ވިޔަފާރި
ސީ-ޓު-އެއަރ މެދުވެރިކޮށް މިދިޔަ މަހު 140 ޓަނުގެ މުދާ އެކްސްޕޯޓުކޮށްފި
ވެލާނާ އެއާރޕޯޓަށް ގިނަ ފްލައިޓްތަކެއް ޖައްސާފައި / ފޮޓޯ: އެމްއޭސީއެލް
ފަރުދުން
22 ފެބްރުއަރީ 2026، 10:31
22 ފެބްރުއަރީ 2026، 10:31
ސީ-ޓު-އެއަރ ކާގޯ ޚިދުމަތް މެދުވެރިކޮށް މިދިޔަ ޖެނުއަރީ މަހު 140 ޓަނުގެ މުދާ ދިވެހިރާއްޖެއިން އެކްސްޕޯޓުކޮށްފިއެވެ.
މި ޚިދުމަތަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ދެމުން އަންނަ، އިޤުތިޞާދީ ގޮތުން ނަފާ ހޯދޭނެ ކާމިޔާބު ޚިދުމަތެކެވެ. މި ޚިދުމަތަކީ ކަނޑުމަގުން އަންނަ މުދާ، ޓްރާންސިޓުކޮށް ވައިގެ މަގުން ދުނިޔޭގެ އެހެން ޤައުމުތަކަށް ފޮނުވުމެވެ. މި ޚިދުމަތް ރާއްޖޭގައި ފެށީ 15 މެއި 2024 ގައެވެ.
ރާއްޖޭގައި މި ޚިދުމަތް ފޯރުކޮށްދެމުން އަންނަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) މެދުވެރިކޮށެވެ. އަދި މި ޚިދުމަތް ދިނުމަށް ރާއްޖެއިން އަންނަނީ 17 އެއާރލައިނަކާއެކު މަސައްކަތް ކުރަމުންނެވެ.
އެމްޕީއެލްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ޖަނަވަރީ މަހު 5 އެއަރލައިނެއް މެދުވެރިކޮށް ދުނިޔޭގެ 6 ޤައުމަކަށް 140 ޓަނުގެ މުދާ ވަނީ ރާއްޖެއިން ފޮނުވާފައެވެ.
މިދިޔަ މަހު ސީ-ޓު-އެއަރ ކާގޯ މެދުވެރިކޮށް މުދާ ފޮނުވުމުގައި 5 އެއާރލައިނެއް ވަނީ ބޭނުންކޮށްފައެވެ. އެއީ ވަރޖިން އެޓްލާންޓިކް، އިއްތިހާދު އެއަރވޭސް، ލުފްތަންސާ، ސްވިސް އެއަރލައިންސް އަދި ޓާރކިޝް އެއަރލައިނެވެ.
ރާއްޖެއަކީ ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން ދަތުރު ކުރާ ޤައުމަކަށްވާއިރު، ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ރާއްޖޭގައި އިތުރަށް ފުޅާކުރުމުގެ ފުރުސަތުތައް ބޮޑުކަމަށް ސަރުކާރުން ހާމަކުރެއެވެ.