ކުޅިވަރު

ޗެމްޕިއަންސް ލީގު: ބޯޑޯއިން މިދިޔަ އަހަރުގެ ފައިނަލްގައި ކުޅުނު އިންޓަރ މިލާން ކަޓުވާލައިފި

ޗެމްޕިއަންސް ލީގު: ބޯޑޯއިން މިދިޔަ އަހަރުގެ ފައިނަލްގައި ކުޅުނު އިންޓަރ މިލާން ކަޓުވާލައިފި

މެޗަށްފަހު ބޯޑޯގެ ކުޅުންތެރިން އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

25 ފެބްރުއަރީ 2026، 11:24

25 ފެބްރުއަރީ 2026، 11:24

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ޕްލޭއޮފް ބުރުގައި ނޯވޭގެ ބޯޑޯ/ގްލިމްއިން، މުބާރާތުގެ ފައިނަލުގައި މިދިޔަ އަހަރު ކުޅުނު އިޓަލީގެ އިންޓަރ މިލާން 5-2ގެ އެގްރިގޭޓް ސްކޯރއަކުން ބަލިކޮށް، މުބާރާތުގެ ގަދަ 16އިން ޖާގަ ހޯދައިފިއެވެ.

ބޯޑޯއިން ފުރަތަމަ ލެގު 3-1އިން ކާމިޔާބުކޮށްފައިވީނަމަވެސް، ރޭ އިޓަލީގައި ކުޅުނު މެޗުން އެ ޓީމަށް، ޗެމްޕިއަންސް ލީގު 3 ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވާ އިންޓަރ މިލާން ބަލިކުރެވޭނެކަމަކަށް ގިނަބަޔަކު ޤަބޫލެއް ނުކުރެއެވެ. ނަމަވެސް ދެވަނަ ލެގުން 2-1އިން ބަލިވެ އިންޓަރއަށް ޖެހުނީ މުބާރާތާއި އަލްވަދާއު ކިޔާށެވެ.

ބޯޑޯއިން އަންނަނީ މި މުބާރާތުގައި ތަފާތު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން ގްރޫޕް ފޭސްގައި ފުރަތަމަ ކުޅުނު 6 މެޗުން މޮޅު ނުވެވުނު ނަމަވެސް، ނޮކްއައުޓް ބުރުގެ ޕްލޭއޮފަށް ދަތުރުކުރުމަށް އެ ޓީމުން ވަނީ މެންޗެސްޓަރ ސިޓީ އާއި އެތުލެޓިކޯ މެޑްރިޑު ބަލިކޮށްފައެވެ. 

ރޭގެ މެޗުގައި މޮޅަށް ކުޅުނީ ވެސް ބޯޑޯއިންނެވެ. އެ ޓީމުން މެޗުގެ ފުރަތަމަ ހާފުގައި އިންޓަރގެ ގޯލަށް ފޮނުވާލި ހަމަލާތައް ނާކާމިޔާބުވިނަމަވެސް، ދެވަނަ ހާފުގައި ވަނީ ދެ ގޯލުގެ ލީޑެއް ނަގާފައެވެ. އަދި ފަހުން އިންޓަރއަށް ގޯލެއް ކާމިޔާބު ކުރެވުނު ނަމަވެސް، މެޗުގެ ނަތީޖާއަށް ބަދަލެއް ނުގެނެވި، ބޯޑޯއިން ވަނީ އެ ކްލަބުގެ ތާރީހުގައި މުޅިން އަލަށް ޗެމްޕިއަންސް ލީގުގެ ގަދަ-16އިން ޖާގައެއް ހޯދާފައެވެ. 

އެ މެޗުގައި ބޯޑޯއަށް ލީޑު ނަގައިދިނީ މެޗުގެ 58ވަނަ މިނެޓުގައި ޖެންސް ހޯޖު ކާމިޔާބުކުރި ގޯލުންނެވެ. އެއީ މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި އޭނާ ކާމިޔާބުކުރި 6ވަނަ ގޯލެވެ. މި ގޯލާއެކު އޭނާ ވެގެންގޮސްފައި ވަނީ، ނޯވޭއަށް ނިސްބަތްވާ ކުޅުންތެރިއަކު ޗެމްޕިއަންސް ލީގުގެ އެއް ސީޒަނެއްގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

އަދި މިއީ ނޯވޭގެ ޓީމަކުން ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރާ ހަމައަށް ދަތުރުކުރި ފުރަތަމަ ފަހަރު ވެސް މެއެވެ. ނޮކްއައުޓް ބުރުގައި އެ ޓީމުން ކުޅެން ޖެހޭނީ މެންޗެސްޓަރ ސިޓީ ނުވަތަ ސްޕޯޓިންއާ ދެކޮޅަށެވެ.

ބޯޑޯއާއެކު އިނގިރޭސިވިލާތުގެ ނިއުކާސްލް ޔުނައިޓެޑުން ވެސް ވަނީ ޗެމްޕިއަން ލީގުގެ ގަދަ 16އިން ޖާގަ ހޯދާފައެވެ. އަޒަރުބައިޖާންގެ ގަރަބަގް އެފްކޭ 3-2އިން ބަލިކުރުމަށްފަހު، ނިއުކާސްލްއިން ކުރި ހޯދީ 9-3ގެ އެގްރިގޭޓް ސްކޯއަކުންނެވެ.

އެހެންކަމުން މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި އިނގިރޭސި ހަ ކްލަބެއް ފެނިގެންދާނެއެވެ. އެއީ، ލިވަޕޫލް، ޗެލްސީ، އާސެނަލް، ޓޮޓެންހަމް، މެންޗެސްޓާ ސިޓީ އަދި ނިއުކާސަލްއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450