިން އާސެނަލް ކުރީގައި އޮވެގެނެވެ. މި 3 ގޯލުގެ ތެރޭގައި ގޯޑަން ކާމިޔާބުކުރި ދެ ޕެނަލްޓީ ވެސް ހިމެނެއެވެ.

މި މެޗުގައި ގަރަބަގްގެ ހަމައެކަނި ގޯލު މެޗުގެ 54ވަނަ މިނެޓުގައި ކާމިޔާބުކުރީ އެލްވިން ޖަފަރުގުލިޔެވްއެވެ. އަދި ނިއުކާސްލްގެ ފަހު ގޯލު މެޗުގެ 72ވަނަ މިނެޓުގައި ކާމިޔާބުކުރީ ޖެކޮބް މާފީއެވެ.

މި މެޗުގައި ޖެހި ގޯލުތަކާއެކު ގޯޑަންއަކީ މިހާރު ޗެމްޕިއަންސް ލީގުގެ އެއް ސީޒަނެއްގައި ނިއުކާސްލްއަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިހާތަނަށް 10 ގޯލު ކާމިޔާބުކޮށްފައެވެ. މިއީ ކުރިން 6 ގޯލާއެކު އަލަން ޝިއަރާގެ އަތުގައި އޮތް ޝަރަފެކެވެ.

އަދި މި މެޗުގައި ހެދި ހެޓްރިކާއެކު ގޯޑަންއަކީ ޗެމްޕިއަންސް ލީގުގައި ނިއުކާސްލްގެ ޖާރޒީގައި ހެޓްރިކް ހެދި ތިންވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެ ކްލަބުން ޗެމްޕިއަންސް ލީގުގައި ހެޓްރިކް ހަދާފައި ވަނީ އަލަން ޝިއެރާ އާއި ޓީނޯ އެސްޕްރިލާއެވެ. 

މީގެ އިތުރުން ގޯޑަންއަކީ ޗެމްޕިއަންސް ލީގު މެޗެއްގެ ފުރަތަމަ ހާފުގައި ނިއުކާސްލްއަށް 4 ގޯލު ކާމިޔާބުކޮށްދިން ދެވަނަ ކުޅުންތެރިޔާވެސް މެއެވެ. އަދި އޭނާއަކީ ނޮކްއައުޓް މެޗެއްގައި މިކަން ހާސިލްކުރި ފުރަތަމަ ކުޅުންތެރިޔާއެވެ. 

އަދި ރޭގެ މެޗުގައި ނިއުކާސްލްގެ ފުރަތަމަ އެގާރައިގައި އިނގިރޭސި 7 ކުޅުންތެރިން ބޭނުންކޮށްފައިވާއިރު، މިއީ 1998ގައި މެންޗެސްޓަރ ޔުނައިޓެޑުން މޮނާކޯއާ ދެކޮޅަށް ކުޅުނު މެޗަށްފަހު މި އަދަދަށް އިނގިރޭސި ކުޅުންތެރިން އިނގިރޭސި ޓީމަކުން ޗެމްޕިއަންސް ލީގު މެޗެއްގެ ފުރަތަމަ އެގާރައިގައި ނެރުނު ފުރަތަމަ ފަހަރުވެސް މެއެވެ.

ހަމައެއާއެކު، ނިއުކާސްލްއިން މި ހޯދި ތާރީޙީ ކާމިޔާބާއެކު، އެ ޓީމަކީ ޗެމްޕިއަންސް ލީގު މެޗެއްގެ ފުރަތަމަ ހާފުގައި 5 ގޯލު ނުވަތަ އެއަށްވުރެ ގިނަ ގޯލު ކާމިޔާބުކުރި ދެވަނަ ޓީމެވެ. މީގެ ކުރިން 2015ވަނަ އަހަރު ބެޔާން މިއުނިކާއި އެފްސީ ޕޯޓޯ ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުވެސް ނިމުނީ ބޮޑު ތަފާތަކުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450