ކުޅިވަރު

ނޭޕާލް މެޗުން އެއްވަރުވެ ރާއްޖެއަށް ސެމީގެ ފުރުސަތު ގެއްލިއްޖެ

ނޭޕާލް މެޗުން އެއްވަރުވެ ރާއްޖެއަށް ސެމީގެ ފުރުސަތު ގެއްލިއްޖެ

ރާއްޖޭގެ ގޯލު ކާމިޔާބުކުރުމަށްފަހު އިލާން އުފާފާޅުކުރަނީ / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

27 މާރިޗު 2026، 06:24

27 މާރިޗު 2026، 06:24

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ދިވެހި ޓީމުން ކުޅުނު ފަހުމެޗުގައި ނޭޕާލްއާ އެއްވަރުވެ، ސެމީފައިނަލަށް ދިއުމުގެ ދޮރު ބަންދުވެއްޖެއެވެ.

ރާއްޖެއިން މި މެޗަށް ނިކުތްއިރު 1 ޕޮއިންޓު ލިބިފައިވުމުން، މި މެޗުން 3 ޕޮއިންޓު ހޯދުން ނޫންގޮތެއް ނެތެވެ. އަދި 3 ޕޮއިންޓު ހޯދި ނަމަވެސް، ސެމީގެ ޖާގައެއް ލިބެން އޮތީ ގްރޫޕްގެ ފަހު މެޗުގައި މިރޭ ބޫޓާން އާއި ސްރީ ލަންކާ ބައްދަލުކުރާ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ. ނަމަވެސް، ނޭޕާލް އާއި ރާއްޖެ ކުޅުނު މެޗު 1-1އިން އެއްވަރުވުމުން، ރާއްޖެއަށް އޮތް ހަނި ފުރުސަތު މިވަނީ ގެއްލިފައެވެ.

މި މެޗުގެ ނަތީޖާއާއެކު ނޭޕާލަށް 7 ޕޮއިންޓު ލިބިފައިވުމުން، އެ ޓީމަށް ވަނީ ގްރޫޕްގެ އެއްވަނަ ކަށަވަރުވެފައެވެ. އަދި ގްރޫޕްގެ ދެވަނައާއެކު މި ގްރޫޕުން ސެމީގެ ދެވަނަ ޖާގަ ލިބޭނީ ސްރީ ލަންކާ ނޫނީ ބޫޓާންއަށެވެ. އެގޮތުން މި ދެ ޓީމު މިރޭ ބައްދަލުކުރާއިރު، ބޫޓާން އެ ފުރުސަތު ހޯދުމަށް ޖެހޭނީ 2 ގޯލުގެ ތަފާތުން ލަންކާ ބަލިކުރާށެވެ. އަދި އެ ނޫން ނަތީޖާއެއް ނިކުމެއްޖެނަމަ ސެމީގެ ޖާގަ ލިބޭނީ ސްރީ ލަންކާއަށެވެ.

މިއަދު ހަވީރު ގަލޮޅު ދަނޑުގައި 3،800އަށް ވުރެ ގިނަ ކުޅިބެލުންތެރިންގެ ކުރިމަތީގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ރާއްޖެއިންނެވެ. މެޗުގެ 14ވަނަ މިނެޓުގައި ރާއްޖެއަށް ލީޑު ނަގައިދިނީ، ކެޕްޓަން މުޙައްމަދު އިލާން އިމްރާންއެވެ. މިއީ އީތަން އިބްރާޙިމް ޒަކީ ދިން ރީތި ބޯޅައަކުން، ހަނި އޭންގަލުން ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލައިގެން އިލާން ކާމިޔާބުކުރި ވަރަށް ރީތި ގޯލެކެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ރާއްޖޭގެ ޓީމުން ވަނީ ކުރީ ދެ މެޗަށް ވުރެ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނޭޕާލުން ވެސް ނުރައްކާތެރި ހަމަލާތަކެއް ރާއްޖޭގެ ގޯލަށް ފޮނުވާލިއެވެ.

މި މެޗުގެ ނަތީޖާ ނޭޕާލުން ހަމަހަމަކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވުމަށް 3 މިނެޓަށްވެފައި ވަނިކޮށް ނޭޕާލްގެ ޑިފެންޑަރު ނިޝަން ރާޖްއެވެ. އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ސުބާޝް ބޭމް ގޯލުގެ ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ނިޝަން ގޯލަށް ފޮނުވާލީ ބޮލުންނެވެ.

މި މުބާރާތުގައި ގްރޫޕް-ބީގެ އެއް މެޗު ބާކީ އޮތް ނަމަވެސް އެ ގްރޫޕުން ބަނގުލަދޭޝް އާއި އިންޑިއާ ވަނީ ސެމީގެ ޖާގަތައް ޔަޤީންކޮށްފައެވެ. 

މި މުބާރާތް އެންމެ ފަހުން ކާމިޔާބުކުރީ އިންޑިއާއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450