ކުޅިވަރު
ރާއްޖޭގެ ތާރީޙުގައި މުޅިން އަލަށް އަންހެނުންގެ ޕްރެޒިޑެންޓްސް ކަޕެއް ބާއްވަނީ
މިދިޔަ އަހަރު ބޭއްވި އެފްއޭއެމް ވިމެންސް ލީގުގެ ތެރެއިން / ފޮޓޯ: އެފްއޭއެމް
ރާއްޖޭގެ ތާރީޙުގައި މުޅިން އަލަށް އަންހެނުންގެ ޕްރެޒިޑެންޓްސް ކަޕެއް ބޭއްވުމަށް ތާވަލުކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބޭއްވި އޯޑިނަރީ ކޮންގްރެސްއަށްފަހު ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި އެ އެސޯސިއޭޝަންގެ ރައީސް އަޙްމަދު ޠާރިޤް ވިދާޅުވީ، މި އަހަރުގެ ކަލަންޑަރުގައި ހިމަނައިގެން ވަރަށް ގިނަ މުބާރާތްތަކެއް ބާއްވަން ތާވަލުކޮށްފައިވާނެ ކަމަށާއި އޭގެ ތެރޭގައި އަންހުންނަށް ޙާއްސަ މުބާރާތްތަކެއް ވެސް ހިމެނޭ ކަމަށެވެ.
މިދިޔަ އަހަރު އޮތް އެފްއޭއެމް ވިމެންސް ލީގުގައި އޮޑި ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން / ފޮޓޯ: އެފްއޭއެމް
އެގޮތުން މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް އަންހެނުންގެ ލީގެއް އޮންނާނެ ކަމަށް ޠާރިޤް ވިދާޅުވިއެވެ. އަދި ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ ވާޝަންއެއް މި އަހަރު ބޭއްވުމަށްޓަކައި ކަލަންޑަރުގައި ހިމަނައި ހުށަހެޅި ބަޖެޓު ކޮންގްރެސްއިން ފާސްކޮށްފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގިނަ ދުވަސްތަކަކަށް މެދުކެނޑިފައި އޮތުމަށްފަހު އަންހެން ޑިވިޝަންގެ ފުޓުބޯޅައިގެ ހަރަކާތްތައް ފެށީ އެފްއޭއެމްގެ ހިންގުމާ އައު އެކްސްކޯ ހަވާލުވެވަޑައިގެންނެވި ފަހުންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ އަހަރު ވަނީ އަންހެނުންގެ ލީގެއް ބާއްވައި، އަންހެނުންގެ ފުޓްސަލް ޤައުމީ ޓީމެއް އެކުލަވާލާފައެވެ. އެ ޓީމުން ވަނީ މި އަހަރުގެ ޖެނުއަރީ މަހު، ތައިލެންޑުގައި އޮތް ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ވާދަކޮށްފައެވެ.