ކުޅިވަރު
ދެވަނަ މެޗު ވެސް ކާމިޔާބު ނުކުރެވުމުން، ކުރިޔަށް ދިއުމަށް ރާއްޖޭގެ ޓީމަށް ހުރަސްތަކެއް
ބޫޓާން އާއި ރާއްޖެ ބައްދަލުކުރި މެޗު ނިމުނީ އެއްވަރު ވެގެން / ފޮޓޯ: ޕީއެސްއެމް
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖޭގެ ޓީމުން ކުޅުނު ދެވަނަ މެޗު އެއްވަރުވެ، މުބާރާތުގައި ކުރިޔަށް ދިއުމަށް ކުރާ މަސައްކަތައް ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.
ގަލޮޅު ދަނޑުގައި މިރޭ ރާއްޖެއާ ބޫޓާންއާ ކުޅުނު މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި 0-0އިންނެވެ.
މި މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުން ވެސް، ދިވެހި ޓީމަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އެ މެޗުގައި ރާއްޖެއިން ދެ ގޯލުގެ ލީޑެއް ނަގާފައި ވަނިކޮށް، ސްރީ ލަންކާއިން ވަނީ ފަހަތުން އަރާ 3-2އިން ރާއްޖެ ބަލިކޮށްފައެވެ.
އެހެންކަމުން ގްރޫޕް ބުރުގެ ފަހު މެޗުގައި ރާއްޖެއިން ނޭޕާލް ބަލިކުރި ނަމަވެސް، 3 ޕޮއިންޓު ލިބިފައިވާ ސްރީ ލަންކާއިން ބޫޓާން ބަލިކޮށްފިނަމަ، ރާއްޖެއަށް މުބާރާތުގައި އިތުރަށް ކުރިޔަކަށް ނުދެވޭނެއެވެ.
މިރޭގެ މެޗުގައި ގޯލް ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ދިވެހި ޓީމުން ލިބުނީ އުއްމީދީ ފޯވާޑް އަދި ކެޕްޓަން އިލާން އިމްރާންއަށެވެ. މެޗުގެ 24 ވަނަ މިނެޓުގައި ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ކޮންޓްރޯލް ކޮށްލާފައި އިލާން ފޮނުވާލުމުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ފުރަތަމަ ހާފްގައި ބޫޓާންއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ 41ވަނަ މިނެޓުގައި އެ ޓީމުގެ 10 ނަންބަރު ސޮނަމް ދޮރްޖީއަށެވެ. ސޮނަމް އޭރިއާ ބޭރުން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ގޯލް މަތިން ބޭރަށެވެ.
މުޅި މެޗުގައިވެސް ބޫޓާންއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތުވެސް ލިބުނީ ސޮނަމް ދޮރްޖީއަށެވެ. މެޗުގެ 87 ވަނަ މިނެޓުގައި ދޮރްޖީ ޕެނަލްޓީ އޭރިއާ ކުރިމަތީގައި ހުރެފައި ފޮނުވާލި ބާރުހަމަލާ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.
މެޗުގެ އިތުރު ވަގުތުގައި ރާއްޖޭގެ އިލާންއަށާއި އަހުޒަމް ރަޝީދުއަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ގޯލެއް ކާޏިޔާޝުކުރެވޭ ގޮތް ނުވެ، މެޗު އެއްވަރުވީއެވެ.