ޚަބަރު
ދިގުރަށުގައި ކަރަންޓުގެ ޒަމާނީ ވިއުގައެއް ޤާއިމުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި
ދިގުރަށުގެ ކަރަންޓު ވިއުގަ ރަނގަޅު ކުރުމުގެ މަސައްކަތް ކުރިޔަށްދަނީ / ފޮޓޯ: ސްޓެލްކޯ
ފަރުދުން
10 މާރިޗު 2026، 10:12
10 މާރިޗު 2026، 10:12
އދ. ދިގުރަށުގައި ކަރަންޓުގެ ޒަމާނީ ވިއުގައެއް ޤާއިމުކުރުމުގެ މަސައްކަތް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (ސްޓެލްކޯ)އިން ފަށައިފިއެވެ.
ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި، މިއީ ދިގުރަށަށް އަންނަ އުމްރާނީ ތަރައްޤީއާ ގުޅިގެން އެ ރަށުގެ ކަރަންޓު ވިއުގައަށް ކޮންމެހެން ގެންނަންޖެހޭ ބަދަލެއް ކަމަށެވެ. އެގޮތުން އެ ރަށުގެ ކަރަންޓު ވިއުގަ އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރިއަށްގެންދާ "ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑިންގ" މަސައްކަތުގެ ތެރެއިން، އަލަށް ޤާއިމުކުރާ މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އެޅުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްދާކަމަށް އެ ކުންފުނިން ހާމަކުރެއެވެ.
މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، 1500 ކޭ.ވީ.އޭގެ އަޕްސްޓްރީމް ކެޕޭސިޓީ ޤާއިމުކުރުމާއެކު، ރަށުގައި އައު ސަބްސްޓޭޝަނެއް ބެހެއްޓުމުގެ މަސައްކަތް ވަނީ ކުރިޔަށްގެންގޮސްފައެވެ.
ސްޓެލްކޯއިން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލުމެވެ.
އަދި މަސައްކަތް ނިމުމުން، ދިގުރަށުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި އިތުބާރުހުރި ކަރަންޓުގެ ޚިދުމަތެއް ފޯރުކޮށްދެވޭނެކަން ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ.
ދިގުރަށަކީ ރަށުފަތުރުވެރިކަން ފުޅާވަމުން އަންނަ ރަށެކެވެ. އަދި އެ ރަށުގައި މިހާރުވެސް 14 ވަރަކަށް ގެސްޓްހައުސް ހިންގަމުން ދިއުމާއެކު، އެ ރަށުގައި ކަރަންޓުގެ ރައްކާތެރިކަން އިތުރުކުރެވުމަކީ ރަށުގެ ރައްޔިތުންނާއި އަދި ރަށުގެ ވިޔަފާރިތަކަށްވެސް ލިބިގެންދާ މުހިންމު ޚިދުމަތަކަށްވެގެންދާނެއެވެ.