ކުޅިވަރު

މެންޗެސްޓަރ ސިޓީއިން އާސެނަލް ބަލިކޮށް ސީޒަންގެ ފުރަތަމަ ތަށި ހޯދައިފި

މެންޗެސްޓަރ ސިޓީއިން އާސެނަލް ބަލިކޮށް ސީޒަންގެ ފުރަތަމަ ތަށި ހޯދައިފި

މެންޗެސްޓަރ ސިޓީއިން ކަރަބޯ ކަޕް ކާމިޔާބުކުރުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 މާރިޗު 2026، 06:59

23 މާރިޗު 2026، 06:59

އިނގިރޭސި ލީގު ކަޕް ނުވަތަ ކަރަބޯ ކަޕް ފައިނަލުގައި މެންޗެސްޓަރ ސިޓީއިން އާސެނަލް 2-0އިން ބަލިކޮށް، މި ސީޒަންގެ ފުރަތަމަ ތަށި ހޯދައިފިއެވެ. 

ވެމްބްލޭ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި މެންޗެސްޓަރ ސިޓީގެ ދެ ގޯލު ވެސް ކާމިޔާބުކުރީ ނިކޯ އޯރެލީއެވެ. އެއީ ދެވަނަ ހާފުގައި، 4 މިނެޓުގެ ތެރޭގައި އޭނާ ކާމިޔާބުކުރި ގޯލުތަކެކެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ހަމަހަމަ ކުޅުމެއް ދެ ޓީމުގެ ފަރާތުން ފެނުނު ނަމަވެސް، ދެވަނަ ހާފުގައި ގިނައިރު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅުނީ މެންޗެސްޓަރ ސިޓީއެވެ. އަދި އެ ޓީމުން ވަނީ އާސެނަލްގެ ގޯލަށް ގިނަ ހަމަލާތަކެއް އެ ހާފުގައި އަމާޒުކޮށްފައެވެ. ނަތީޖާއަކަށްވީ ދެވަނަ ހާފުގެ 15 މިނެޓުގައި އެ ޓީމަށް ލީޑު ލިބުމެވެ.

އެ ގޯލަކީ އާސެނަލްގެ ގޯލްކީޕަރު ކެޕާ އެރިޒަބަލާގާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މެންޗެސްޓަރ ސިޓީއިން ކާމިޔާބުކުރި ގޯލެކެވެ. އެހެންކަމުން އާސެނަލްގެ އެއް ނަންބަރު ގޯލްކީޕަރު ޑޭވިޑް ރާޔާގެ ބަދަލުގައި، މި މެޗުގައި ބޭނުން ކުރުމަކީ އެ ޓީމުގެ ކޯޗު މިކޭލް އާޓޭޓާއަށް ހެދުނު ބޮޑު ގޯހެއްގެ ގޮތުގައި ވަނީ ސިފަކުރެވިފައެވެ.

އެގޮތުން އޯރެލީގެ ފުރަތަމަ ގޯލަކީ އާސެނަލްގެ ގޯލު ކުރިމައްޗަށް ރަޔަން ޗާރކީ ހުރަސްކޮށްދިން ބޯޅައެއް، ކެޕާ ފުންމާލާފައި ހިފަން އުޅުމުގެ ތެރޭގައި އޭނާގެ އަތުން ދޫވެގެން ގޯލުގެ ކުރިމައްޗަށް ވެއްޓުނު ބޯޅައެކެވެ. އެ ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލުމަށް އޯރެލީ މާބޮޑު މަސައްކަތްތަކެއް ވެސް ކުރާކަށް ނުޖެހުނެވެ.

މެންޗެސްޓަރ ސިޓީގެ އޯރެލީ ގޯލު ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަނީ---

އޭނާގެ ދެވަނަ ގޯލަކީ އޭގެ 4 މިނެޓު ފަހުން، މެތިއުޒް ނުނޭޒް ހުރަސްކޮށްދިން ބޯޅައެއްގައި އަނެއްކާ ވެސް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. 

އެ ގޯލަށް ފަހު މެންޗެސްޓަރ ސިޓީއިން މާ އުއްމީދާއެކު ކުޅުނެވެ. އަދި އާސެނަލްއަށް ދެން އަނބުރާ މެޗުގެ ތެރެއަށް ނުވަދެވޭނެކަން ސާބިތުކޮށްދިނެވެ. 

މި ނަތީޖާއާއެކު މެންޗެސްޓަރ ސިޓީއިން މުބާރާތް ކާމިޔާބުކުރިއިރު، އެ ޓީމު ކޯޗު ޕެޕް ގާޑިއޯލާ ވެގެންގޮސްފައި މިވަނީ ލީގު ކަޕް 5 ފަހަރަށް ކާމިޔާބުކުރި ފުރަތަމަ ކޯޗަށެވެ. 

މި މުބާރާތް އާޓޭޓާއަށް ގެއްލުނު ނަމަވެސް، މި ސީޒަންގައި އާސެނަލް ކާމިޔާބު ހޯދާނެކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. އެއީ ސީޒަންގެ ފަހު ކޮޅަށް އައިއިރު ލީގުގައި އެ ޓީމު ބޮޑު ލީޑެއްގައި އޮތުމާއެކު ވެސް މެއެވެ. އޭގެ އިތުރުން، ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕްގައި ވެސް އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.  

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450