ކުޅިވަރު
އިންޑިއާ ބަލިކޮށް 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ބަނގުލަދޭޝް ކާމިޔާބުކޮށްފި
ބަނގުލަދޭޝްއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުން / ފޮޓޯ: ސާފް
އިންޑިއާ ބަލިކޮށް ބަނގުލަދޭޝްއިން 20 އަހަރުން ދަށުގެ ސާފު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފިއެވެ. ބަނގުލަދޭޝްއިން ފައިނަލް މެޗުގައި އިންޑިއާގެ މައްޗަށް ކުރިހޯދީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 0-0 އިން އެއްވަރުވެފައި އޮތުމުން، ޕެނަލްޓީގައި 4-3އިން އިންޑިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ.
ގަލޮޅު ދަނޑުގައި ހަތަރުހާހަށް ވުރެ ގިނަ ކުޅިބެލުންތެރިންނާއެކު ކުރިޔަށްދިޔަ މި މެޗު ފަށައިގެން ދެ ޓީމުން ވެސް ވަނީ ހަމަހަމަ ކުޅުމެއް ދައްކާފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ފަހުކޮޅަށް ދިޔައިރު، ބަނގުލަދޭޝްއިން ގިނަ ވަގުތު ބޯޅަ ގެންގުޅެ، އިންޑިއާގެ ގޯލަށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. ނަމަވެސް ދޭތެރެދޭތެރެއިން އިންޑިއާ ވެސް ދިޔައީ ބަނގުލަދޭޝްގެ ގޯލަށް ނުރައްކާކުރަމުންނެވެ.
ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ދެ ޓީމުން ވެސް ފެނުނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެން މަސައްކަތް ކުރަމުންދާތަނެވެ. އެހެންކަމުން މި ހާފުގައި ދެ ކޮޅުގެ ގޯލަށް ވެސް ފޮނުވާލެވުނީ މަދު ހަމަލާތަކެކެވެ. އަދި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި އިންޑިއާއިން ފޮނުވާލި ފުރަތަމަ ޕެނަލްޓީ ވަނީ ބަނގުލަދޭޝްގެ ކީޕަރު މަތަކޮށްފައެވެ. އޭގެ ފަހުން އިންޑިއާއަށް ހަމަނޭވާއެއް ލެވުނީ ބަނގުލަދޭޝްގެ ހަތަރުވަނަ ޕެނަލްޓީ ހުރަސް ދަނޑީގައި ޖެހި ނާކާމިޔާބުވުމުންނެވެ. ނަމަވެސް އިންޑިއާގެ ފަހު ޕެނަލްޓީ ގޯލާ އަމާޒު ނުވުމުން، ބަނގުލަދޭޝްއިން ވަނީ އެ ޓީމުގެ ފަހު ޕެނަލްޓި ކާމިޔާބުކޮށް މުބާރާތުގެ ތަށި ދިފާއުކޮށްފައެވެ.
މި މުބާރާތުގައި އިންޑިއާ އާއި ބަނގުލަދޭޝް ހިމެނުނީ އެއް ގްރޫޕެއްގައެވެ. މި ދެ ޓީމު ގްރޫޕް ސްޓޭޖުގައި ބައްދަލުކުރި މެޗު ނިމުނީ 1-1އިން އެއްވަރުވެގެނެވެ. އެ މެޗުގައި ފުރަތަމަ ލީޑު ނެގީ އިންޑިއާއިންނެވެ. އެއީ ފުރަތަމަ ހާފުގެ 17ވަނަ މިނެޓުގައެވެ. އަދި ބަނގުލަދޭޝްއިން ވަނީ އެ ހާފުގެ އިތުރު ވަގުތުގައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި މެޗު އެއްވަރުވުމުން، ގްރޫޕްގެ އެއްވަނަ ކަނޑައެޅީ ޖެހި ގޯލުންނެވެ. އެގޮތުން ކުރި ލިބުނީ އިންޑިއާއަށެވެ.
ސެމީ ފައިނަލްގައި އިންޑިއާއިން ވަނީ ބޮޑު ތަފާތަކުން ބޫޓަން ބަލިކޮށްފައެވެ. އެ މެޗު އިންޑިއާއިން 5-0އިން ކާމިޔާބުކުރިއިރު، ބަނގުލަދޭޝް ވަނީ ސެމީގައި 1-0އިން ނޭޕާލް ބަލިކޮށްފައެވެ.