ކުޅިވަރު
އެނބުރި އައިސް ދެ ގޯލު ކާމިޔާބުކުރުމަށްފަހު ކުރިމަގާމެދު ވިސްނާ ގޮތް ރޮނާލްޑޯ ހާމަކޮށްފި
ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި މިހާތަނަށް 964 ގޯލު ކާމިޔާބުކޮށްފައި---
ސައުދީ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރަށް ކުޅެމުން އަންނަ ދުނިޔޭގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، އެ ކްލަބާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކަކާ ގުޅިގެން ޓީމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗަށް ފަހު، އޭނާގެ ކުރިމަގާ މެދު ވިސްނާގޮތް މީޑިއާގައި ހާމަކޮށްފިއެވެ.
ހިތްހަމަ ނުޖެހުންތަ ރޮނާލްޑޯ ފާޅުކުރީ މި މަހުގެ ދެވަނަ ދުވަހު އަލް ރިޔާދުއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުއެވެ. މިކަމާ ގުޅިގެން އަލް ނަސްރު ޓީމުގައި ހިމެނިގެން ރޮނާލްޑޯ ކުޅެފައި މިވަނީ، ސައުދީ ލީގާއި އޭއެފްސީ ޗެމްޕިއަންސް ލީގު ހިމެނޭހެން 4 މެޗު ނުކުޅެ ހުރުމަށްފަހުއެވެ.
އާދީއްތަ ދުވަހު އަލް ހަޒްމްއާ ދެކޮޅަށް ކުޅުނު މެޗު 4-0އިން އަލް ނަސްރު ކާމިޔާބުކޮށްފައިވާއިރު، އެ މެޗުގައި ރޮނާލްޑޯ ވަނީ ދެ ގޯލު ކާމިޔާބުކޮށް، އޭނާގެ ކެރިއަރުގައި މިހާތަނަށް 964 ގޯލު ހަމަކޮށްފައެވެ.
މި ނަތީޖާއާއެކު އެ ޓީމު ވަނީ 55 ޕޮއިންޓު ހޯދައި، ލީގުގެ އެއްވަނައިގައި އެއް ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ، އޭނާ ސައުދީގައި އުޅެމުން ދަނީ އުފަލުގައި ކަމަށާއި، އަދި ތަކުރާރުކޮށް މީގެ ކުރިން ބުނެފައިވާ ފަދައިން، ސައުދީ އަރަބިއްޔާއަކީ އޭނާގެ އަމިއްލަ ޤައުމުގެ ގޮތުގައި ސިފަކުރެވޭ ކަމަށެވެ. އަދި ސައުދީއިން އޭނާ އާއި އޭނާގެ އާއިލާގެ އިތުރުން ރަޙުމަތްތެރިންނަށް މަރުހަބާ ކިޔައި، އެ ޤައުމުން އެ މީހުން ބަލައިގަތުން އޭނާ ސިފަކުރީ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައެވެ.
ރޮނާލްޑޯ އިތުރަށް ބުނީ، އޭނާ ބޭނުންވަނީ ސައުދީގައި މަޑުކުރަން ކަމަށާއި، ހުއްޓުމެއްނެތި ކުރިޔަށް ގޮސް ލީގު ކާމިޔާބުކުރަން މަސައްކަތްކުރާނެކަން އޭނާ ފާހަގަކުރިއެވެ.
އަދި އާދީއްތަ ދުވަހުގެ މެޗަށްފަހު ރޮނާލްޑޯ ވަނީ ސައުދީގެ ސަގާފީ ހެދުމުގައި އުފާފާޅުކުރުންތައް ކުރިޔަށްގެންގޮސްފައެވެ.
A symbol of honor… worn by the greatest 🐐
— AlNassr FC (@AlNassrFC_EN) February 21, 2026
pic.twitter.com/HHefG1J3Xr
ރިޕޯޓުތައް ބުނާގޮތުން، ރޮނާލްޑޯ ހިތްހަމަ ނުޖެހިގެން ހުރީ އަލް ނަސްރު ހިންގަމުން އަންނަ، ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމެންޓް ފަންޑު (ޕީއައިއެފް)އިން އެ ކްލަބަށް އަހައްމިއްޔަތުކަންދޭ މިންވަރު ކުޑަވުމުންނެވެ.
ޕީއައިއެފްއިން އަންނަނީ ސައުދީ ލީގުގެ 4 ކްލަބެއް ހިންގަމުންނެވެ. އެއީ އަލް ނަސްރުގެ އިތުރުން، އަލް ހިލާލް، އަލް އަހްލީ އަދި އަލް އިއްތިހާދެވެ. ރޮނާލްޑޯ ހިތްހަމަ ނުޖެހުނީ، ޖެނުއަރީ "ޓްރާންސްފާރ ވިންޑޯ"ގައި އެހެން ކްލަބުތަކަށް ޚަރަދުކުރި މިންވަރަށް، އޭނާ ކުޅެމުން އަންނަ އަލް ނަސްރަށް ޚަރަދު ނުކުރުމުންކަމަށް ރިޕޯޓުތައް ބުނެއެވެ.
ރޮނާލްޑޯގެ ހިތްހަމަ ނުޖެހުން ގުޅިފައިވަނީ، އޭނާ އަލް ނަސްރާއެކު ސައުދީ ލީގު ކާމިޔާބުކުރުމަށް ދެކެމުން އަންނަ ހުވަފެނާ ކަމުގައި ބެލެވެއެވެ. ރޮނާލްޑޯ ބަދަލުވި ފަހުން އަލް ނަސްރަށް ލީގު ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެގޮތުން އޭނާ އުއްމީދުކުރީ، މި ފަހަރު ޓީމު އިތުރަށް ވަރުގަދަކުރުމަށް ޕީއައިއެފްއިން ޚަރަދުކުރާނެ ކަމަށެވެ.
އަލް ނަސްރާއެކު ރޮނާލްޑޯ ކޮންޓްރެކްޓް އައުކުރީ މިދިޔަ ޖޫން މަހުއެވެ. އައު ކޮންޓްރެކްޓުގައިވާ ގޮތުން އޭނާއަށް އަހަރަކު 245 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ދުވާލަކަށް ހަ ލައްކަ ވިހި ހާސް ޑޮލަރު)ގެ މުސާރައެއްގެ އިތުރުން، އިތުރު އިނާޔަތްތަކާއި، ކްލަބުގެ 15 އިންސައްތަ ޚިއްޞާ އާއި ޕްރައިވެޓް ޖެޓްގެ ޚިދުމަތް ވެސް ދޭނެއެވެ.