ކުޅިވަރު

ސެމީގައި ނޮދާރން އަޔަލޭންޑް ބަލިކޮށް އިޓަލީއިން ވޯލްޑް ކަޕްގެ ޖާގައަކާ ގާތަށް

ސެމީގައި ނޮދާރން އަޔަލޭންޑް ބަލިކޮށް އިޓަލީއިން ވޯލްޑް ކަޕްގެ ޖާގައަކާ ގާތަށް

އިޓަލީގެ ޓޮނާލީ ގޯލު ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

27 މާރިޗު 2026، 08:55

27 މާރިޗު 2026، 08:55

ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ލިބިފައިވާ އެންމެ ފަހު ފުރުސަތުގެ ބޭނުން ހިފުމަށް އިޓަލީއިން ކުރަމުންދާ މަސައްކަތުގައި، އެ މުބާރާތުގެ ޔޫރަޕިއަން ޕްލޭއޮފްގެ ސެމީ ފައިނަލް މެޗުގައި ނޮދާރން އަޔަލޭންޑުގެ މައްޗަށް 2-0އިން ކާމިޔާބު ހޯދައިފިއެވެ.

އިޓަލީގެ އެޓަލާންޓާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކާމިޔާބު ކުރުމުން، 12 އަހަރަށްފަހު އަނބުރާ ވޯލްޑް ކަޕުން އިޓަލީ ފެނުމާ ދޭތެރޭ ދެން އޮތީ އެންމެ މެޗެކެވެ. އެއީ ޕްލޭއޮފް ފައިނަލް މެޗެވެ.

ޕްލޭއޮފް ފައިނަލްގައި އިޓަލީއާ ދެކޮޅަށް ނިކުންނާނީ  ބޮސްނިއާ އެންޑް ހާޒަގޮވީނާއެވެ. އެ މެޗު ކުޅޭނީ މި މަހުގެ 31ވަނަ ދުވަހުއެވެ. އަދި އެ މެޗު އިޓަލީއިން ކާމިޔާބުކޮށްފިނަމަ، 2014ވަނަ އަހަރުގެ ފަހުން އިޓަލީއަށް އަލުން ވޯލްޑް ކަޕް ކުޅުމުގެ ފުރުސަތު ލިބޭނެއެވެ.

ޕްލޭ އޮފް ސެމީގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ. ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު އިޓަލީއިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ އޮއިވަރު ބަދަލުކޮށްފައެވެ. އެ ޓީމަށް މެޗުގެ 56ވަނަ މިނެޓުގައި ލީޑު ނަގައިދިނީ، އަނިޔާގައި ހުރުމަށްފަހު އެނބުރި އައި ސެންޑްރޯ ޓޮނާލީއެވެ. 

އެ ޓީމުގެ ދެވަނަ ގޯލަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވުމަށް 10 މިނެޓަށްވެފައި ވަނިކޮށް، ޓޮނާލީ ތަނަވަސްކޮށްދިން ފުރުސަތެއްގައި ފިއޮރެންޓީނާގެ ފޯވާޑް މޮއިސް ކީން ކާމިޔާބުކުރި ގޯލެކެވެ. 

ޔޫރަޕިއަން ޕްލޭއޮފްގެ ފައިނަލުގައި އިޓަލީ އާއި ދެކޮޅަށް ނިކުންނަ  ބޮސްނިއާ އެންޑް ހާޒަގޮވީނާ ވަނީ، ސެމީފައިނަލް މެޗުގައި ޕެނަލްޓީ ޖަހައިގެން ވޭލްސް ބަލިކޮށްފައެވެ. ކާޑިފްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1އިން ދެ ޓީމު އެއްވަރުވެފައިވުމުން، ޕެނަލްޓީ ޖަހައިގެން  ބޮސްނިއާ އެންޑް ހާޒަގޮވީނާ މޮޅުވެފައިވަނީ 4-3 ގެ ނަތީޖާއަކުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450