ކުޅިވަރު
ޗެމްޕިއަންސް ލީގު: އިންޓަރ މިލާނަށްފަހު ޔުވެންޓަސް ވެސް ނޮކްއައުޓް ޕްލޭއޮފް ބުރުން ކަޓައިފި
ވިކްޓަރ އޮސިމޭންގެ ގޯލަށްފަހު ގަލަޓަސަރާއީގެ ކުޅުންތެރިން އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖަސް
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުން އިޓަލީގެ އިންޓަރ މިލާނަށްފަހު އެ ޤައުމުގެ ޔުވެންޓަސް ވެސް ކަޓައިފިއެވެ. ޔުވެންޓަސްއަށް މުބާރާތާ އަލްވަދާއު ކިޔަން ޖެހުނީ، ފުރަތަމަ ލެގުގައި އިންތާންބުލްގައި ކުޅުނު މެޗު 3 ގޯލުގެ ތަފާތަކުން ގެއްލިފައި ވަނިކޮށް، ރޭ ގަލަޓަސަރާއީއާ ދެކޮޅަށް ކުޅުނު ދެވަނަ ލެގުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެގްރިގޭޓް ނަތީޖާ ހަމަހަމަކޮށްފައި ވަނިކޮށް، އިތުރު ވަގުތުގެ ކުޅުމަށްފަހު، ހިތްދަތި ގޮތަކަށެވެ.
ޖުވެންޓަސްގެ އެލިއެންސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗަށް އެ ޓީމުން ނިކުތީ، ފުރަތަމަ ލެގު 5-2އިން ގެއްލިފައިވުމާ ގުޅިގެން، އެ ނަތީޖާ އަނބުރާލައި ޗެމްޕިއަންސް ލީގުގެ ގަދަ 16އިން ޖާގަ ހޯދުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެކަން އެނގިގެނެވެ. އެކަން ހާމަވެގެން ދިޔައީ، މެޗު ފެށުމަށްފަހު އެ ޓީމުގެ ކުޅުންތެރިން ކުރަމުން ދިޔަ ބުރަ މަސައްކަތެވެ.
ޔުވެންޓަސްއިން ވަނީ ފުރަތަމަ ހާފުގައި ގަލަޓަސަރާއީއާ ދެކޮޅަށް މޮޅަށް ކުޅެ، ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ފުރަތަމަ ހާފުގައި އެ ޓީމަށް ކާމިޔާބު ކުރެވުނީ މެނުއަލް ލޮކަޓެލީ ފޮނުވާލި ޕެނަލްޓީ އެކަންޏެވެ.
އެއްވާނެއްގައި ޔުވެންޓަސްއިން ކުރަމުންދިޔަ ހިތްވަރަށް ލޮޅުންއެރީ، ދެވަނަ ހާފުގެ 3ވަނަ މިނެޓުގައި އެ ޓީމުގެ ފަހަތަށް ކުޅެމުންދިޔަ ލޮއިޑް ކެލީއަށް ރަތް ކާޑު ދެއްކުމުންނެވެ.
ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރިން ޔުވެންޓަސްގެ ފެޑެރިކޯ ގެޓީ އަދި ވެސްޓަން މެކީން ކާމިޔާބުކުރި އިތުރު ދެ ގޯލާއެކު، އެގްރިގޭޓް ނަތީޖާ 5-5އިން އެއްވަރުކުރިއެވެ. މެޗު ނިމެން 8 މިނެޓަށް ވެފައިވަނިކޮށް ޔުވެންޓަސް އެ ޓީމުގެ ތިން ގޯލު ޖެހިފަހުން ވެސް އިތުރު ގޯލެއް ޖަހައި މެޗު ނިންމާލުމަށް ރަނަގަޅު ފުރުސަތުތަކެއް ލިބުނެވެ. ނަމަވެސް އެ ފުރުސަތުތައް ބޭކާރުވެ، އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.
ޔުވެންޓަސްއަށް މެޗުގެ ކޮންޓްރޯލް ގެއްލުނީ އިތުރު ވަގުތުގައި، ގަލަޓަސަރާއީގެ ޖާރޒީގައި އެންމެ މޮޅަށް ކުޅެމުންދިޔަ ނައިޖީރިއާގެ ވިކްޓަރ އޮސިމޭން ކާމިޔާބު ކުރި ގޯލުންނެވެ. އަދި އޭގެ ފަހުން އިތުރު ވަގުތުގެ ދެވަނަ ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް، ތުރުކީއަށް ނިސްބަތްވާ ބަރިސް ޔިލްމާޒް ކާމިޔާބުކުރި ގޯލާއެކު، ގަލަޓަސަރާއީއިން ޗެމްޕިއަންސް ލީގުގެ ގަދަ16ގެ ޖާގައެއް ޔަޤީންކުރިއެވެ.
ޔުވެންޓަސްގެ ކެޕްޓަން ލޮކަޓެލީ---
މެޗަށްފަހު ވާހަކަދައްކަމުން ޖުވެންޓަސްގެ ކެޕްޓަން ލޮކަޓެލީ ބުނީ، އެހާ މަސައްކަތް ކޮށްފައި ކަޓައިގެން ދިއުމުން ވަރަށް ހިތްދަތިވެފައިވާ ކަމަށެވެ. އަދި އޭނާ އެ މެޗު ކާމިޔާބު ކުރުމަށް މުޅި ފުރާނަ ދިންކަމަށާއި، ގައިގައި ހުރި ހުރިހާ ހިތްވަރެއް ނެރުނު ކަމަށް ވެސް ބުނެފައި ވެއެވެ. މީގެ އިތުރުން ބޭނުންވި ނަތީޖާ ނުނެރެވުނު ނަމަވެސް ޓީމުގެ މިސްރާބު ރަނގަޅުކަން ޓީމުގެ ކުޅުމުން އެނގޭނެކަމަށް އޭނާ ބުންޏެވެ.