ޚަބަރު
ކޫލް ސްކޫލް ޕްރޮގްރާމްގެ ދަށުން ހއ. އަތޮޅުގެ ހުރިހާ ސްކޫލްތަކަށާއި ބ. އަތޮޅުގެ 4 ސްކޫލަށް އޭސީ ގެންގޮސްފި
އޭސީ ލޯޑުކުރަނީ/ފޮޓޯ: އެމްޕީ ޝުޖާއު
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އޭ.ސީ ހަރުކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" ޕްރޮގްރާމްގެ ދަށުން ހއ. އަތޮޅުގެ ހުރިހާ ސްކޫލްތަކަށް އަދި ބ. އަތޮޅުގެ 4 ސްކޫލަކަށް އޭސީ ގެންގޮސްފިއެވެ.
މި މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ތަޢުލީމީ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ސްކޫލުތަކުގެ ކްލާސްރޫމްތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން ފެށި މުހިންމު މަސައްކަތަކަށްވާއިރު، މިކަމުގެ ސަބަބުން ކިޔަވައިދޭ މާހައުލަކީ ދަރިވަރުންނަށް ފަހި އަދި އަރާމު ތަނަކަށް ވެގެންދާނެއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވަމުން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ބާރަށު ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ކޫލް ސްކޫލް" ޕްރޮގްރާމްގެ ދަށުން ބާރަށު ދާއިރާގެ 4 ރަށް (ބާރަށް، މުރައިދޫ، އުތީމު، ތަކަންދޫ)ގެ ސްކޫލްތަކަށް ބޭނުންވާ އޭ.ސީ.ތައް ބާރަށު ދާއިރާ ހިމެނޭގޮތަށް ހއ. އަތޮޅުގެ ހުރިހާ ސްކޫލްތަކަށް ފޮނުވުމަށް މިހާރު ލޯޑްލުރެވިފައިވާ ކަމަށެވެ. އަދި މި އޭ.ސީ.ތައް މިއަދު ރަށްތަކަށް ފޯރާނެކަމަށް އެމްޕީ ޝުޖާއު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރަމުން އަންނައިރު، މި މަޝްރޫޢު ނިމުމުން، ސްކޫލުތަކުގެ ކިޔަވައިދޭ މާހައުލަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ބެލެވެއެވެ.