ވިޔަފާރި
ޖަނަވަރީގެ ނިޔަލަށް ބޭނުން ކުރެވޭ ރިޒާވް 300 މިލިއަން ޑޮލަރުން މައްޗަށް
އެމްއެމްއޭ---
ފަރުދުން
21 ފެބްރުއަރީ 2026، 09:41
21 ފެބްރުއަރީ 2026، 09:41
މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް، ދައުލަތުގެ ބޭނުން ކުރެވޭ ރިޒާވް 300 މިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައިފިއެވެ. މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ބޭނުންކުރެވޭ ރިޒާވާއާއެކު ރަސްމީ ރިޒާވް ވެސް ވަނީ މަތިވެފައެވެ.
އެގޮތުން ދައުލަތުގެ ރަސްމީ ރިޒާވް ވަނީ ޖެނުއަރީ މަހު އެއް ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާފައެވެ. އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ އަހަރު ނިންމާލިއިރު ރަސްމީ ރިޒާވް 983.04 މިލިޔަން ޑޮލަރުގައި ހުރުމަށްފަހު، ޖަނަވަރީ މަހުގެ ނިޔަލަށް އެ އަދަދު ވަނީ 1.03 ބިލިޔަން ޑޮލަރަށް މައްޗަށް އަރާފައެވެ. އެއީ 4 އިންސައްތައިގެ ކުރިއެރުމެކެވެ.
މީގެ ކުރިން ރަސްމީ ރިޒާވް މިވަރަށް މަތިވީ 2020 ވަނަ އަހަރެވެ. އޭރު މި އަދަދު އިތުރުވެގެން ދިޔައީ، ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު ސޮއިކޮށްފައިވާ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީގެ އެ އަހަރު ތެރޭ ބޭނުން ކުރުމުންނެވެ. އެ އަހަރުގެ ޑިސެންބަރު މަހު އޭރުގެ ސަރުކާރުން ޚަރަދުތައް ފޫބެއްދުމަށް 250 މިލިޔަން ޑޮލަރުގެ ބޮންޑެއް ވިއްކާފައިވެއެވެ.
ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއް އައިސްފައިވާއިރު، ދައުލަތުގެ ބޭނުން ކުރެވޭ ރިޒާވަށްވެސް ވަނީ އިތުރުވެފައެވެ. ބޭނުންކުރެވޭ ރިޒާވުގައި ޖަނަވަރީ މަސް ނިންމާލިއިރު ހުރީ 301.4 މިލިޔަން ޑޮލަރެވެ. މިއީ ބޭނުން ކުރެވޭ ރިޒާވަށް މިދިޔަ އަހަރުން ފެށިގެން އަންނަ ހެޔޮ ބަދަލާއެކު މިވަރަށް މައްޗަށް ޖެހިލި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 244.1 މިލިޔަން ޑޮލަރެވެ. އެހެން ކަމުން މިއީ 25 އިންސައްތައިގެ ކުރިއެރުމެކެވެ.
ބޭނުން ކުރެވޭ ރިޒާވު ގުނަނީ، ރަސްމީ ރިޒާވު އަދި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓުގެ ގޮތުގައި ހުރި ބޭރުފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރު ފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށްފަހުއެވެ.
ރާއްޖޭގެ ރިޒާވް ހަރުދަނާވުމަށް މެދުވެރިވީ އެއް ސަބަބަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވުމެވެ.