ޚަބަރު
މި އަހަރު މުޅިން އަލަށް 76 ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމްކުރަނީ
ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް---
ފަރުދުން
09 މާރިޗު 2026، 10:22
09 މާރިޗު 2026، 10:22
މި އަހަރު މުޅިން އަލަށް 76 ރަށެއްގައި ލެބޯޓްރީގެ ޚިދުމަތް ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައެވެ.
ވަޒީރު ވިދާޅުވީ، ޚާއްޞަކޮށް ކުދި އާބާދީތައް އޮންނަ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކުން ލެބޯޓްރީގެ ޚިދުމަތް ހޯދުމަށް ކަނޑު ހުރަސްކޮށް ދާންޖެހިފައި އޮތުމަކީ ސަރުކާރުގެ ކަންބޮޑުވުމެއް ކަމަށެވެ. އެހެންކަމުން ސަރުކާރުން ލެބޯޓްރީ ޤާއިމްކުރުމުގެ މަސައްކަތް ފަށާފައި ވަނީ އެ ދަތިކަމަށް ޙައްލު ހޯއްދަވައި ދެއްވުމަށްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، މި ޚިދުމަތް ފުޅާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ސިޔާސަތެއް ކަނޑައަޅުއްވާފައިވާ ކަމަށާއި، އަދި އެކަން ޙާސިލްކުރުމަށް ބާރު ދުވެލީގައި މަސައްކަތްތައް ކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން މި އަހަރުގެ ތެރޭގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރެވިފައި ނެތް 76 ރަށުގައި އެ ޚިދުމަތް ޤާއިމްކުރުމަށް މަސައްކަތް ކުރަމުންދާކަމަށާއި، އަދި މި މަސައްކަތުގެ ތެރެއިން މިހާތަނަށް 11 ރަށެއްގައި މި ޚިދުމަތް ޤާއިމްކުރެވިފަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ ސިޔާސަތެއްގެ ގޮތުން ނިންމެވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ލެބޯޓްރީ ސަރވިސްގެ ޚިދުމަތް ލިބެން ނެތް 76 ރަށުގައި، މިއަހަރު ނިމުމުގެ ކުރިން ލެބޯޓަރީގެ ޚިދުމަތް ޤާއިމްކޮށް ނިންމުން. މިއަދާހަމައަށް އައިއރު އަޅުގަނޑުމެންނަށް މިހާރު މިވީ ދޮޅުމަހެއްހާ ދުވަހުގެ ތެރޭގަ 11 ރަށެއްގައި ޚިދުމަތް ރަސްމީކޮށް ފެށިފައިވަނީ. އަދި ވަރަސް ގިނަ ރަށްތައް މިހާރު ފެށުމަށްޓަކައި ތައްޔާރުވަމުން މިދަނީ.
ވަޒީރު ވިދާޅުވިއެވެ.
ޞިއްޙީ ޚިދުމަތަކީ އަސާސީ ކަމަކަށްވާއިރު ސަރުކާރުން މަސައްކަތް ކުރަނީ ކޮންމެ ރަށެއްގައި މި ޚިދުމަތް ޤާއިމްކުރުމަށެވެ. އަދި ލެބޯރެޓަރީގެ ޚިދުމަތާއެކު ބައެއް ބަލިތައް ދުރާލާ ދެނެގަތުމުގެ މަގުފަހިވެގެންދާނެ ކަމަށާއި، މިއީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށްވެސް ލިބޭނެ އިތުރު ބާރެއްކަންވެސް ސަރުކާރުން ފާހަގަކުރެއެވެ.