ވިޔަފާރި
އެމޭޒަން އަދި އަލިއެކްސްޕްރެސްއިން ވިޔަފާރި ކުރުމަށް ހުރަހެއް ނާޅަން: ބީއެމްއެލް
މި އަހަރުގެ މިހާތަނަށް ،000 މުޢަމަލާތް ހަމައެކަނި އެމޭޒަން އަދި އަލިއެކްސްޕްރެސް މެދުވެރިކޮށް ވަނީ ކޮށްފައި / ފޮޓޯ: ބީއެމްއެލް
ފަރުދުން
23 ފެބްރުއަރީ 2026، 10:38
23 ފެބްރުއަރީ 2026، 10:38
އެމޭޒަން އަދި އަލިއެކްސްޕްރެސްއިން ވިޔަފާރި ކުރުމުގެ ބޭނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުގެ މުޢާމަލާތްތައް ކުރުމުގައި އެއްވެސް ހުރަހެއް އަޅާފައި ނުވާނެކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.
ބީއެމްއެލްއިން މިކަން ހާމަކުރީ ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ބޭރުގެ ބައެއް އީކޮމާސް ޕްލެޓްފޯމްތައް ބީއެމްއެލްއިން ބްލޮކްކޮށްފައިވާކަމަށް މީސްމީޑިއާގައި އަޑުފެތުރުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނީ، އެމޭޒަން އަދި އަލިއެކްސްޕްރެސްއަށް އަމާޒުކޮށް ކާޑުގެ މުއާމާލާތްތައް ނުކުރެވޭ ގޮތަށް ހުރަސްތަކެއް އަޅާފައިވާކަމަށް ބުނެ ފެތުރޭ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. ނަމަވެސް އެ ބޭންކުން ކަނޑައަޅާފައިވާ ލިމިޓަށް ވުރެ އިތުރަށް ބޭނުންކުރަން މަސައްކަތްކޮށްފިނަމަ އެ މުޢާމަލާތް ކުރިއަށް ނުގެންދެވޭނެކަމަށް ވަނީ ހާމަކޮށްފައެވެ.
މިފަދަ އީކޮމާސް ވެބްސައިޓުތަކުން މުޢާމަލާތް ކުރުމަށް ހުރަސްއަޅާފައި ނުވާކަން ހާމަކޮށްދިނުމުގެ ގޮތުން، މިފަދަ މުޢާމަލާތްތަކުގެ ތަފާސްހިސާބުތައް ވެސް ވަނީ އާންމުކޮށްފައެވެ. އެގޮތުން މި އަހަރު ފެށުނީއްސުރެ މިދިޔަ ހަފުތާގެ ނިޔަލަށް، 58،000 މުޢަމަލާތް ހަމައެކަނި އެމޭޒަން އަދި އަލިއެކްސްޕްރެސް މެދުވެރިކޮށް ކޮށްފައިވާ ކަމަށް އެ ބޭނުންކުން ހާމަކުރެއެވެ. އަދި މި މުއްދަތުގައި އެ މުޢާމަލާތްތަކަށް 2.33 މިލިޔަން ޑޮލަރު ވަނީ ބޭނުންކޮށްފައެވެ.
މިކަމާ ގުޅިގެން ބޭންކުން އިތުރަށް ބުނީ، ކަސްޓަމަރުންގެ އާމްދަނީކަމަށް ބޭންކަށް މަޢުލޫމާތު ދީފައިވާ މިންވަރަށްވުރެ އިތުރަށް ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ބޭނުންކޮށްގެން މުދާ ގަތުމަށް ހޭދަކުރަމުންދާ ކަމަށެވެ. އެހެންކަމުން ވިޔަފާރި ބޭނުންތަކަށް މުދާ ގަންނަނަމަ، ބޭންކުގެ ބިޒްނަސް ބޭންކިންގ ސޮލިއުޝަންތައް ޚިޔާރު ކުރުމަށް އިލްތިމާސްކޮށްފައެވެ.
ފާއިތުވި އަހަރުތަކުގައި ރާއްޖޭއިން ބޭރުގެ ފަރާތްތަކާ ދެމެދު ކޮށްފައިވާ މާލީ މުޢާމަލާތްތަކުގެ ތަފާސްހިސާބު ވެސް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ އަދަދު އަހަރުން އަހަރަށް އަންނަނީ އިތުރުވަމުންނެވެ.
ފާއިތުވި އަހަރުތަކުގެ މުޢާމަލާތްތައް:
2023 - 311 މިލިޔަން ޑޮލަރު
2024 - 389 މިލިޔަން ޑޮލަރު
2025 - 524 މިލިޔަން ޑޮލަރު
2026 ޖަނަވަރީ - 59 މިލިޔަން ޑޮލަރު
މި އަދަދުތަކުގެ ގާތްގަނޑަކަށް 66 އިންސައްތަ މުއާމަލާތްތަކަކީ އީކޮމާސް ވެބްސައިޓްތަކުގައި ކޮށްފައިވާ މުއާމަލާތްތައް ކަމަށް ބީއެމްއެލްއިން ހާމަކުރެއެވެ.