ކުޅިވަރު

ޔުނައިޓެޑުން އެސްޓަން ވިލާ ބަލިކޮށް ޗެމްޕިއަންސް ލީގުގެ ފުރުސަތު ބޮޑުކޮށްފި

ޔުނައިޓެޑުން އެސްޓަން ވިލާ ބަލިކޮށް ޗެމްޕިއަންސް ލީގުގެ ފުރުސަތު ބޮޑުކޮށްފި

މެންޗެސްޓަރ ޔުނައިޓެޑުގެ ފުރަތަމަ ގޯލު ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

16 މާރިޗު 2026، 11:38

16 މާރިޗު 2026، 11:38

އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުން އެސްޓަން ވިލާ ބަލިކޮށް، އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ. 

މި މެޗަށް ނިކުތްއިރު މި ދެ ޓީމު އޮތީ 51 ޕޮއިންޓާއެކުއެވެ. އަދި ދެ ޓީމުގެ ދެމެދުގައި އޮތް ހަމައެކަނި ފަރަގަކީ ގޯލް ތަފާތެވެ. ނަމަވެސް، ޔުނައިޓެޑުން އެސްޓަން ވިލާގެ މައްޗަށް ހޯދި 3-1ގެ ކާމިޔާބާއެކު، ޔުނައިޓެޑަށް ލީގުގެ ތިން ވަނައިގައި މިހާރު ވަނީ 3 ޕޮއިންޓުގެ ލީޑެއް ލިބިފައެވެ.

ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑްގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް އެ ޓީމުންނެވެ. އެ ޓީމުން ލީޑު ނެގީ ބްރޫނޯ ފެނާންޑޭޒް ނަގައިދިން ކޯނަރަކުން ކެސެމީރޯއެވެ. 

ނަމަވެސް އޭގެ 11 މިނެޓުފަހުން ވިލާގެ ރޮސް ބާކްލޭ ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ ވިލާއިން ނެގި ކޯނަރެއް ސާފުނުކޮށްލެވި އުޅެނިކޮށް ލިބުނު ފުރުސަތަކުން، ޕްރިމިއަރ ލީގުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން 200 ވަނަ މެޗަށް ނިކުތް ބާކްލޭ ކާމިޔާބުކުރި ގޯލެކެވެ. 

ޔުނައިޓެޑުން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނެގީ މެތިއުޒް ކޫނާ ކާމިޔާބުކުރި ގޯލުންނެވެ. މިއީ ވެސް ފެނާންޑޭޒް ފަހިކޮށްދިން ފުރުސަތެކެވެ. ކޫނާ މި ގޯލު ކާމިޔާބުކުރީ ފެނާންޑޭޒް ކުޅުނު ބޯޅަ ވާތް ފަރާތުން ހޯދައި، އުނދަގޫ އޭންގަލަކުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. 

މެތިއުޒް ކޫނާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލަނީ / ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑުގެ ފަހު ގޯލަކީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބެންޖަމިން ސެސްކޯ، މެޗު ނިމެން ކުޑަތަންވެފައި ވަނިކޮށް ކާމިޔާބުކުރި ގޯލެކެވެ. 

މި ނަތީޖާ އާއިއެކު ޔުނައިޓެޑަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 30 މެޗުން ޖުމްލަ 54 ޕޮއިންޓު ލިބިފައެވެ. އަދި ހަތަރު ވަނައިގައި އޮތް އެސްޓަން ވިލާ އަށް ލިބިފައިވަނީ 51 ޕޮއިންޓެވެ.

ޔުނައިޓެޑްގެ ކޯޗު ކަމާއި ވަގުތީ ގޮތުން ހަވާލުވެ ހުރި މައިކަލް ކެރިކްގެ އިރުޝާދުގެ ދަށުން އެ ޓީމު ދެން ކުޅޭނީ ޕްރިމިއާ ލީގުގައި އަންނަ ހުކުރު ދުވަހު ބޯންމަތު އާއި ދެކޮޅަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450