ކުޅިވަރު
ފަހު ހާފުގައި ފަހަތުންއަރާ ލަންކާއިން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފި
ރާއްޖޭ ކެޕްޓަން އިލާން ލަންކާގެ ގޯލަށް ހަމަލާއެއް ފޮނުވާލުމަށް މަސައްކަތް ކުރަނީ / ފޮޓޯ: ދާދު ފޮޓޯޒް
މިހާރު ރާއްޖޭގައި ކުރިޔަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރޭ ދިވެހިރާއްޖެއާ ސްރީ ލަންކާ ބައްދަލުކުރި މެޗުގައި ލަންކާއިން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފިއެވެ. ލަންކާއިން މި މެޗު ކާމިޔާބުކުރީ ރާއްޖެއިން ފުރަތަމަ ހާފުގައި ދެ ގޯލު ޖަހާފައި ވަނިކޮށް، ފަހަތުން އަރާ 3 ގޯލު ޖަހައި، 3-2އިންނެވެ.
ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗަށް ރާއްޖެއިން ނިކުތީ ވަރަށް އެޓޭކިން ފޯމޭޝަނެއްގައެވެ. އަދި ފުރަތަމަ ހާފުގައި ރާއްޖެއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް، ޓީމަށް ހެދެމުންދިޔަ ބައެއް ގޯސްތަކުގެ ފައިދާ ނަގައި ލަންކާއިން ވެސް ރާއްޖޭގެ ގޯލަށް ނުރައްކާކުރިއެވެ.
ރާއްޖެއިން ލީޑު ނެގީ، މެޗުގެ 27ވަނަ މިނެޓުގައި އަހުމަދު މިކްޔާލް މުއީން ދިން ރީތި ބޯޅައަކުން، ލަންކާ ގޯލު ކީޕަރު ޝާތިން ޝާހިދު ކައިރިން ނައްޓާލުމަށްފަހު، ރާއްޖޭގެ ކެޕްޓަން މުޙައްމަދު އިލާން އިމްރާންއެވެ.
އޭގެ ފަހުން ރާއްޖެއިން އުފެއްދި އިތުރު ހަމަލާއެއްގެ ތެރެއިން ޝާތިން ޝާހިދުއަށް އަނިޔާވެގެން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލަންކާއިން ވަނީ އެ ޓީމުގެ ބަދަލު ކީޕަރު ކުޅެން ނެރެފައެވެ. އަދި އޭނާއަށް ރަނގަޅަށް މެޗުގެ ތެރެއަށް ނުވަދެވި އުޅެނިކޮށް، އަޙުޒަމް ރަޝީދު، ލަންކާ ޑިފެންސް ލައިންގެ މަތިން އިލާންއަށް ކުޅުނު ބޮޑު ބޯޅައެއް ހޯދުމަށް ޕެނަލްޓީ އޭރިއާއިން ބޭރަށް ނިކުތް ނަމަވެސް، އެ ބޯޅަ އޭނާގެ ފައިދަށުން ގޮސް ލިބުނީ ފުރުސަތަކަށް ބަލަބަލާހުރި އިލާން އަށެވެ. އަދި ހަމަޖެހިލާފައި އިލާން އެ ބޯޅަ ގޯލަށް ފޮނުވާލުމަށްފަހު ރާއްޖެއިން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ލީޑެއްގައެވެ.
ނަމަވެސް ދެވަނަ ހާފުގައި ލަންކާއިން ނިކުތީ އެ ޓީމުގެ ޓެކްޓިކްސް ބަދަލުކޮށް، އެޓޭކިން ވިސްނުމެއްގައެވެ. ނަތީޖާއަކަށްވީ އެ ހާފުގެ ދެވަނަ މިނެޓުގައި އެ ޓީމުން ގޯލެއް ކާމިޔާބުކުރުމެވެ. ރާއްޖޭގެ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ލަންކާގެ މުޙައްމަދު ކަތީމް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރުގެ ބޯމަތިން ގޮހެވެ.
މި ގޯލުން އިތުރު ހިތްވަރު ހޯދައި ލަންކާއިން އުފައްދަމުން ދިޔަ ހަމަލާތަކުގެ ނަތީޖާއަކަށްވީ މެޗުގެ 62ވަނަ މިނެޓުގައި އެ ޓީމުން އިތުރު ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކުރުމެވެ. ރާއްޖޭގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ހަނި އޭންގަލަކުން އެ ގޯލު ކާމިޔާބުކުރީ އަޙުމަދު ހިޖާޒީއެވެ.
ލަންކާއިން މެޗުގައި ލީޑު ނެގީ މެޗު ނިމެން 4 މިނެޓަށްވެފައި ވަނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ރާއްޖޭގެ ކީޕަރު ޒަހްރާން ކުރި ފައުލަކަށް ލިބުނު މި ޕެނަލްޓީ ކާމިޔާބުކުރީ ޙުސެއިން އަބްދުاللهއެވެ.
އިއްޔެ ހަވީރު ވެސް ވަނީ މި ގްރޫޕްގެ މެޗެއް ކުޅެފައެވެ. އެ މެޗުގައި ބޫޓާންގެ މައްޗަށް 2-1އިން ކުރި ހޯދީ ނޭޕާލްއެވެ.
މި މުބާރާތުގެ މެޗެއް މިއަދު ވެސް އޮންނާނެއެވެ. އެ މެޗުގައި ބައްދަލުކުރާނީ ޕާކިސްތާން އާއި ބަނގުލަދޭޝްއެވެ. އެ މެޗު ފަށާނީ ހަވީރު 3:45ގައެވެ.
އަދި މި މުބާރާތުގައި ރާއްޖޭގެ މެޗެއް ދެން އޮންނާނީ ބުދަ ދުވަހުއެވެ. އެ މެޗުގައި ރާއްޖެއިން ނިކުންނާނީ ބޫޓާންއާ ދެކޮޅަށެވެ.