ދީން / ކޮލަމް
އިސްލާމްދީނުގައި އަންހެނުންގެ މަޤާމު
އިސްލާމްދީނުގައި އަންހެނުންނަށް ޢިއްޒަތާއި ކަރާމަތްް ދެެއްވާފައިވޭ
ހުލާސާ
އިސްލާމްދީން ވަނީ އަންހެނުންގެ މަޤާމު މަތިވެރިކޮށް، އެ ކަނބަލުންނަކީ މައިން ކަމުގައި ވިޔަސް، އަންހެން ދަރިން ކަމުގައި ވިޔަސް، ނުވަތަ އަނބިން ކަމުގައި ވިޔަސް އެ ކަނބަލުންގެ އަގު އުފުލާފައެވެ.
އެ ކަނބަލުންގެ ޚަރަދުބަރަދު ބެލެހެއްޓުމަށް ފިރިހެނުންނަށް ބާރުއަޅައި، އަންހެން ދަރިންނަށްވާނަމަ އެ ކުދިން ރަނގަޅަށް ތަރުބިއްޔަތުކޮށް އުނގަންނައިދިނުމަށާއި، އަނބިންނަށްވާނަމަ އެ ކަނބަލުންނާ އޯގާތެރިކޮށް ހިތުމަށް އަމުރުކުރެއްވިއެވެ.
މާތްﷲ ވަޙީކުރެއްވިއެވެ: "އަދި ހެޔޮގޮތުގައި އެ ކަނބަލުންނާއެކު އުޅޭށެވެ." ރަސޫލާ ﷺ ވަނީ ވަދާޢުގެ ޙައްޖުގައި އެ ކަނބަލުންނާ މެދު (ހެޔޮކޮށް ހިތުމަށް) ވަޞިއްޔަތް ކުރެއްވުމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވާފައެވެ.
މާތްﷲ އެ ކަލޭގެފާނުގެ ގާތްތިމާގެ މީހުންނަށް ދީނަށް ގޮވައިލުމަށް އަމުރުކުރެއްވި ހިނދު، އެ ކަލޭގެފާނުގެ ބޮޑުދައިތާފުޅު ޞަފިއްޔާގެފާނަށާއި ދަރިކަނބަލުން ފާޠިމަތުގެފާނަށް ނަންފުޅުން ގޮވައިލެއްވިއެވެ. އެއީ އެ ކަނބަލުންގެ މަޤާމު މަތިވެރިކުރެއްވުމަށާއި، އެ ކަނބަލުންގެ ނަމުން ގޮވައިލުމަކީ ހުއްދަ ކަމެއްކަން މީހުންނަށް ދެއްކެވުމަށެވެ. އެއީ އެ ޒަމާނުގެ މީހުން އެ ކަމަކީ ލަދުވެތި ކަމެއް ކަމުގައި ދެކެމުން އައި ގޮތާ ޚިލާފަށެވެ. އަދި އެ ކަލޭގެފާނުގެ ޚުޠުބާ އަޑުއެހުމުގެ ފުރުޞަތު އެ ކަނބަލުންނަށް ދެއްވިއެވެ.
އުއްމު ހިޝާމް ބިންތި ޙާރިޘާގެ ކިބައިން ރިވާވެގެންވާ ގޮތުގައި އެ ކަމަނާ ވިދާޅުވިއެވެ: "ތިމަންކަމަނާ 'ޤާފް' ސޫރަތް ދަސްކުރީ ސީދާ ރަސޫލާ ﷺ ގެ އަރިހުންނެވެ. އެ ކަލޭގެފާނު ކޮންމެ ހުކުރު ދުވަހަކު މިންބަރުމަތީގައި ހުންނަވައި މީސްތަކުންނަށް ޚުޠުބާ ދެއްވާއިރު އެ ސޫރަތް ކިޔަވައިދެއްވައެވެ."
އިސްލާމްދީން ވަނީ އަންހެނާގެ ކަރާމާތާއި، ފިރިހެނުންނާ އެއްފަދަ އިންސާނީ ޙައްޤުތައް ބަލައިގެންފައެވެ. މާތްﷲ ވަޙީކުރެއްވިއެވެ: "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ ފިރިހެނަކާއި އަންހެނެއްގެ ކިބައިންނެވެ."
އަދި ހެޔޮ ޖަޒާ ލިބުމުގައިވެސް އެ ކަނބަލުންނަކީ ފިރިހެނުންގެ ބައިވެރިންނެވެ. މާތްﷲ ވަޙީކުރެއްވިއެވެ: "މުއުމިނަކު ކަމުގައިވާ حال، ފިރިހެނުންގެ ތެރެއިންވިޔަސް ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صالح عمل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެ މީހަކަށް ތިމަންރަސްކަލާނގެ ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެމީހުން ކޮށް އުޅުނު އެންމެ ހެޔޮ عمل ތަކުގެ ثواب، އެމީހުންނަށް ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ."
އިސްލާމްދީން ވަނީ އަންހެނާއަށް މިނިވަން ޝަޚުޞިއްޔަތެއް ކަށަވަރުކޮށްދީ، ކުރިން މަޙްރޫމްވެފައިވާ ތަރިކަ މުދަލުގެ ޙައްޤު ހޯދައިދީފައެވެ. މާތްﷲ ވަޙީކުރެއްވިއެވެ: "މައިންބަފައިންނާއި ގާތްތިމާގެ މީހުން ދޫކުރި ތަކެތީގެ ތެރެއިން ފިރިހެނުންނަށް ބައެއްވެއެވެ. އަދި މައިންބަފައިންނާއި ގާތްތިމާގެ މީހުން ދޫކުރި ތަކެތީގެ ތެރެއިން އަންހެނުންނަށްވެސް ބައެއްވެއެވެ. އެއިން މަދު އެއްޗަކުންވިޔަސް ނުވަތަ ގިނަ އެއްޗަކުންވިޔަސް މެއެވެ. (އެއީ) ކަނޑައެޅިގެންވާ ބައެކެވެ."
އިސްލާމްދީނުގައި އަންހެނުންގެ ޙައްޤުތައް:
އިސްލާމްދީން ވަނީ އަންހެނުންނަށް ގިނަގުނަ ޙައްޤުތަކެއް ކަނޑައަޅާފައެވެ. އަދި ތަޤުވާވެރިކަމުން މެނުވީ އަންހެނުންނާއި ފިރިހެނުންގެ މެދުގައި ތަފާތެއް ނުކުރެއެވެ. މާތްﷲ ވަޙީކުރެއްވިއެވެ: "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ ފިރިހެނަކާއި އަންހެނެއްގެ ކިބައިންނެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ތަޢާރަފުވުމަށްޓަކައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ބޮޑެތި ޤައުމުތަކަށާއި ކުދި ޤަބީލާތަކަށްލެއްވީމެވެ. ހަމަކަށަވަރުން، ﷲގެ حضرة ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ تقوى ވެރި މީހާއެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
އެހެންކަމުން، އިޖުތިމާޢީ ދިރިއުޅުމުގައި ބައިވެރިވުމުގެ ފުރުޞަތު އެ ކަނބަލުންނަށް ދީ، މުޖުތަމަޢުގެ ހަރަކާތްތެރި ބަޔަކަށް ހެދިއެވެ. އަދި ޤާނޫނުގެ ކުރިމަތީގައާއި އަގުގެ ގޮތުން ފިރިހެނުންނާ އެއްވަރުކުރިއެވެ. މާތްﷲ ވަޙީކުރެއްވިއެވެ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާދަމުގެދަރިން މާތްކުރެއްވީމެވެ." އަދި މަދަނީ ޙައްޤުތައް ކަށަވަރުކޮށްދިނެވެ. އޭގެ ތެރޭގައި ވަޒީފާ އަދާކުރުމާއި މަޤާމުތައް ފުރުމާއި، ސިޔާސީ ޙައްޤުތައް ބޭނުންކުރުމާއި، ޢިލްމާއި މަޢުލޫމާތު ހޯދުމަށް ގޮވައިލުން ހިމެނެއެވެ.
އަމިއްލަ ކަންކަމަށް ބަލާއިރު، ދަރިން ތަރުބިއްޔަތުކުރުން ފަދަ ކަންކަމުގައި، އާއިލާއާއި މުޖުތަމަޢަށް އެންމެ ފައިދާހުރި ގޮތަށް، އަދި ކަރާމާތާއި އަގުގެ ހަމަހަމަކަމުގެ ތެރެއިން އަންހެނާއާއި ފިރިހެނާގެ މެދުގައި ޒިންމާތައް ބަހާލުމަށް އިސްލާމްދީން އިރުޝާދު ދީފައިވެއެވެ.
މިކަމުގައި އިސްލާމީ ތަޞައްވުރު ބިނާވެފައިވަނީ، އަންހެނާއާއި ފިރިހެނާގެ ދެމެދުގައިވާ ހަމަހަމަކަމުގެ މައްޗަށެވެ. އެހެންނަމަވެސް، މާތްﷲ އެދެބައިމީހުން އުފައްދަވާފައިވާ ފިޠުރީ ގާބިލުކަމުގެ ތަފާތުތަކަށް މިކަމުގައި ރިޢާޔަތްކުރެވިފައިވެއެވެ.