ރިޕޯޓް

ދަރުމަވަންތަ ހޮސްޕިޓަލް މިނިވަންކޮށް، 500 މިލިއަން ޑޮލަރުގެ ސުކޫކް ރައީސް މުޢިއްޒު ދައްކަވައިފި

ދަރުމަވަންތަ ހޮސްޕިޓަލް މިނިވަންކޮށް، 500 މިލިއަން ޑޮލަރުގެ ސުކޫކް ރައީސް މުޢިއްޒު ދައްކަވައިފި

ދަރުމަވަންތަ ހޮސްޕިޓަލް މިނިވަންކޮށް، 500 މިލިއަން ޑޮލަރުގެ ސުކޫކް ރައީސް މުޢިއްޒު ދައްކަވައިފި

farudhun logo

ފަރުދުން

02 އޭޕްރީލު 2026، 11:32

02 އޭޕްރީލު 2026، 11:32

އެމްޑީޕީ ސަރުކާރުން 200 މިލިއަން ޑޮލަރު ހޯދަން އުޅެ، ފަހުން 500 މިލިއަން ޑޮލަރަށް ބަދަލުކޮށް ރަހުނުކުރި ދަރުމަވަންތަ ހޮސްޕިޓަލް މިނިވަންވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ އިޤްތިޞާދީ ސިޔާސަތުގެ ދަށުން، ދިވެހިރާއްޖޭގެ ތާރީޚުގައި ދައުލަތުން ދައްކަންޖެހުނު އެންމެ ބޮޑު އެއް ދަރަނި ކަމަށްވާ 500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކައި ޚަލާޞްކޮށްފިއެވެ. މިއާއެކު، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން މި ސުކޫކުގެ ރަހުނެއްގެ ގޮތުގައި ބަހައްޓާފައިވާ 140 މިލިއަން ޑޮލަރުގެ އަގުހުރި ދަރުމަވަންތަ ހޮސްޕިޓަލް ވަނީ އެއްކޮށް މިނިވަންވެފައެވެ. މިއީ 2026 ވަނަ އަހަރުގެ އޭޕްރީލް މަހަށް މުއްދަތު ހަމަވާގޮތަށް އޮތް ބޮޑު ދަރަންޏެކެވެ. މި ދަރަނި އަދާކުރުމަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ މިނިވަންކަން ކަށަވަރުކުރުމަށާއި، ބައިނަލްއަޤްވާމީ މާލީ ބާޒާރުގައި ރާއްޖޭގެ އިތުބާރު ދެމެހެއްޓުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ހޯދި ވަރަށް ބޮޑު ކާމިޔާބީއެކެވެ.

އެމްޑީޕީ ސަރުކާރުގެ ދަރަނީގެ މަޅި

މި 500 މިލިއަން ޑޮލަރުގެ ސުކޫކަކީ 2021 ވަނަ އަހަރު އެމްޑީޕީ ސަރުކާރުން ނަގާފައިވާ ބޮޑު ދަރަންޏެކެވެ. ފުރަތަމަ އެ ސަރުކާރުން އަމާޒުހިފީ 200 މިލިއަން ޑޮލަރުގެ ބޮންޑެއް ނެގުމަށެވެ. ނަމަވެސް، ފަހުން އެ ޢަދަދު 500 މިލިއަން ޑޮލަރަށް އިތުރުކޮށް، ބައިނަލްއަޤްވާމީ މާލީ ބާޒާރުގައި ސުކޫކެއްގެ ގޮތުގައި ވިއްކީއެވެ. މި ފައިސާ ހޯދުމަށްޓަކައި އެމްޑީޕީ ސަރުކާރުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލް، ކޭމަން އައިލެންޑްސްގައި ހެދި ޚާއްޞަ ކުންފުންޏެއް ކަމަށްވާ "މޯލްޑިވްސް ސުކޫކް އިޝުއަންސް ލިމިޓެޑް" އަށް ވިއްކާލުމަށްފަހު އަނބުރާ ކުއްޔަށް ހިފާފަދަ އުޞޫލަކުން ރަހުނުކޮށްފައެވެ. މިއީ ދިވެހިރާއްޖޭގެ ތާރީޚުގައިވެސް ދައުލަތުގެ މިފަދަ ބޮޑު ބިނާއެއް ބޭރުގެ ބަޔަކަށް ރަހުނުކުރި ފުރަތަމަ ފަހަރެވެ.

އެމްޑީޕީ ސަރުކާރުން އޭރު ބުނަމުންދިޔައީ މިއީ އިޤްތިޞާދު މެނޭޖުކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. އެ ސަރުކާރުން މި ދަރަނި ނެގީ މީގެ ކުރިން ނަގާފައިވާ "ސަނީ ސައިޑް ބޮންޑް" ގެ 250 މިލިއަން ޑޮލަރު ދެއްކުމުގެ ނަމުގައެވެ. އެހެންނަމަވެސް، 250 މިލިއަން ޑޮލަރުގެ ދަރަންޏެއް އަދާކުރުމަށް 500 މިލިއަން ޑޮލަރުގެ އައު ދަރަންޏެއް ނެގުމަކީ އިޤްތިޞާދީ ގޮތުން އެއްވެސް ހަމައަކަށް ފެތޭ ކަމެއް ނޫނެވެ. އަދި މި ސުކޫކް ނަގާފައިވަނީ 9.875 އިންސައްތައިގެ އިންތިހާއަށް ބޮޑު އިންޓަރެސްޓް ރޭޓެއްގައެވެ. މީގެ ނަތީޖާއަކަށްވީ، ދައުލަތުގެ މާލިއްޔަތަށް އުފުލަންޖެހޭ ބުރަ ދެގުނަ ބޮޑުވެ، 2026 ވަނަ އަހަރު އަންނައިރު ރާއްޖެ ބަނގުރޫޓުވުމުގެ ބިރާ ކުރިމަތިލާން ޖެހުމެވެ.

އިޤްތިޞާދު ބެލެހެއްޓުމުގެ ތަފާތު

މި ދެ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތު އަޅާކިޔާއިރު ފެންނަނީ ވަރަށް ތަފާތު މަންޒަރެކެވެ. ރައީސް ޞާލިޙުގެ ސަރުކާރުން ފެނިގެންދިޔައީ ދޯހަޅި، ޒިންމާދާރުކަން ކުޑަ މާލީ ސިޔާސަތުތަކެކެވެ. ދައުލަތުގެ އެންމެ ބޮޑު އެއް ހޮސްޕިޓަލް ބޭރުގެ ފަރާތްތަކަށް ރަހުނުކޮށް، ދަރަނި ނަގައިގެން ދަރަނި ދެއްކުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ވަޅުގަނޑަކަށް ވެއްޓުނެވެ. އެ ސަރުކާރުން ދަރަނި ނެގިއިރު، އެ ފައިސާ އަނބުރާ ދައްކާނެ އެއްވެސް ހަރުދަނާ ޕްލޭނެއް އެކުލަވާލާފައެއް ނުވެއެވެ. އެމްޑީޕީގެ އިސްވެރިންނާއި ކުރީގެ ވަޒީރުން ދާދި ފަހަކާ ޖެހެންދެންވެސް ގެންދެވީ، މި ސުކޫކް ނުދެއްކޭނެ ކަމަށާއި ރާއްޖެ ޑީފޯލްޓްވާނެ ކަމަށް ބުނެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން މަސައްކަތްކުރައްވަމުންނެވެ.

އޭގެ އިދިކޮޅަށް، ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ފެނިގެންދިޔައީ އިޤްތިޞާދު ކޮޅަށްޖެހުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅުތަކެވެ. ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް ޑޮލަރުން ފައިސާ ޖަމާކުރަން ފައްޓަވައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވިއެވެ. ބޭރުގެ ފައިސާގެ ޤާނޫނަށް ގެނައި ބަދަލުތަކާއެކު ދައުލަތަށް ވަންނަ ޑޮލަރުގެ ނިސްބަތް އިތުރުކުރެއްވިއެވެ. ފިޗް އަދި މޫޑީސް ފަދަ ބައިނަލްއަޤްވާމީ ރޭޓިންގ އޭޖެންސީތަކުން ރާއްޖޭގެ ދަރަނި އަދާކުރުމުގެ ޤާބިލުކަމާމެދު ސުވާލު އުފައްދާފައިވަނިކޮށް، ރައީސް މުޢިއްޒުގެ ސަރުކާރުން ވަނީ އެއްވެސް އިތުރު ބޮޑު ދަރަންޏެއް ނުނަގައި، ދައުލަތުގެ އަމިއްލަ ފުދުންތެރިކަމުގެ ތެރެއިން މި 500 މިލިއަން ޑޮލަރުގެ ބޮޑު ދަރަނި ދައްކަވާފައެވެ. މިއީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި މި ސަރުކާރުގެ ޤާބިލުކަން ސާބިތުކޮށްދިން ކަމެކެވެ.

ޤައުމީ އިޤްތިޞާދަށް ލިބުނު ދިރުން

500 މިލިއަން ޑޮލަރުގެ ސުކޫކް ދައްކައި ޚަލާޞްކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ވަރަށް ބޮޑު ދިރުމެކެވެ. މީގެ ސަބަބުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އިންވެސްޓަރުންގެ މެދުގައި ރާއްޖެއާމެދު އޮތް އިތުބާރު ވަނީ އާލާވެފައެވެ. ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުން ވީއްލުމަކީ، ދައުލަތުގެ މުދާ ޙިމާޔަތްކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން އަންގައިދޭ ކަމެކެވެ. ކުރިއަށް އޮތް ތަނުގައިވެސް އިޤްތިޞާދީ ހަމަޖެހުން ޤާއިމުކޮށް، ދަރަނީގެ އަޅުވެތިކަމުން ޤައުމު ސަލާމަތްކުރުމުގައި ރައީސް މުޢިއްޒުގެ ސަރުކާރުން ސާބިތުކަމާއެކު ދެމިއޮންނާނެކަން މިވަނީ ކަށަވަރުވެފައެވެ. ސަރުކާރުގެ އަމާޒަކީ ދަރަނި ކުޑަކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ފުދުންތެރި އިޤްތިޞާދެއް ބިނާކުރުމެވެ. މި ފިޔަވަޅާއެކު، ކުރިއަށް އޮތް ތަނުގައި ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް އައުމަށް އިތުރު މަގުތަކެއް ފަހިވެގެންދާނެއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު

ލިޔުން ޝާއީ ކުރިތާ 48 ގަޑިއިރުވެފައިވާތީ ހިޔާލު ހުށައެޅުމުގެ ފުރުސަތު ބަންދުކުރެވިފައި