ވިޔަފާރި
ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ގާއިމްކުރުމަށް މިހާތަނަށް 51 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފި
މަސްވެރިންތަކެއް އައިސް ބަރުކުރަނީ / ފޮޓޯ: ޕީއެސްއެމް
ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ގާއިމްކުރުމަށް މިހާތަނަށް 51 މިލިޔަން ރުފިޔާގެ ލޯނު މަސްވެރިންނަށް ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއީ، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާ އާއި އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން މަސްވެރިންނަށް ދޫކުރާ ލޯނެކެވެ. މި ލޯނަށް ސަރުކާރުން ފުރަތަމަ ހުޅުވާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދި އިތުރު ލުއިތަކަކާއެކު މި ލޯނަށް އެދުމުގެ ފުރުސަތު ސަރުކާރުން ވަނީ އަލުން ހުޅުވާލާފައެވެ.
މި ލޯނަކީ ރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާޢިމުކޮށްފައިހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީއާއި އައިސް ހޯދުމަށް ކުރަންޖެހޭ ހޭދަ ކުޑަކުރުމުގެ މަޤުސަދުގައި ސަރުކާރުން ދޫކުރުމަށް ނިންމި ލޯނެކެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ލޮނުފެނުން މަސް ފިނިކުރާ ނިޒާމް ނުވަތަ އާރުއެސްޑަބްލިއު ސިސްޓަމް ގާއިމްކުރުމަށް މިހާތަނަށް 90 ފަރާތަކުން ވަނީ ލޯނަށް އެދިފައެވެ. އަދި މީގެތެރެއިން 45 ފަރާތެއްގެ ލޯނު އެޕްރޫވްކޮށްފައިވާއިރު، މިހާތަނަށް 51 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއެވެ.
މި ލޯނާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ލޮނުފެނުން މަސް ފިނިކުރެވޭ ނިޒާމް ގާއިމްކުރުމަށްޓަކައި ސަރުކާރުން ހުޅުވާލާފައިވަނީ، ކަންބޮޑުވުންތަކަށް ބަލައި އޮޑިވެރިންނަށް ފަސޭހައިން ލޯނަށް އެދެވޭނެގޮތައްކަމަށެވެ. އަދި މި ލޯނާއެކު އައިސް ހޯދުމަށް ދުއްވަންޖެހޭ ދުއްވުން ނިމުމަކަށް ގެނަސް، ތެޔޮ ސަލާމަތް ކުރެވޭނެކަމަށް ވަނީ ވިދާޅުވެފައެވެ.
އަދި މި ޕްރޮގްރާމްގެ ދަށުން އާރުއެސްޑަބްލިއު ސިސްޓަމް ގާއިމްކުރަން ބޭނުންވާ ހުރިހައި އޮޑިފަހަރެއްގައި އެ ފެސިލިޓީ އެޅުމަށް މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.
ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ޤާއިމްކުރުމަށް ބަލާ ކްރެޑިޓް ހިސްޓްރީ މިންގަނޑު 3 މަސް ދުވަހަށް ވަނީ ކުޑަކޮށްފައެވެ. މީގެ ކުރިން މި މުއްދަތު ބަލަނީ 1 އަހަރު ދުވަހުގެ މުއްދަތަކަށެވެ.
އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރާ ލޯނުގެ ދަށުން ރަހުނަކާއި ނުލައި 100،000 (އެއް ލައްކަ) ރުފިޔާއިން ފެށިގެން 2،000،000 (ދެމިލިޔަން) ރުފިޔާއާ ހަމައަށް ލޯނުދޫކުރެއެވެ. މީގެކުރިން ހުޅުވާލި ފުރުސަތުތަކާއި ޚިލާފަށް އަލުން ހުޅުވާލި ފުރުސަތުގެ ދަށުން، ދޯނިތަކުގައި އަވިން ހަކަތަ އުފެއްދޭ ސޯލާ ނިޒާމާއި ޖެނެރޭޓަރު ގަތުމަށް ފުރުސަތުވެސް ދެއެވެ. މިއާއެކު ލޯނު އަނބުރާ ދެއްކުމަށް 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑަކާއެކު، 10 އަހަރު ލިބޭނެއެވެ.