ކޮލަމް

ސިއްހަތަށް ރަނގަޅީ ފިނި ފެން ހެއްޔެވެ؟ ނުވަތަ ހޫނު ފެން ހެއްޔެވެ؟

ސިއްހަތަށް ރަނގަޅީ ފިނި ފެން ހެއްޔެވެ؟ ނުވަތަ ހޫނު ފެން ހެއްޔެވެ؟

ޫހޫނުފެން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 މާރިޗު 2026، 10:18

14 މާރިޗު 2026، 10:18

ފެނަކީ އިންސާނާގެ ދިރިހުރުމަށްޓަކައި ކޮންމެހެން ބޭނުންތެރި އެއްޗެކެވެ. ނަމަވެސް، ފެން ބޯންވީ ހޫނުމިނާ މެދު މީހުންގެ މެދުގައި ތަފާތު ޚިޔާލުތަކެއް ހުރެއެވެ. ބައެއް މީހުން ފިނި ފެން ބޯން ލޯބިކުރާއިރު، އަނެއް ބަޔަކު ދެކޭ ގޮތުގައި ފިނި ފެނަކީ ސިއްހަތަށް ގެއްލުން ހުރި އެއްޗެކެވެ. އެހެންކަމުން އެފަދަ މީހުން އިސްކަންދެނީ ތާފަނާ ނުވަތަ ހޫނު ފެން ބުއިމަށެވެ. މިއާއެކު އުފެދޭ އެންމެ ބޮޑު ސުވާލަކީ، ހަގީގަތުގައި ވެސް ސިއްހަތަށް ފައިދާހުރީ މީގެ ތެރެއިން ކޮން ފެނެއް ބުއިމުން ހެއްޔެވެ؟

މެޑިކަލް މާހިރުން ވަނީ މި މައުޟޫއަށް ގިނަ ދިރާސާތަކެއް ކޮށްފައެވެ. މި ދިރާސާތަކުން ދައްކާ ގޮތުގައި، އަޅުގަނޑުމެން ބޯ ބުއިންތަކާއި ކާ ތަކެތީގެ ހޫނުމިނުގެ ސަބަބުން ހަށިގަނޑުގެ އެކި ނިޒާމުތަކަށް ބަދަލު އާދެއެވެ. އޭގެ ތެރޭގައި ހާސްކަމުގެ މިންވަރާއި ، ހަޖަމުކުރުމުގެ ނިޒާމު ހިމެނެއެވެ.

ފިނި ފެނާ ގުޅޭގޮތުން ފާހަގަކޮށްލެވޭ އެއް ކަމަކީ، ފިނި ފެން ބުއިމުން ހަށިގަނޑުން މަދު މިންވަރަކަށް ކެލޮރީ އަންދައިދޭ ކަމެވެ. ދިރާސާ ރިޕޯޓުތަކުން ދައްކާ ގޮތުގައި ފެން ބޯތާ ގާތްގަނޑަކަށް 90 މިނެޓު ވަންދެން ހަށިގަނޑުގެ ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވެއެވެ. ފިނި ފެން ބުއިމުން މި މިންވަރު ގާތްގަނޑަކަށް %2.9 އިތުރުވާއިރު، އާދައިގެ ފެން ބުއިމުން އިތުރުވަނީ %2.3 އެވެ. މިއީ ފިނި ފެން ހަށިގަނޑުގެ ހޫނުމިނަށް ގެނައުމަށްޓަކައި ހަށިގަނޑުން ހަކަތަ ބޭނުންކުރާތީ ވާގޮތެކެވެ. ނަމަވެސް، މާހިރުން ބުނާ ގޮތުގައި މިއީ ބަރުދަން ލުއިކުރުމަށް އެހީތެރިވާ ފާހަގަކުރެވޭ ފަދަ ބޮޑު މިންވަރެއް ނޫނެވެ.

ހޫނު ފެނާ ގުޅޭގޮތުން ވެސް ބައެއް ކަހަލަ ކުށްހީތައް ފެތުރިފައިވެއެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ހޫނު ފެން ބުއިމުން ހަށިގަނޑުގެ ސަރުބީ ގިރުވައިދެއެވެ. ނަމަވެސް މިއީ ހަގީގަތެއް ނޫން ކަމަށް މާހިރުން ބުނެއެވެ. ބަރުދަން ލުއިކުރަން ބޭނުންވާ މީހަކަށް މުހިންމީ ފެނުގެ ހޫނުމިނަށްވުރެ ބޯ ފެނުގެ މިންވަރެވެ. މާހިރުންގެ ތަޖުރިބާތަކުން އެނގޭ ގޮތުގައި ދުވާލަކު އިތުރަށް 1.5 ލީޓަރުގެ ފެން ބޯނަމަ، އަށް ހަފުތާގެ ތެރޭގައި ބަރުދަން ލުއިވުމަށް އެހީތެރިވެއެވެ. މިއީ ގިނައިން ފެން ބުއިމުން ކާހިތްވުން ކުޑަކޮށްދޭތީ ވާކަމެކެވެ. މިކަމުގައި ފެނުގެ ހޫނުމިނަކީ މާ ބޮޑު ދައުރެއް އޮތް ކަމެއް ނޫނެވެ.

ހޫނު ފެން ބުއިމުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ހަޖަމުކުރުމުގެ ނިޒާމަށް ލިބޭ ކުރިއެރުމެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ހޫނު ދިޔާތަކެތި ބުއިމުން ބަނޑުގައި ހުންނަ އެސިޑްތައް އަވަހަށް ސާފުކޮށްދީ، މައިދާގެ މަސައްކަތް ހަލުވިކޮށްދެއެވެ. މީގެ އިތުރުން، ހޫނު ބުއިންތަކުގެ ސަބަބުން ނަފްސާނީ ގޮތުން ވެސް ހެޔޮ ބަދަލުތަކެއް އާދެއެވެ. މިސާލަކަށް ކަޅު ސައި ފަދަ ހޫނު ބުއިންތަކަކީ ފިކުރުބޮޑުވުން ކުޑަކޮށްދީ، ހަށިގަނޑަށް ހަމަޖެހުން ލިބިދޭ އެއްޗެކެވެ.

ޖުމްލަގޮތެއްގައި ބުނާނަމަ، ފިނި ފެނާއި ހޫނު ފެނުގެ ވެސް އަމިއްލަ ފައިދާތަކެއް އެބަހުއްޓެވެ. އެންމެ މުހިންމު ކަމަކީ ހަށިގަނޑަށް ބޭނުންވާ މިންވަރަށް ފެން ބުއިމެވެ. ހަޖަމުކުރުމުގެ މައްސަލަތަކެއް ހުރިނަމަ ހޫނު ފެން ބުއިން ބުއްދިވެރިވާއިރު، ހަށިގަނޑު ފިނިކޮށްލަން ބޭނުންވާ ވަގުތުތަކުގައި ފިނި ފެން ބުއިމަކީ އެންމެ ރަނގަޅު ގޮތެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450