ޚަބަރު
ހއ. ތުރާކުނު ޞިއްޙީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވައި ބޭނުން ކުރަން ފަށައިފި
ތުރާކުނު ޞިއްޚީ މަރުކަޒަށް އިތުރުކުރި ބައި ހުޅުވުން. ފޮޓޯ: ޕީއެސްއެމް
ހއ. ތުރާކުނު ސިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމަށްޓަކައި އަލަށް އިމާރާތްކުރި ބައި ރަސްމީކޮށް ހުޅުވައި، އެތަނުން ޚިދުމަތް ދޭން ފަށައިފިއެވެ.
މި ބައި ހުޅުވުމަށް މިއަދު ތުރާކުނުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިކަން އިފްތިތާޙް ކޮށްދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމާއި، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.
މި ރަސްމިއްޔާތުގައި ސިއްޙީ ވުޒާރާގެ އިސްވެރިންނާއި، ތުރާކުނު ކައުންސިލްގެ މެންބަރުންގެ އިތުރުން ސިއްޙީ މަރުކަޒުގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ. ތުރާކުނު ސިއްޙީ މަރުކަޒަށް އަލަށް އިތުރުކުރެވުނު ބައިގެ ތެރޭގައި އޮފީސް ބަޔަކާއި، ޕަބްލިކް ހެލްތު ރޫމަކާއި، ސްޓޯރޫމެއްގެ އިތުރުން މީޓިން ރޫމެއް ހިމެނެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ، މިއީ އެ މަރުކަޒުގެ މުވައްޒަފުންނަށް މަސައްކަތް ކުރުމުގައި ލިބިގެންދާނެ ބޮޑު ލުއިފަސޭހަކަމެއް ކަމަށެވެ. "މުވައްޒަފުންގެ މަސައްކަތްތައް ފަސޭހަވުމަކީ ރައްޔިތުންނަށް ދެވޭ ޚިދުމަތް ރަނގަޅުވާނެ ކަމެއް،" ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ކުދި އާބަދީތަކަށް އިސްކަންދީގެން ސިއްޙީ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާ މިހާރު ފެންނަމުންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ޚިދުމަތްތައް އިފްތިތާޙް ކޮށްދެއްވުމަށްފަހު، ވަޒީރު ވަނީ ސިއްޙީ މަރުކަޒުގެ ސީނިއަރ މެނޭޖްމަންޓާ ބައްދަލުކުރައްވައި، މަރުކަޒަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ. އަދި މި ދަތިތަކަށް ހައްލު ހޯދުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެފަރާތުން މަޝްވަރާ ކުރައްވާފައިވެއެވެ.
ތުރާކުނު ސިއްޙީ މަރުކަޒަކީ މިހާރުވެސް 8 ގަޑިއިރު ޚިދުމަތް ދެމުންދާ ތަނެކެވެ. އެތަނުގައި 6 އެނދުގެ ވޯޑަކާއި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރެވިފައިވެއެވެ. ސަރުކާރުގެ އަމާޒަކީ އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް ތަރައްޤީކޮށް، ބޭސްފަރުވާއަށް މާލެއަށް ކުރަންޖެހޭ ދަތުރުތައް މަދުކުރުމެވެ.