ކުޅިވަރު
މާލޭގެ ހޫނު ގަދަވުމަކީ ގޮންޖެހުމަކަށް ވިޔަސް އަމާޒަކީ ތަށި: އިންޑިއާގެ ކޯޗު
އިންޑިއާގެ ޒުވާން ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު މަހޭޝް ގަވާލީ---
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ދިވެހިރާއްޖޭގައި ކުޅެމުންދާއިރު، މި މުބާރާތުގައި ވާދަކުރާ ޓީމުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހޫނު ގަދަވުން ކަމަށާއި، އެކަން އެހެން އޮތްނަމަވެސް އަމާޒަކީ މުބާރާތުގެ ތަށި ނެގުންކަމަށް، އިންޑިއާގެ ޒުވާން ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު މަހޭޝް ގަވާލީ ބުނެފިއެވެ.
މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމުތަކަށް ވެސް ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މާލޭގެ ހޫނު އަދި ތެތްކަން ގަދަ މޫސުން ކަމަށާއި މިއީ ހަމައެކަނި އިންޑިއާ ޓީމަށް އޮތް ގޮންޖެހުމެއް ނޫން ކަމަށް މަހޭޝް ވަނީ ބުނެފައެވެ. އަދި ހުރިހާ ޓީމުތަކުން ވެސް މި މޫސުމުގައި ކުޅެން ތައްޔާރުވާން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
އިންޑިއާގެ ޓީމުން ރާއްޖެއަށް މި މަހުގެ 23ވަނަ ދުވަހު އައުމަށްފަހު، މި މޫސުމަށް ހޭނުމުގެ ގޮތުން އެ ޓީމުން އަންނަނީ ލުއި ފަރިތަކުރުންތަކެއް ބާއްވަމުންނެވެ. މި ފަރިތަކުރުންތަކުގައި ކުޅުންތެރިންގެ ވަރުބަލިކަން ފިލުވުމަށާއި، ހަށިގަނޑަށް ބޭނުންވާ ފެން ހޯދައިދިނުމަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާނެކަމަށް ގަވާލީ ވަނީ ބުންޏެވެ.
މި މުބާރާތް 4 ފަހަރު ކާމިޔާބުކޮށްފައިވާ އިންޑިއާ ހިމެނެނީ ގްރޫޕް-ބީ ގައެވެ. އަދި މިހާތަނަށް މުބާރާތުގައި އެއްވެސް މެޗެއް ކުޅެފައި ނުވަނީ އެ ޓީމު އެކަންޏެވެ. އިންޑިއާއިން މުބާރާތުގައި ވާދަކުރާ ފުރަތަމަ މެޗު އޮންނާނީ މިއަދު ހަވީރު ޕާކިސްތާންއާ ދެކޮޅަށެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް އޮތް ބައްދަލުވުމުގައި އިންޑިއާގެ ކޯޗު ބުނީ، މިއީ އިންޑިއާއަށް މުހިންމު އަދި ޝަރަފުވެރި މުބާރާތެއް ކަމަށާއި، އެހެންކަމުން އިންޑިއާގެ ޒުވާން ޓީމުން މުބާރާތާއި މެދު ވަރަށް ސީރިއަސް ކަމަށެވެ. އަދި މިއީ އެ ޤައުމުގެ ޒުވާން ކުޅުންތެރިންނަށް ލިބޭ މުހިންމު ފުރުސަތެއްކަން އޭނާ ފާހަގަކުރިއެވެ.
އިންޑިއާއިން މި މުބާރާތުގެ އެންމެ ފަހުން ކާމިޔާބުކޮށްފައިވާއިރު، އެ ޓީމަކީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބުކޮށްފައިވާ ޓީމު ވެސް މެއެވެ.
އިންޑިއާ ހިމެނޭ ގްރޫޕުން ބަނގުލަދޭޝް ވަނީ ޕާކިސްތާން ބަލިކޮށް 3 ޕޮއިންޓު ހޯދާފައެވެ. އެހެންކަމުން މިއަދުގެ މެޗުން އިންޑިއާ މޮޅުވެއްޖެނަމަ ޕާކިސްތާނަށް މުބާރާތް ނިމޭނެއެވެ.