ޚަބަރު
ސަރުކާރުގެ އަމާޒަކީ ސައިންސްގެ އަލީގައި ސިއްހީ ފަރުވާ އާއި ހިދުމަތްތައް ބައްޓަންކުރުން: ވަޒީރު ނާޡިމް
ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހިމް
ސިއްހީ ދާއިރާއިން ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުތަކަކީ ސާބިތު ހިފޭ މެޑިކަލް ސައިންސްގެ ހޯދުންތަކުގެ މައްޗަށް ބިނާވެފައިވާ ކަންކަން ކަމަށް ޞިއްޙީ ވަޒީރު އަބްދުﷲ ނާޡިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން ދެއްވި ހިތާބެއްގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ސައިންސްގެ އަލީގައި ސިއްހީ ފަރުވާ އާއި ހިދުމަތްތައް ބައްޓަންކުރުމެވެ.
ވަޒީރު ނާޡިމް ވިދާޅުވި ގޮތުގައި ޞިއްޙީ ދާއިރާގެ ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރިއަށްދަނީ ސައިންޓިފިކް ހޯދުންތަކަށް ބަރޯސާވެގެންނެވެ. އޭގެ ތެރޭގައި ޕްރައިމަރީ ހެލްތު ކެއާ، ޕްރިވެންޓިވް ކެއާ، ދުންފަތުގެ ވަބާއިން ސަލާމަތްކުރުން، އަދި ގައިންގަޔަށް ނާރާ ބަލިތައް ދުރާލާ ދެނެގަތުން ހިމެނެއެވެ. މީގެ އިތުރުން ޓީބީ އާއި އެޗްއައިވީ ފެތުރުން ހުއްޓުވުމާއި، ވެކްސިން ދިނުމާއި، ޓެލެ މެޑިސިން ފަދަ ޒަމާނީ ހިދުމަތްތަކަކީ ވެސް މެޑިކަލް ސައިންސްގެ ހެކިތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ސިޔާސަތުތަކެއްކަން އޭނާ ބަޔާންކުރެއްވިއެވެ.
މިއަހަރުގެ ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ޝިއާރަކީ ޞިއްޙީ ދާއިރާގައި ސައިންސާއެކު ކުރިއަށް ދިއުން ކަމަށްވާއިރު، މިނިސްޓަރު ވިދާޅުވީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި އދ. ގެ އެހެން އިދާރާތަކުން ދޭ ސައިންޓިފިކް އިރުޝާދުތައް ރާއްޖެއިން އަބަދުވެސް ބަލައިގަންނަ ކަމަށެވެ. މިފަދަ ޖަމިއްޔާތަކާ ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ދެމެހެއްޓެނިވި ދުޅަހެޔޮކަން ކަށަވަރު ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސޯޝަލް މީޑިއާ އާއި އެކި ޕްލެޓްފޯމްތަކުގައި ފަތުރާ ހަގީގަތާ ހިލާފު ވާހަކަތަކާ މެދު މިނިސްޓަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. "ޞިއްޙީ ކަންކަމާގުޅޭގޮތުން ވަކިން ހާއްސަކޮށް ބަލިބައްޔާއި ބަލި ޖެހުމާއި ބަލި ފެތުރުމާއި އަދި ބަލިތަކުން ފަރުވާ ހޯދުމާގުޅޭގޮތުން ސާބިތުނުހިފޭ ޔޯލަ ވާހަކަދެއްކުމާއި ސާބިތު ނުހިފޭ ފަރުވާ އާއި ހައްލުތައް ބުނެދިނުމާއި އަދި ބައެއް ފަހަރަށް ވެކްސިނާއި ތަހުލީލުތަކާއި ބޭހާއި ޑަކްޓަރީ ފަރުވާއާ ގުޅޭގޮތުން ކަނޑައެޅިގެން ދޮގު މައުލޫމާތު ފެތުރުމާއި ބޭހުގެ ބަދަލުގައި އެވެނި ކަމެއްކުރުމަށް ނުވަތަ މި ވެނި އެއްޗެއް ބޭނުންކުރުމަށް ވަކާލާތު ކުރާތަން ފާހަގަކުރެވޭ،" ވަޒީރު ވިދާޅުވިއެވެ.
ހިތާބު ނިންމަވާލައްވަމުން ވަޒީރު ނާޡިމް ވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމުން ލިބުނު ފިލާވަޅުތައް ހަނދާންކޮށްދެއްވާފައެވެ. "ޞިއްޙީ ފަރުވާ އާއި ހިދުމަތާއި ބަލިތައް ދެނެގަތުމާއި ރައްކާތެރިވުމުގައި ސައިންސަށް ބަރޯސާވުމުގެ މުހިއްމުކަން، ރާއްޖެއާއި މުޅި ދުނިޔެއަށް ވެސް ސާބިތުކޮށްދިން ކޮވިޑް-19 އަދި އެ ވަބާއިން ރާއްޖެ އަރައިގަތުމުގައި ޞިއްޙީ ދާއިރާިން ގެންގުޅުނު ސިޔާސަތު އަޅުގަނޑުމެންގެ ތާޒާ ހަނދާނުގައި މިއަދު ވެސް އެބަހުރި،" ވަޒީރު ވިދާޅުވިއެވެ.