ވިޔަފާރި
އެއާރ އިންޑިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފި
އެއާރ އިންޑިއާއިން އިތުރުކުރީ މާލެ އާއި ނިއު ދިއްލީގެ ދަތުރުތައް---
ފަރުދުން
10 މާރިޗު 2026، 09:37
10 މާރިޗު 2026، 09:37
އިންޑިއާގެ ޤައުމީ އެއާރލައިން، އެއާރ އިންޑިއާއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.
އެއާރ އިންޑިއާއިން ވަނީ ރާއްޖޭގެ އިތުރުން އެހެން ބައެއް މަންޒިލްތަކަށް ކުރާ ދަތުރުތައް ވެސް އިތުރުކުރުމަށް ނިންމާފައެވެ.
މި ބަދަލާ ގުޅިގެން އެ އެއާރލައިނުން ހާމަކޮށްފައިވާ ގޮތުގައި، މިއީ މެދުއިރުމަތީގައި ކުރިއަށްދާ ހަނގުރާމައާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ބުރޫއަރާފައިވާ މި ދުވަސްވަރު، ބަރޯސާވެވޭ ދަތުރުތަކަށް އޮތް ބޮޑު ޑިމާންޑަށް އިޖާބަދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ.
އެގޮތުން މިއަދުން ފެށިގެން އެ އެއާރލައިންގެ ދަތުރުތައް އިތުރުކުރުމަށް ނިންމާފައި ވަނީ ރާއްޖެ އާއި ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯ އަދި ނިއު ޔޯކާއި ޔޫރަޕްގެ ބައެއް ސިޓީތަކަށެވެ.
މި ބަދަލާއެކު، މި މަހުގެ 18ގެ ނިޔަލަށް އެ އެއާލައިންގެ ދަތުރުތަކަށް 78 ފްލައިޓް އިތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއާއެކު ނުވަ މަގަކުން ދަތުރުކުރާ މީހުންނަށް ޖުމްލަ 17,660 ސީޓު އިތުރުވެގެންދާނެކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައި ވެއެވެ.
އެ އެއާރލައިން ޔޫރަޕަށްކުރާ ދަތުރުތަކަށް ބޭނުންކުރަން ހަމަޖެހިފައި ވަނީ ބޮއިން 787-8 މަރުކާގެ މަތިންދާ ބޯޓެވެ. އަދި މާލެ އާއި ކޮލަމްބޯގެ ދަތުރުތަކަށް އެއާބަސް A320 ނިއޯ ބޯޓުތައް ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، ނިއު ޔޯކަށް ދަތުރުތައް ކުރާނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބުމުން، ބޮއިން 777-300ER މަރުކާގެ ބޯޓުތަކުގައިކަމަށް ވަނީ ހާމަކޮށްފައެވެ.
އެއާރ އިންޑިއާގެ ޗީފް ކޮމާޝަލް އޮފިސަރު ނިޕުން އަގަރްވާލް ވިދާޅުވީ، އެ އެއާރލައިންގެ ދަތުރުތައް ކުރާނީ ރައްކާތެރިކަން ކަށަވަރުކޮށްފައިވާ މަގުތަކުންނެވެ. އަދި މި ދަތުރުތަކުގެ ސަބަބުން ދަތުރުވެރިންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެއާރ އިންޑިއާއިން ރާއްޖެއަށްކުރާ ދަތުރުތައް އިތުރުކުރަން ނިންމާފައިވާއިރު، އެ ދަތުރުތައް ކުރާނީ އިންޑިއާގެ ނިއު ދިއްލީންނެވެ. އެހެންކަމުން އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެކަމަށް ބެލެވެއެވެ.