ކޮލަމް
ރަމަޟާން މަހާއި ހަކުރުބަލި: ދުޅަހެޔޮކަންމަތީ ރޯދަހިފުމަށް އިރުޝާދުތަކެއް
ރަމަޟާން މަހާއި ހަކުރުބަލި: ދުޅަހެޔޮކަންމަތީ ރޯދަހިފުމަށް އިރުޝާދުތަކެއް
ބަރަކާތްތެރި ރަމަޟާން މަހަކީ މުސްލިމުންނަށް ލިބޭ ރަޙްމަތާއި، ބަރަކާތާއި، އަދި އަމިއްލަ ނަފްސު އިޞްލާޙުކުރުމުގެ މައްސަރެކެވެ. ނަމަވެސް، ހަކުރުބަލި ހުންނަ ފަރާތްތަކަށް މި މަހަކީ އާދަޔާ ޚިލާފަށް ޒިންމާ އިތުރުވާ މަހެކެވެ. ހާރުދަމުން ފެށިގެން ރޯދަވީއްލުމާ ހަމައަށް ހޭދަވާ ދިގު ވަގުތާއި، ނިދުމުގެ އާދަތަކަށް އަންނަ ބަދަލާއި، ބޭސްކާ ގަޑިތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ލޭގައި ހަކުރު ހުންނަ މިންވަރަށް ބޮޑެތި ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. ވަކިން ހާއްސަކޮށް، ރޯދަވީއްލާ ގަޑީގައި ކުއްލިއަކަށް ގިނަ އަދަދަކަށް ކާބޯތަކެތި ބޭނުންކުރުމަކީ ހަކުރު މައްޗަށް ދިއުމަށް މެދުވެރިވާ ސަބަބެކެވެ. އެހެންކަމުން، ހަކުރުބަލި ހުންނަ މީހުން ރޯދަހިފުމުގައި އިތުރު ސަމާލުކަމެއް ދޭންޖެހެއެވެ.
ޞިއްޙީ މާހިރުން އިރުޝާދު ދެއްވާ ގޮތުގައި، ހަމަހަމަ ކެއުމަކަށް ސަމާލުކަންދީ، ގަވާއިދުން ހަކުރު ޗެކްކޮށް، ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމުން، ހަކުރުބަލި ހުންނަ މީހުންނަށްވެސް ދުޅަހެޔޮކަންމަތީ ރޯދަހިފިދާނެއެވެ. ބައެއް މީހުން ހާރުނުކައި ރޯދައަށް ހުރުމަކީ ނުރައްކާތެރި ކަމެކެވެ. ހާރުކެއުމަކީ ހަށިގަނޑަށް ބޭނުންވާ ހަކަތަ ފޯރުކޮށްދީ، ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭ ކަމެކެވެ. އެހެންކަމުން ހާރުގަޑީގައި ހަށިގަނޑަށް ގިނައިރު ހަކަތަ ލިއްބައިދޭނެ ފަދަ ކާނާ ބޭނުންކުރުން މުހިންމެވެ.
ހަކުރުބަލި ހުންނަ މީހުންގެ ހާރުގަޑިއަށް އެންމެ އެކަށީގެންވާ ކާނާގެ ތެރޭގައި ހިމެނެނީ:
ގޮދަން ނުވަތަ ހޯލް ގްރެއިން: ފުށުން ތައްޔާރުކުރާ ތަކެތި ހަދާއިރު އޯޓްސް ފަދަ ބާވަތްތައް އެއްކޮށްލުމަކީ ރަނގަޅު ކަމެކެވެ. މީގެ އިތުރުން އެކަށީގެންވާ މިންވަރަށް ޕްރޮޓީން ހިމެނުން މުހިންމެވެ.
ޕްރޮޓީންގެ ބާވަތްތައް: ބިސް ނުވަތަ ކުކުޅަކީ ޕްރޮޓީން ހޯދުމަށް އެންމެ ރަނގަޅު ބާވަތްތަކެވެ.
ފައިދާހުރި ފެޓްސް އާއި ފެން: ހަށިގަނޑަށް ފައިދާހުރި ހެލްދީ ފެޓްސް ހިމެނޭ ކާނާ ބޭނުންކުރުމާއެކު، ހަށިގަނޑުން ފެން މަދުވިޔަނުދިނުމަށްޓަކައި އެކަށީގެންވާ ވަރަށް ފެން ބުއިމަށް ސަމާލުކަން ދޭންވާނެއެވެ.
ދުރުވާންޖެހޭ ތަކެތި: ތެލުލާފައި ހުންނަ ތަކެއްޗާއި، އާދަޔާ ޚިލާފަށް ކުޅި އަދި ފޮނި ތަކެއްޗާ ދުރުވާންޖެހެއެވެ. ހަކުރުގެ ބަދަލުގައި "ސްޓީވިއާ" ފަދަ ގުދުރަތީ ބާވަތްތައް ބޭނުންކުރެވިދާނެއެވެ.
ޞިއްޙީ މާހިރުން އެންމެ ބޮޑަށް ބާރުއަޅުއްވަނީ ގަވާއިދުން ހަކުރު ޗެކްކުރުމަށެވެ. ހާރުކައިގެން، ރޯދަވީއްލުމުގެ ކުރިން، އަދި ރޯދަވީއްލައިގެންވެސް ލޭގައި ހަކުރު ހުރި މިންވަރު ބެލުމަކީ މުޅި ރަމަޟާން މަހު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމެވެ. މިފަދަ ފަރުދީ ޒިންމާތަކަށް ސަމާލުކަން ދިނުމަކީ ރަމަޟާން މަހުގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށް މަގުފަހިވާނެ ކަމެކެވެ.