ކުޅިވަރު

ވިނީސިއަސްގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން އެތުލެޓިކޯ ބަލިކޮށްފި

ވިނީސިއަސްގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން އެތުލެޓިކޯ ބަލިކޮށްފި

ވިނީސިއަސް ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

23 މާރިޗު 2026، 09:48

23 މާރިޗު 2026، 09:48

ސްޕެނިޝް ލަ ލީގާގައި އާދީއްތަ ދުވަހުގެރޭ ރެއާލް މެޑްރިޑާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގައި ވިނީސިއަސް ޖޫނިއަރ ކާމިޔާބުކުރި ދެ ގޯލާއެކު، ރެއާލްއިން 3-2އިން އެތުލެޓިކޯ ބަލިކޮށް އުނދަގޫ މޮޅެއް ހޯދައިފިއެވެ.

މެޑްރިޑަށް ނިސްބަތްވާ ދެ ޓީމުގެ ދެމެދުގައި ކުޅުނު މި ފޯރިގަދަ މެޗުގައި ފުރަތަމަ ލީޑު ނެގީ އެތުލެޓިކޯއިންނެވެ. އެ ޓީމުގެ އަޑެމޯލާ ލުކްމަން 33ވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލާއެކު، ރެއާލްއަށް ހާފް ނިންމާލަން ޖެހުނީ ފަހަތުގައި އޮވެއެވެ.

ނަމަވެސް ނަތީޖާ އަނބުރާލައި، ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ކުޑަކުރުމަށް ދެވަނަ ހާފުގައި ނިކުތް ރެއާލްއިން ވަނީ އެ ހާފުގެ 7ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެއީ އެ ޓީމުގެ ބްރާހިމާ ދިއާޒްއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން ވިނީސިއަސް ކާމިޔާބުކުރި ގޯލެކެވެ. 

އަދި ރެއާލުން ވަނީ އޭގެ ތިން މިނެޓުފަހުން އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އަނބުރާލާފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެޑެރިކޯ ވަލްވާޑޭއެވެ. 

އެ ހިސާބުން މުޅި މެޗުގެ ކޮންޓްރޯލް ރެއާލްއިން ނެގިފަދައެވެ. ނަމަވެސް ހާލަތު ބަދަލުވީ އެތުލެޓިކޯގެ ނަހުއެލް މޮނީލާ ދުރުން ފޮނުވާލި ބާރު ހަމަލާ ރެއާލްގެ ގޯލުގެ މަތީކަނަށް އަމާޒުވެ، މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަވުމުންނެވެ. 

އެހެންނަމަވެސް އެތުލެޓިކޯއަށް މާގިނައިރު އެ ނަތީޖާގައި ހިފެހެއްޓޭ ގޮތެއް ނުވިއެވެ. މޮނީލާގެ ގޯލަށްފަހު 6 މިނެޓު ފަހުން، ވިނީސިއަސް ވަނީ ރެއާލްއަށް އިތުރު ގޯލެއް ކާމިޔާބުކޮށްދީ އެ ޓީމުގެ ލީޑު އަނބުރާ ހޯދިއެވެ. އެއީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުތް އެލެކްސެންޑާރ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. އަދި އެއީ ވިނީސިއަސް މި ސީޒަންގައި ކާމިޔާބުކުރި 10 ވަނަ ގޯލުވެސް މެއެވެ.

މި މެޗުގައި ރެއާލްގެ ޖޫޑް ބެލިންގްހަމް ވެސް ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުމެފައެވެ. އޭނާ ކުޅެފައި މިވަނީ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ރެއާލް އެންމެ ފަހުން ކުޅުނު 10 މެޗުގައި ނުކުޅެ ހުރުމަށްފަހުއެވެ.

މި ނަތީޖާއާއެކު 29 މެޗުން ރެއާލްއަށް 69 ޕޮއިންޓު ލިބިފައިވާއިރު، ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއަށް 29 މެޗުން ލިބިފައި ވަނީ 73 ޕޮއިންޓެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450