ކުޅިވަރު
ޗެމްޕިއަންސް ލީގު: 25 އަހަރަށް ފަހު ބެޔާންއިން ރެއާލްގެ ދަނޑުގައި އެ ޓީމު ބަލިކޮށްފި
ބެޔާންގެ ދެވަނަ ގޯލު ކާމިޔާބުކުރުމަށްފަހު ހެރީ ކޭން އުފާފާޅުކުރަނީ---
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޖަރުމަނުގެ ބެޔާން މިއުނިކުން މެޑްރިޑްގެ ސެންތިއާގޯ ބާރނަބެއުގައި ރެއާލް މެޑްރިޑް 2-1އިން ބަލިކޮށްފިއެވެ. މިއާއެކު ކުއާޓާގައި ކުރި ހޯދުމުގެ އިތުރުން، 25 އަހަރަށްފަހު އެ ދަނޑުގައި ރެއާލް ބަލިކުރުމުގެ ހިންހަމަޖެހުން ވެސް ބެޔާން މިވަނީ ހޯދާފައެވެ.
މި މެޗު ފަށައިގެން މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދަމުން ދިޔައީ ބެޔާންއެވެ. އަދި ފުރަތަމަ ހާފުގައި އެ ޓީމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ބޭކާރުވީ ފަހަތަށް ކުޅެމުންދާ ޑަޔޮޓް އުޕަމެކާނޯގެ އަތުންނެވެ. ކޯނަރަކުން ފަހިވި ފުރުސަތެއްގައި އުޕަމެކާނޯއަށް މެޗުގެ ކުރީކޮޅު ލީޑު ނަގާ ނުދެވުނީ، ގޯލާ ފޫޓެއްހާ ހިސާބުން އޭނާ ގޯލުގެ ތެރެއަށް ފޮނުވާލަން މަސައްކަތްކުރި ބޯޅަ ރަނގަޅަށް ފޮނުވާ ނުލުމުންނެވެ. ނަތީޖާއަކަށްވީ ގޯލުގެ ރޮނުމަތިން ރެއާލްގެ އަލްވާރޯ ކަރޭރާސް އެ ބޯޅަ ދިފާއު ކުރުމެވެ.
ނަމަވެސް ލިބުނު އެހެން ފުރުސަތެއްގެ ބޭނުން ހިފައި ބެޔާންއިން ވަނީ ފުރަތަމަ ހާފު ނިމެން 4 މިނެޓަށްވެފައި ވަނިކޮށް ލީޑު ނަގާފައެވެ. ލުއިޒް ދިއާޒް ކާމިޔާބުކުރި މި ގޯލަކީ ސާރޖް ނަބްރީ ރެއާލްގެ ޑިފެންޑަރުންތަކުގެ ތެރެއިން ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ރެއާލްއަށް އިތުރަށް އުނދަގޫވީ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި ހެރީ ކޭންގެ ގޯލަކުން ބެޔާންގެ ލީޑު ފުޅާކުރުމުންނެވެ. ނަމަވެސް ރެއާލްއިން މެޗުގެ ނަތީޖާ އަނބުރާލުމަށް ކުރަމުން ދިޔަ މަސައްކަތުން މެޗުގެ އޮއިވަރު އެއްކޮށް ބަދަލުވެދާނެފަދަ އިހުސާސްތަކެއް ގެނުވި ވަގުތުތަކެއް ވެސް ދިޔައެވެ. އެގޮތުން ވިނީސިއަސް ޖޫނިއަރ ބެޔާންގެ ގޯލަށް އަމާޒުކުރި ހަމަލާތަކުގެ އިތުރުން، ކީލިއަން އެމްބައްޕޭ ގޯލަށް ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ބެޔާންގެ ގޯލްކީޕަރު މެނުއެލް ނޯޔާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ރެއާލްއަށް ފަރަގު ކުޑަކޮށްދިނީ މެޗުގެ 74ވަނަ މިނެޓުގައި އެލެކްސެންޑަރ އާނޯލްޑުގެ ހުރަހަކުން އެމްބައްޕޭ ކާމިޔާބުކުރި ގޯލަކުންނެވެ. އެއީ ޗެމްޕިއަންސް ލީގުގެ މި ސީޒަނުގައި އޭނާގެ 14ވަނަ ގޯލެވެ.
އެ ގޯލަށް ފަހު ދެ ޓީމަށް ވެސް ވަނީ ގޯލު ޖަހާނެ އިތުރު ފުރުސަތުތައް ލިބިފައެވެ. އެގޮތުން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބެޔާންގެ ޖަމާލް މުސިއާލާއަށް ލިބުނު ފުރުސަތު ވެސް ފާހަގަކޮށްލެވެއެވެ.
މެޗަށްފަހު ދިން އިންޓަވިއުއެއްގައި ބެޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބުނީ ނަތީޖާއާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، ދެވަނަ ލެގު ބިނާކުރާނީ މި ނަތީޖާގެ މައްޗަށް ކަމަށެވެ.
އަދި ރެއާލްގެ ކޯޗު އަލްވާރޯ އަރބިލޯއާ ބުނީ، އިންޓަވަލް ގަޑީގައި ކުރިޔަށް ގެންދިޔަ މަޝްވަރާތަކަށް ޢަމަލުކުރަން އުނދަގޫވެ މެޗު ގެއްލުނީ، ދެވަނަ ހާފު ފެށިގޮތަށް ކޭން ކާމިޔާބުކުރި ގޯލުން ކަމަށެވެ.