ކުޅިވަރު
މެންޗެސްޓަރ ސިޓީއިން އާސެނަލްއާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފި
މެންޗެސްޓަރ ސިޓީއަށް ގޯލުތައް ކާމިޔާބުކޮށްދިން އޯރެލީ އުފާފާޅުކުރަނީ---
އިންގްލިޝް ޕްރިމިއަރ ލީގުގައި ނިއުކާސްލް ޔުނައިޓެޑު 2-1އިން ބަލިކުރުމަށްފަހު މެންޗެސްޓަރ ސިޓީއިން އާސެނަލްއާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފިއެވެ.
މި ފެބުރުއަރީ މަހުގެ ކުރީކޮޅު މެންޗެސްޓަރ ސިޓީ އާއި އާސެނަލްއާ ދެމެދު 6 ޕޮއިންޓުގެ ފަރަގެއް އޮތް ނަމަވެސް، އާސެނަލްގެ ލީޑު ހަނިވީ އެ ޓީމު އެންމެ ފަހުން ލީގުގައި ކުޅުނު ދެ މެޗުން އެއްވަރުވުމާ ގުޅިގެންނެވެ.
އެގޮތުން އެންމެ ފުރަތަމަ ބްރެންޓްފޯޑްއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ބުރާސްފަތި ދުވަހުގެރޭ ލީގުގެ އެންމެ ފުލުގައި އޮތް ވޫލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވީ 2-2އިންނެވެ.
މި ނަތީޖާތަކާ ގުޅިގެން 27 މެޗުން އާސެނަލްއަށް 58 ޕޮއިންޓު ލިބިފައިވާއިރު، އެ އަދަދަށް މެޗު ކުޅެގެން މެންޗެސްޓަރ ސިޓީއަށް ލިބިފައި ވަނީ 56 ޕޮއިންޓެވެ.
ރޭގެ މެޗުގައި ސިޓީއިން ލީޑު ނެގީ 27ވަނަ މިނެޓުގައި އެ ޓީމުގެ އިނގިރޭސި މިޑްފީލްޑަރ ނިކޯ އޯރެލީ ކާމިޔާބުކުރި ގޯލަކުންނެވެ. އެއީ ޕެނަލްޓީ އޭރިއާގެ ރޮނގުމަތިން އޭނަ ފޮނުވާލި ބާރު ހަމަލާއަކުން ކާމިޔާބުކުރި ގޯލެކެވެ.
އޭގެ 5 މިނެޓު ފަހުން ނިއުކާސްލްއަށް ލިބުނު ކޯނަރަކުން ފަހިވި ފުރުސަތެއްގައި އެ ޓީމަށް މެޗުގައި ނަތީޖާ ހަމަހަމަކޮށްދިނީ ލެވިސް ހޯލްއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ހޯލް ފޮނުވާލި ބޯޅަ ގޯލަށް ވަނީ، ސިޓީގެ ކުޅުންތެރިއެއްގެ ގައިގާ ޖެހުމުން އެ ޓީމުގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮނަރުއްމާއަށް ބޯޅައަށް ހަރަކާތް ކުރެވުން ލަސްވުމުންނެވެ.
ނަމަވެސް ހާފު ނިމުމުގެ ކުރިން އޯރެލީ ކާމިޔާބުކުރި އިތުރު ގޯލަކާއެކު ސިޓީއިން އަނބުރާ ލީޑު ހޯދިއެވެ. އެއީ އާރލިން ހާލަންޑު ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައަކުން އޯރެލީ ބޮލުން ކާމިޔާބުކުރި ގޯލެކެވެ.
ލީގުގައި ދެން އާސެނަލްއަށް އޮތީ ޓޮޓެންހަމް ހޮޓްސްޕަރއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 21:30ގައެވެ.
ސިޓީއަށް ދެން އޮތީ ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.