ދީން / ކޮލަމް
ރަމަޟާން މަސް އަހަރެމެންނަށް އަލްވަދާޢު ކިޔަނީ
އިންޑިއާގެ މުސްލިމުން އުޅޭ ސަރަހައްދެއް
އަހަރެެމެން މުސްލިމުން ނުހަނު ލޯބިވާ އަހަރެމެންގެ ރަމަޟާންމަސް އަހަރެމެންނާއި އަލްވަދާޢު ކިޔަނީއެވެ. މިއަހަރުގެ ރަމަޟާން މަސް އަހަރެމެންނަށް ފަހުގެ ސަލާމް ކުރަމުންދާއިރު އަހަރެމެންގެ ހިތްތަކަށް ވަނީ މާޔޫސްކަން ވެރިވެފައެވެ. ކަރުނައިން ކޯތާފަތްތައް ވަނީ ތެމިފައެވެ. އަހަރެމެންގެ ލޮބުވެތި އެކުވެރިޔާއަށް (އެބަހީ: ރަމަޟާން މަހަށް) އަލްވަދާޢު ކިޔާއިރު، އެ މަހުގެ ޒިޔާރަތް ކުރުކަމާ މެދު އަހަރެމެން ފިކުރު ކުރަމުއެވެ.
އެސްފިޔަޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި ރަމަޟާންމަސް އަހަރެމެންނާ ވަކިވެދިޔައީއެވެ. މިއަށްވުރެ ގިނައިން އަހަރެންނަށް ހެޔޮކަންކަން ކުރެވުނު ނަމައެވެ. އަހަރެންގެ ވަގުތުތައް ބޭކާރު ނުކުރެވުނު ނަމައެވެ. މިއީ އަހަރެމެން އެންމެންވެސް މިހާރު ހިތާހިތުން ކިޔާނެ އެއްޗިއްސެވެ.
އެހެންނަމަވެސް، އަދިވެސް އަގުހުރި ވަގުތުކޮޅެއް އެބައޮތެވެ. އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމާ ހިނގާށެވެ. ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ: "ހަމަކަށަވަރުން، ޢަމަލުތައް ބިނާވެގެންވަނީ އޭގެ ނިމުމުގެ މައްޗަށެވެ" (ބުޚާރީ). އިބްނުލް ޖައުޒީ (رحمه الله) ލިޔުއްވާފައިވެއެވެ: "ރޭސް ޖަހާ އަސް، ރޭސް ނިމޭ ހިސާބަށް ކައިރިވެއްޖެކަން އެނގުމުން، ރޭސް ކާމިޔާބު ކުރުމަށްޓަކައި އޭގެ ހުރިހާ ހިތްވަރެއް ނެރެއެވެ. އެ އަހަށްވުރެ ތިބާ ބުއްދިވެރިކަން ކުޑަވިޔަ ނުދޭށެވެ. ހަމަކަށަވަރުން، ޢަމަލުތައް ބިނާވެގެންވަނީ އޭގެ ނިމުމުގެ މައްޗަށެވެ.
އެހެންކަމުން، ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގައި ތިބާއަށް ރަނގަޅަށް ކަންތައް ނުކުރެވުނު ކަމުގައި ވިޔަސް، ފަހަރުގައި އެ މަހަށް އަލްވަދާޢު ކިޔުމުގައި ތިބާއަށް ރަނގަޅަށް ކަންތައް ކުރެވިދާނެއެވެ.
އިބްނު ރަޖަބު (رحمه الله) އަހަރެމެންނަށް ހަނދާންކޮށްދެއްވައެވެ: "އޭ ﷲ ގެ އަޅުތަކުންނޭވެ! ރަމަޟާން މަސް ނިމެނީއެވެ. އަދި އޭގެ ތެރެއިން ބާކީ އޮތީ ވަރަށް ކުޑަ މިންވަރެކެވެ. ތިޔަބައިމީހުންގެ ތެރެއިން އެ މަހުގެ ވަގުތުތައް ހެޔޮގޮތުގައި ހޭދަކުރި މީހާ، އެގޮތުގައި އެ މަސް ނިންމާލާށެވެ. އަދި ފަސްޖެހިފައިވާ މީހާ، އެންމެ ހެޔޮގޮތުގައި އެ މަސް ނިންމާލާށެވެ. އެހެނީ ޢަމަލުތަކުގެ ދަރުމަ ކަނޑައެޅިގެންވަނީ އޭގެ ނިމުމުގެ މައްޗަށެވެ."
މި މަތިވެރި މަސް ނިމުމަކަށް އަންނައިރު، ތިރީގައިވާ ފަސް ކަންތަކަށް ސަމާލުކަން ދީގެން މި މަސް ނިންމާލަމާ ހިނގާށެވެ: އެކެއް: ތިމާގެ ޢަމަލުތައް ޤަބޫލުނުކުރެވިދާނެތީ ބިރުވެތިވުން މި މަހު އަހަރެމެން ކުރަމުންދާ ހުރިހާ އަޅުކަންތަކާއެކު، އިތުރު ކަމެއް އިތުރުކުރަން ޖެހެއެވެ. އެއީ އަހަރެމެންގެ ޢަމަލުތައް ޤަބޫލުނުކުރެވިދާނެ ކަމުގެ ބިރުވެތިކަމެވެ. ޞާލިޙު ސަލަފުވެރިން އެބޭކަލުންގެ ޢަމަލުތައް ފުރިހަމަކުރުމަށް ގަދައަޅައި މަސައްކަތް ކުރެއްވުމަށްފަހު، އެ ޢަމަލުތައް ޤަބޫލުކުރެވޭނެތޯ ކަންބޮޑުވެވަޑައިގަންނަވައެވެ.
ޢަލީ ބިން އަބީ ޠާލިބް (رضي الله عنه) ވިދާޅުވިއެވެ: "ހެޔޮ ޢަމަލެއް ކުރުމަށްވުރެ ބޮޑަށް، އެ ޢަމަލެއް ﷲ ޤަބޫލުކުރެއްވުމާ މެދު ކަންބޮޑުވާށެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅު ތިބާއަށް ނީވޭ ހެއްޔެވެ؟ اِنَّمَا يَتَقَبَّلُ اللّٰهُ مِنَ المُتَّقِينَ 'ﷲ ޤަބޫލުކުރައްވާކަން ކަށަވަރީ ތަޤުވާވެރިންގެ ކިބައިންނެވެ."
ހަމައެފަދައިން، ﷲ (سبحانه وتعالى) ވަޙީކުރައްވާފައިވެއެވެ: وَالَّذِيْنَ يُؤتُوْنَ مَا اٰتَوْا وَّقُلُوبُهُمْ وَجِلَةٌ "އަދި އެއުރެން ދޭ އެއްޗެއް (ﷲ އަށްޓަކައި) ދޭހިނދު، އެއުރެންގެ ހިތްތައް ބިރުވެތިވެގެންވާ މީހުންނެވެ..." ޢާއިޝާ (رضي الله عنها) ވިދާޅުވިއެވެ: "އަހަރެން ދެންނެވީމެވެ: 'އޭ ﷲ ގެ ރަސޫލާއެވެ! 'އަދި އެއުރެން ދޭ އެއްޗެއް ދޭހިނދު، އެއުރެންގެ ހިތްތައް ބިރުވެތިވެގެންވާ މީހުންނެވެ. އެއީ ޒިނޭކޮށް، ވައްކަންކޮށް އަދި ރާބޮއެ އުޅޭ މީހާގެ ވާހަކަ ހެއްޔެވެ؟' އެކަލޭގެފާނު ﷺ ޖަވާބު ދެއްވިއެވެ: 'ނޫނެކެވެ، އޭ އަބޫބަކުރުގެ ދަރިފުޅާއެވެ! އޭގެ ބަދަލުގައި އެއީ ރޯދަހިފާ، ޞަދަޤާތްދީ، ނަމާދުކޮށް، އެކަންތައްތައް އެމީހާގެ ކިބައިން ޤަބޫލުނުކުރެވިދާނެތީ ބިރުގަންނަ މީހާއެވެ." (އިބްނު މާޖާ).
"ކުރީގެ ބޭކަލުން ހެޔޮ ޢަމަލުތައް ކުރުމުގައި އެބޭކަލުންގެ އެންމެ ބޮޑު ހިތްވަރެއް ނެރުއްވާތަން އަހަރެން ދުށީމެވެ. ނަމަވެސް އެ ޢަމަލުތައް ކުރުމަށްފަހު، އެ ޢަމަލުތައް ޤަބޫލުކުރެވޭނެތޯ ނުވަތަ ނޫންތޯއާ މެދު އެބޭކަލުންނަށް ކަންބޮޑުވުން ވެރިވެއެވެ." – ޢަބްދުލް ޢަޒީޒް ބިން...އަބީ ރައްވާދު (ރަޙިމަހުﷲ)
ތިބާގެ ހެޔޮ އަމަލުތައް ގަބޫލުކުރެއްވުން އެދި ﷲ އަށް ދަންނަވާށެވެ.
އަހަރެމެންގެ ކުރީގެ ޞާލިޙު ބޭކަލުން، ރަމަޟާން މަހާ ބައްދަލުކޮށްދެއްވުން އެދި ހަ މަސް ދުވަސް ވަންދެން ﷲ އަށް ދުޢާ ކުރައްވައެވެ. އަދި އެއަށްފަހު، އެ މަހުގެ އަމަލުތައް ގަބޫލުކުރެއްވުން އެދި ޖެހިގެން އަންނަ ހަ މަސް ދުވަހު ދުޢާ ކުރައްވައެވެ. ރޯދަ ހިފުމުގެ މަގްސަދަކީ ތަޤުވާވެރިކަން ހާސިލުކުރުމެވެ.
މި މަތިވެރި މަސް ނިމިގެންދާއިރު، އަހަރެމެން އަމިއްލަ ނަފްސާ ސުވާލުކޮށްލަމާ ހިނގާށެވެ:
އަހަރެމެންނަށް ތަޤުވާވެރިކަން ހާސިލުކުރެވިއްޖެ ހެއްޔެވެ؟
ރޯދައިގެ މަގްސަދު ހާސިލުކުރެވިއްޖެ ހެއްޔެވެ؟
ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި އަންގަވާފައިވަނީ، އަމަލުތައް ގަބޫލުކުރެއްވުމުގެ އަސާސަކީ ތަޤުވާވެރިކަން ކަމުގައެވެ. އަހަރެމެންގެ ކުރީގެ ބޭކަލުން، އެބޭކަލުންގެ އަމަލުތައް ގަބޫލުނުކުރެވިދާނެކަމުގެ ބިރަށްޓަކައި ކަރުނަ އަޅުއްވައެވެ.
ޢާމިރު ބިން ޢަބްދިﷲ ބިން ޒުބައިރު، އެކަލޭގެފާނުގެ އެންމެ ފަހު ވަގުތުކޮޅުގައި ގިސްލާފައި ރޮއްވަނިކޮށް ފެނުނެވެ. އެކަލޭގެފާނަށް ދެންނެވުނެވެ: "ކަލޭގެފާނު ރޮއްވަނީ ކީއްވެގެންތޯއެވެ؟" އެކަލޭގެފާނު ޖަވާބު ދެއްވިއެވެ: "ﷲ ތަޢާލާގެ ފޮތުގައިވާ އާޔަތެއްގެ ސަބަބުންނެވެ: 'ﷲ ގަބޫލުކުރައްވާކަން ކަށަވަރީ، ތަޤުވާވެރިންގެ ކިބައިންނެވެ."
ވުހައިބު ބިން އަލް-ވަރްދު (ރަޙިމަހުﷲ) މި އާޔަތް ކިޔަވައިވިދާޅުވިއެވެ: وَاِذْ يَرْفَعُ اِبْرٰهِيْمُ الْقَوَاعِدَ مِنَ الْبَيْتِ وَاِسْمٰعِيْلُ رَبَّنَا تَقَبَّلْ مِنَّا ؕ اِنَّكَ اَنتَ السَّمِيْعُ الْعَلِيْمُ "އަދި އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނު، އެ ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރެއްވި ހިނދު (ދުޢާކުރެއްވިއެވެ): 'އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ކިބައިން (މިކަން) ގަބޫލުކުރައްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
ދެން އެކަލޭގެފާނު ރޮއްވަމުން ވިދާޅުވިއެވެ: "އޭ ރަޙްމާންވަންތަ ރަސްކަލާނގެ ޚަލީލެވެ! ކަލޭގެފާނު އެ ބިނާކުރެއްވީ ރަޙްމާންވަންތަ ރަސްކަލާނގެ ގެފުޅުގެ ބިންގަލެވެ. އެހެނަސް، އެކަން ކަލޭގެފާނުގެ ކިބައިން ގަބޫލުނުކުރެވިދާނެތީ ކަލޭގެފާނު ބިރުފުޅުގަތެވެ!"
"ﷲ ތަޢާލާ އަޅުގެ ކިބައިން ރެވި އޮށެއްގެ ބަރުދަން ހުރި މިންވަރުގެ އަމަލެއް ގަބޫލުކުރެއްވިކަން އެނގުމަކީ، ދުނިޔެއާއި ދުނިޔޭގައިވާހާ އެއްޗަކަށްވުރެ އަހުރެންނަށް ލޯބިވެތި ކަމެކެވެ. އެހެނީ ﷲ ވަނީ 'ﷲ ގަބޫލުކުރައްވާކަން ކަށަވަރީ، ތަޤުވާވެރިންގެ ކިބައިންނެވެ' މިފަދައިން ވަޙީކުރައްވާފައެވެ." ފުޟާލާ ބިން ޢުބައިދު (ރަޙިމަހުﷲ)
ﷲ އަށް ޝުކުރުވެރިވުމާއި ފާފަފުއްސެވުމަށް އެދުން ﷲ ގެ އަޅާ އަބަދުވެސް ހުންނަނީ ދެ ހާލަތެއްގެ ދެމެދުގައެވެ. އެއީ ޝުކުރުވެރިވުން ލާޒިމުކުރާ ﷲ ގެ ނިޢުމަތެއްގެ މަތީގައެވެ، ނުވަތަ ފާފަފުއްސެވުމަށް އެދުން ލާޒިމުކުރާ ފާފައެއްގެ މަތީގައެވެ.
އެހެންކަމުން، އަހަރެމެން ރަމަޟާން މަސް ނިންމާލަންވާނީ، އެކަލާނގެއަށް އަޅުކަން ކުރުމުގެ ތައުފީޤު ދެއްވިކަމަށްޓަކައި ﷲ އަށް ޝުކުރުވެރިވަމުންނެވެ. އަދި ހަމައެއާއެކު، މި މަހުގެ ތެރޭގައި އަހަރެމެންގެ ކިބައިން ދޫވި އުނިކަންތައްތަކަށްޓަކައި އެކަލާނގެ ހަޟްރަތުން ފާފަފުއްސެވުމަށް އެދެމުންނެވެ.
އިބްނުލް ޤައްޔިމް (ރަޙިމަހުﷲ) ލިޔުއްވާފައިވެއެވެ: "ދަންނާށެވެ، ތިބާއަކީ އުނި މީހެކެވެ. އަދި އުނި މީހެއްގެ ކިބައިން ނިކުންނަ ކޮންމެ ކަމަކީ އުނި ކަމަކަށް ވާނެއެވެ. މިއީ ޝައްކެއްވެސް ނެތްގޮތުގައި އަޅާގެ ފަރާތުން މަޢާފަށް އެދުން ލާޒިމުކުރާ ކަމެކެވެ. އެހެންކަމުން، އަޅާ ކުރާ ހުރިހާ ހެޔޮ އަމަލަކާއި ނުބައި އަމަލަކާ މެދު އޭނާގެ ވެރިރަސްކަލާނގެ ހަޟްރަތުގައި މަޢާފަށް އެދެންޖެހެއެވެ. ނުބައި އަމަލުތަކާ މެދު މަޢާފަށް އެދުން އެއީ ފާޅުކަން ބޮޑު ކަމެކެވެ. ނަމަވެސް ހެޔޮ އަމަލުތަކާ މެދު މަޢާފަށް އެދެންޖެހެނީ އޭގައި ހުންނަ އުނިކަންތައްތަކަށްޓަކައެވެ. އަދި އެއީ އެކަލާނގެ ހަޟްރަތަށް ހުށަހަޅަން އެންމެ އެކަށީގެންވާ ފުރިހަމަ އަމަލުތަކެއް ކަމުގައި އޭނާ ދެކިގެން ނުވާނެއެވެ. އެހެންކަމުން، އޭނާ ހެޔޮ އަމަލުތައް ކުރާއިރުވެސް ހުންނަނީ މަޢާފަށް އެދޭ ހާލުގައެވެ.
ﷲ ތަޢާލާ އެކަލާނގެ ވަލީވެރިންނަށް ތައުރީފު ކުރައްވައި ވަޙީކުރައްވާފައިވަނީ އެހެންވެގެންނެވެ: 'އަދި އެއުރެން ދޭ އެއްޗެއް (ﷲ ގެ މަގުގައި) ދޭހިނދު، އެއުރެންގެ ހިތްތައް ބިރުން ފުރިގެންވާ ހާލުގައެވެ."
"އިސްތިޣްފާރު ކުރުމަކީ (ފާފަ ފުއްސެވުމަށް އެދުމަކީ) ހުރިހާ ހެޔޮ އަމަލުތަކެއްގެ ސިއްކައެވެ. ނަމާދާއި، ޙައްޖާއި، އަދި ރޭއަޅުކަން ނިންމާލެވެނީ އެއިންނެވެ. އަދި މަޖިލިސްތައް ނިންމާލެވެނީވެސް އެއިންނެވެ... ހަމައެފަދައިން ރަމަޟާން މަހުގެ ރޯދަވެސް އިސްތިޣްފާރުން ނިންމާލުން ލާޒިމުވެގެންވެއެވެ." – އިބްނު ރަޖަބު (ރަޙިމަހުﷲ)
މި ބަރަކާތްތެރި މަހުގައި ﷲ އަށް އަޅުކަންކުރުން އިތުރުކުރާއިރު، އަޅުކަންކުރުމުގައި އަހަރެމެންނާ އެއްވަރަށް މަސައްކަތް ނުކުރެވޭ މީހުންނަށް ދަށްކޮށް ބަލައިގެން ނުވާނެއެވެ. އަހަރެމެން އެމީހުންނަށްވުރެ މާ މޮޅު ކަމަށް ދުވަހަކުވެސް ހީކޮށްގެން ނުވާނެއެވެ. ހަމައެފަދައިން، 'އުޖުބު' ގެ މަގަށް ވެއްޓުމުން ސަލާމަތްވުމަށް ސަމާލުވާންޖެހެއެވެ.
އުޖުބަކީ އަމިއްލަ ކާމިޔާބީތަކާއި އަމަލުތަކާ މެދު އަމިއްލައަށް ހިތްހަމަޖެހި، ބޮޑާވުމެވެ. މިއީ އަމިއްލަ ނަފްސާމެދު މާ މަތިކޮށް ދެކުމާއި، އަމިއްލަ ނަފްސުގެ ތަބީޢަތާއި އުނިކަންތައްތަކަށް ޣާފިލުވުމުގެ ސަބަބުން އުފެދޭ ކަމެކެވެ. އަދި ﷲ ގެ މަތިވެރިކަމާއި، އެކަލާނގެ އަޅުތަކުންގެ މައްޗަށް އެކަލާނގެއަށް ލިބިވޮޑިގެންވާ ޙައްޤުތައް ވަޒަންކުރަން ނޭނގުމުގެ ނަތީޖާއެކެވެ.
އިބްނުލް ޤައްޔިމް (ރަޙިމަހުﷲ) ލިޔުއްވާފައިވަނީ މިފަދަ ކަމެއް މެދުވެރިވުމުން، "އެކަމުގެ ސަބަބުން އަމިއްލަ ނަފްސަށް ބޮޑާވުމާއި (އުޖުބު)، ކިބުރުވެރިކަން އުފެދެއެވެ. މިއީ ޒިނޭކުރުމާއި، ރާބުއިމާއި، އަދި ހަނގުރާމައިގެ މައިދާނުން ފިލުން ފަދަ ބޮޑެތި ފާފަތަކަށްވުރެ ނުރައްކާތެރި ބަލިމަޑުކަމެކެވެ."
އެކަލޭގެފާނު އިތުރަށް ލިޔުއްވާފައިވެއެވެ. "ﷲ ގެ ކުރިމަތީގައި ތިބާ ނިކަމެތިކޮށްދޭ ފާފައެއް، ބޮޑާކަމާއި އަމިއްލަ ނަފްސަށް ތައުރީފުކުރުމާއެކު ކުރެވޭ ހެޔޮ އަމަލަކަށްވުރެ އެކަލާނގެ ޙަޟްރަތުގައި ލޯބިވެތިކަން ބޮޑެވެ. މުޅި ރޭގަނޑު ނިދާފައި، (ރޭއަޅުކަން ނުކުރެވުމުގެ ސަބަބުން) ދެރަވެ ހިތާމަކުރާ ހާލު ހޭލުމަކީ، މުޅި ރޭގަނޑު އަޅުކަންކޮށްފައި އަމިއްލަ ނަފްސަށް ތައުރީފުކުރާ ހާލު ހެނދުނު ހޭލުމަށްވުރެ ތިބާއަށް މާ ހެޔޮވެގެންވާ ކަމަކަށް ވެދާނެއެވެ.
ސަބަބަކީ އަމިއްލަ ނަފްސަށް ބޮޑާވާ މީހާގެ އަމަލުތައް ގަބޫލުނުކުރެވޭތީއެވެ. ފާފަވެރިންގެ ރުއިމުގެ އަޑު، ބޮޑާވެގަނެގެން ތިބެ ކުރާ ތަސްބީޙައިގެ އަޑަށްވުރެ އެކަލާނގެ ޙަޟްރަތުގައި ލޯބިވެތިކަން ބޮޑެވެ. ފަހަރެއްގައި ﷲ އެ އަޅަކު އެ ފާފައެއްގެ ތެރެއަށް ވައްޓަވަނީ، އޭނާގެ ކިބައިގައިވާ ނުރައްކާތެރި ބައްޔެއް (ބޮޑާކަން) ބޭރުކޮށްލުމަށް ދެއްވާ ފަރުވާއެއްގެ ގޮތުގައެވެ. ނަމަވެސް ތިބާގެ ބަލިމަޑުކަން އަދިވެސް ވަނީ ނޭނގި ތިބާގެ އެތެރޭގައެވެ.
" ﷲ ގެ ކުޅަދުންވަންތަކަމާއި، މަތިވެރިކަމާއި، އަދި އެއްވެސް ފަރާތަކަށް ބޭނުންވެވޮޑިގެން ނުވާކަން އަހަރެމެންނަށް އިޙްސާސްކުރެވޭނަމަ، އަދި އެއާ އަޅާބަލާއިރު އަހަރެމެންނަކީ ކިހާ ފާފަވެރި، ބަލިކަށި އަދި ނުކިޔަމަންތެރި ބައެއްކަން ދެނެގަނެވޭނަމަ، އަހަރެމެން ކުރާ ކުޑަކުޑަ އަމަލުތަކާ މެދު ދުވަހަކުވެސް ބޮޑާވެ ހިތްހަމައެއް ނުޖެހޭނެއެވެ.
ﷲ ގެ އިލާހުވަންތަކަމުގެ (ރުބޫބިއްޔަތުގެ) އަޞްލު އަހަރެމެންނަށް ވިސްނި، އަދި އަޅުވެތިކަމުގެ (ޢުބޫދިއްޔަތުގެ) އަޞްލާ އެކަން އަޅާކިޔާލެވޭނަމަ، އަހަރެމެން ލަދުގަންނާނެއެވެ. އަދި އަހަރެމެން ކުރި ހެޔޮ އަމަލުތަކަކީ އުޑުތަކާއި ބިމުގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް ހުށަހެޅުމަށް އެކަށީގެންވާ އަމަލުތަކެއް ނޫންކަން އިޙްސާސްވާނެއެވެ.
އޭގެ ބަދަލުގައި، އަހަރެމެންގެ މި ކުޑަކުޑަ އަމަލުތައް ގަބޫލުކުރައްވައި ދަރުމަ ދެއްވަނީ ހަމައެކަނި އެކަލާނގެ ދީލަތިވަންތަކަމާއި ފަޟްލުވަންތަކަމުންނެވެ. މި މަހުގައި ކުރެވުނު އަޅުކަންތަކާ މެދު 'އުޖުބު' ވެރިވުމުގެ ބަދަލުގައި، އަހަރެމެންނަށް ކުރެވުނު ކޮންމެ ހެޔޮކަމަކީ ހަމައެކަނި ﷲ ދެއްވި ތައުފީޤާއި ބަރަކާތުން ކުރެވުނު ކަމެއްކަން އަބަދުވެސް ހަނދާންކުރަންޖެހެއެވެ. އެހެންކަމުން އަބަދުވެސް ﷲ އަށް ޝުކުރުވެރިވާންޖެހެއެވެ.
"ތިބާގެ ނަފްސާއި ﷲ އަށްޓަކައި ތިބާ ކުރި އަމަލުތަކާ މެދު ތިބާ ހިތްހަމަޖެހޭނަމަ، ދަންނާށެވެ! އެކަލާނގެ ތިބާއާ މެދު ހިތްޕުޅެއް ހަމައެއްނުޖެހެއެވެ. އަމިއްލަ ނަފްސަކީ ހުރިހާ އުނިކަމަކާއި ނުބައިކަމެއްގެ މަރުކަޒުކަން ދަންނަ، އަދި ކުރާ އަމަލުތަކަކީ އުނިކަމާއި ގެއްލުންތަކަށް ހުށަހެޅިފައިވާ އެއްޗެއްކަން ދަންނަ މީހަކު، އޭނާގެ ނަފްސާއި އަމަލުތަކާ މެދު ﷲ އަށްޓަކައި ހިތްހަމަޖެހޭނީ ކިހިނެއް ހެއްޔެވެ؟" (ސަލަފުއްޞާލިޙުންގެ ބޭކަލެއް، މަދާރިޖުއް ސާލިކީން)
ފިޠުރު ޒަކާތް ދިނުން ރަމަޟާން މަސް ނިންމާލައި އީދު ދުވަހަށް މަރުޙަބާ ކިޔާއިރު އަހަރެމެން ފިޠުރު ޒަކާތް ދޭންޖެހެއެވެ.
އިބްނު ރަޖަބު (ރަޙިމަހުﷲ) ލިޔުއްވާފައިވެއެވެ. "ޢުމަރު ބިން ޢަބްދުލްޢަޒީޒް (رحمه الله) އެކަލޭގެފާނުގެ ވެރިކަމުގެ ދަށުގައިވާ އެކި ސަރަޙައްދުތަކަށް ސިޓީފުޅު ފޮނުއްވައި، އިސްތިޣްފާރު ކުރުމާއި، ޞަދަޤާތް ދިނުމާއި އަދި ފިޠުރު ޒަކާތާއެކު ރަމަޟާން މަސް ނިންމާލުމަށް އަމުރުކުރެއްވިއެވެ. އިސްތިޣްފާރުގެ ސަބަބުން، ބޭކާރު ވާހަކަތަކާއި ހުތުރު ބަސްތަކުގެ ސަބަބުން ރޯދައަށް ލިބިފައިވާ އުނިކަން ފިލުވައިދީ ރޯދަ ފުރިހަމަކޮށްދެއެވެ. އަދި ފިޠުރު ޒަކާތަކީ ބޭކާރު ވާހަކަތަކާއި ހުތުރު ބަސްތަކުން ރޯދަވެރިޔާ ތާހިރުކޮށްދޭ އެއްޗެކެވެ.
އިހުގެ ޢިލްމުވެރިއަކު މިފަދައިން ވިދާޅުވެފައިވަނީ އެހެންވެގެންނެވެ: "ހަމަކަށަވަރުން، ނަމާދުގައި ކުރެވޭ ސަޖިދަ ސަހުވީ ފަދައިން، ރޯދަވެރިޔާއަށް ފިޠުރު ޒަކާތް ވެއެވެ." މި ބަރަކާތްތެރި މަސް ނިމިގެންދާއިރު، ޢީދުގެ ބަރަކާތްތެރި ރޭގަނޑުން ފެށިގެން، ﷲ އަށް އަޅުކަންކުރުމާއި ފާފަތަކާ ދުރުހެލިވުމުގެ މަތީގައި ދެމިތިބުމަށް ވަރުގަދަ ޢަޒުމެއް ކަނޑައަޅަމާ ހިނގާށެވެ. ގިނަގިނައިން ތަކުބީރު ކިޔައި، އަދި ދަމުނަމާދު ކުރުމުގެ އާދަ، އެންމެ ދެ ރަކުޢަތުން ނަމަވެސް ކުރިއަށް ގެންދަމާ ހިނގާށެވެ.
ﷲ الشكور (ޝުކުރުވެރިވެވޮޑިގަންނަވާ ރަސްކަލާނގެ) އަޅަމެންގެ އަޅުކަންތައް ޤަބޫލުކުރައްވައި، އަޅަމެންގެ ފާފަތައް ފުއްސަވައި، އަދި އެކަލާނގެ އިޚްތިޔާރުކުރެއްވި އަޅުންގެ ތެރެއިން އަޅަމެން ލައްވާށިއެވެ.
ޢަބްދުﷲ ބިން މަސްޢޫދު (رضي الله عنه) ރަމަޟާން މަހުގެ ފަހު ރޭގައި ވިދާޅުވާ ކަމަށްވެއެވެ: "އަޅަމެންގެ ތެރެއިން (ރޯދަ) ޤަބޫލުކުރެވުނީ ކާކުގެ ހެއްޔެވެ؟ އެމީހަކަށް މަރުޙަބާ ކިޔުމަށްޓަކައެވެ. އަދި އަޅަމެންގެ ތެރެއިން (ރޯދަ ޤަބޫލުނުކުރެވި) މަޙްރޫމްވީ ކާކު ހެއްޔެވެ؟ އެމީހަކަށް ތަޢުޒިޔާ ކިޔުމަށްޓަކައެވެ."