ކުޅިވަރު
ފެނާންޑޭޒް ޕްރިމިއަރ ލީގުގެ ރެކޯޑެއް އައުކުރުމާ ގާތަށް
ބްރޫނޯ ފެނާންޑޭޒް ވަނީ މި ސީޒަންގައި މިހާތަނަށް 16 އެސިސްޓުކޮށްފައި---
މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރޫނޯ ފެނާންޑޭޒް އިންގްލިޝް ޕްރިމިއަރ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިން ނުވަތަ އެސިސްޓް ހެދި ކުޅުންތެރިޔާގެ ރެކޯޑު އައުކުރުމާ ކައިރިއަށް ޖެހިލައިފިއެވެ.
އޭނާ ވަނީ އާދީއްތަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑުން އެސްޓަން ވިލާ ބަލިކޮށް، އެ ޓީމު ލީގުގެ ތިން ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނެގުމުގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ޔުނައިޓެޑުން އެ މެޗުގައި ދެ ފަހަރެއްގެ މަތިން ލީޑު ނެގިއިރު، އެ ދެ ގޯލަށް ވެސް އެސިސްޓުކޮށްދީފައި ވަނީ އޭނާއެވެ. މި އެސިސްޓްތަކާއެކު އޭނާ ވަނީ މިހާތަނަށް މި ސީޒަނުގައި 16 އެސިސްޓުކޮށްފައެވެ.
އެ މެޗުގެ 53ވަނަ މިނެޓާއި 71ވަނަ މިނެޓުގައި ކޮށްދިން އެސިސްޓުތަކާއެކު ފެނާންޑޭޒް މި ވަނީ މީގެ ކުރިން ޔުނައިޓެޑުގެ ކުޅުންތެރިއަކު އެއް ސީޒަނެއްގައި އެންމެ ގިނައިން ހަދާފައިވާ ރެކޯޑު ފަހަނާއަޅާ ގޮސްފައެވެ. އެ މީގެ 26 އަހަރު ކުރިން، 01/2000 ސީޒަންގައި 15 އެސިސްޓް ރެޖިސްޓަރކޮށްގެން ޑޭވިޑް ބެކަމް ހެދި ކްލަބް ރެކޯޑެކެވެ.
އަދި ޕްރިމިއާރ ލީގުގެ މި ރެކޯޑު މުގުރާލުމަށް ފެނާންޑޭޒް ދެން ބޭނުންވަނީ ބާކީ އޮތް 8 މެޗުން 5 އެސިސްޓެވެ. މި ރެކޯޑު މިހާރު އޮތީ ތިއެރީ ހެންރީ އަދި ކެވިން ޑި ބްރޫނޭގެ ނަމުގައެވެ. އެގޮތުން އޮންރީ މި އަދަދަށް އެސިސްޓު ހަމަކުރީ 03/2002 ސީޒަންގައެވެ. އަދި ޑި ބްރޫނޭ މި އަދަދު ހަމަކުރީ 20/2019 ސީޒަންގައެވެ.
ޔުނައިޓެޑުގެ ކުރިއަށް ހުރި މެޗުތަކަށް ބަލާއިރު މިއީ ފެނާންޑޭޒްއަށް އަތުލެވޭނެ ރެކޯޑެކެވެ. އެގޮތުން އެ ޓީމުން ކުޅެން ޖެހޭ 8 ޓީމުގެ ތެރެއިން 3 ޓީމަކާ ދެކޮޅަށް އޭނާ ވަނީ މި ސީޒަންގެ ފުރަތަމަ ބުރުގައި އެސިސްޓްކޮށްފައެވެ. އެއީ ބޯނެމައުތު، ލިވަޕޫލް އަދި ނޮޓިންހަމް ފޮރެސްޓެވެ.
އެސްޓަން ވިލާ މެޗުގައި ކެސަމީރޯއަށް ފެނާންޑޭޒް ކޮށްދިން އެސިސްޓަކީ "ޑެޑް ބޯލް" ނުވަތަ ބޯޅަ ހުއްޓިފައި އޮތް ހާލަތްތަކުން މި ސީޒަންގައި އޭނާ ހެދި 9ވަނަ ހެޓްރިކެވެ. މިފަދަ "ސްޓް-ޕްލޭ އެސިސްޓް"ތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ސްޓީވެން ޖެރާޑެވެ. އޭނާ ވަނީ 14/2013 ސީޒަންގައި މިފަދަ 11 އެސިސްޓުކޮށްފައެވެ. އެހެންކަމުން މި ރެކޯޑަކީ ވެސް މި ސީޒަންގައި ފެނާންޑޭޒްއަށް އަތުލެވޭނެ ރެކޯޑެކެވެ.