ކުޅިވަރު

"ނޯތު ލަންޑަން ޑަރބީ" ކާމިޔާބުކޮށް އާސެނަލް ހިތްހަމަޖައްސާލައިފި

"ނޯތު ލަންޑަން ޑަރބީ" ކާމިޔާބުކޮށް އާސެނަލް ހިތްހަމަޖައްސާލައިފި

ގޯލު ކާމިޔާބުކުރުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާފާޅުކުރަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 ފެބްރުއަރީ 2026، 11:29

23 ފެބްރުއަރީ 2026، 11:29

އިނގިރޭސިވިލާތުގެ އުތުރު ލަންޑަނަށް ނިސްބަތްވާ ދެ ޓީމުގެ ކުރިމަތިލުން ކާމިޔާބުކޮށް އާސެނަލްއިން ހިތްހަމަޖައްސާލައިފިއެވެ.

ލީގު ތާރީހުގައި މިހާތަނަށް ކުޅުނު 199 ވަނަ "ނޯތު ލަންޑަން ޑާރބީ" ގައި ޓޮޓެންހަމް ހޮޓްސްޕަރގެ މައްޗަށް އާސެނަލް ކުރި ހޯދީ 4-1އިންނެވެ.

މި ކާމިޔާބީއާއެކު އާސެނަލް މިވަނީ ދެވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާ ދެމެދު އޮތް ފަރަގު 5 ޕޮއިންޓަށް އިތުރުކޮށްފައެވެ. ނަމަވެސް މެންޗެސްޓަރ ސިޓީއަށް ވުރެ އިތުރަށް އާސެނަލް ވަނީ އެއް މެޗު ކުޅެފައެވެ.

މި މެޗުގައި އާސެނަލްއަށް ލީޑު ނަގައިދިނީ، މި ދެ ޓީމު މިދިޔަ ނޮވެންބަރު މަހު އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ހެޓްރިކް ހެދި އެބެރެޗީ އެޒޭއެވެ. އެއީ އެ ޓީމުގެ ކަނާތް ފަރާތުން އަރިމަތިން ކުޅެމުން ދިޔަ ބުކާޔޯ ސަކާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައަކުން އެޒޭ ކާމިޔާބުކުރި ގޯލެކެވެ. 

އެ ގޯލަށްފަހު އާސެނަލްއަށް ހިތްދެމިނުލެވި އުޅެނިކޮށް، އޭގެ ދެ މިނެޓު ފަހުން، ޑެކްލައިން ރައިސްއަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ސްޕާސްއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް، ކޮލޯ މުއާނީ ވަނީ އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. 

އާސެނަލް އަނބުރާ ލީޑު ހޯދީ ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ވިކްޓާރ ޔޮކެރޭޒް، ސްޕާރސްގެ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުންނެވެ. 

އޭގެ ފަހުން ކޮލޯ މުއާނީ ދެވަނަ ފަހަރަށް ސްޕާރސްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ނަމަވެސް، ގޯލަށް ބޯޅަ ފޮނުވާލުމުގެ ކުރިން އޭނާ ފައުލްކޮށްފައިވާކަމަށް ނިންމައި، އެ ގޯލު ނުގުނުމަށް ރެފްރީ ނިންމިއެވެ.

ނަތީޖާއަކަށްވީ، މެޗުގެ 61ވަނަ މިނެޓުގައި އެޒޭ ކާމިޔާބުކުރި އޭނާގެ ދެވަނަ ގޯލަކުންނާއި، އިތުރު ވަގުތުގައި ޔޮކެރޭޒްގެ އިތުރު ގޯލަކުން އާސެނަލް ތަފާތު ބޮޑުކޮށް މެޗު ކާމިޔާބުކުރުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450